ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކުރި ފަސް މީހުން ދޫކޮށްލައިފި

މި މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލައި މި މަހުގެ 10 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއިން ހައްޔަރުކުރި ފަސް މީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން މިއަދު ދޫކޮށްލައިފި އެވެ.


އެ މުޒާހަރާގައި ދެ ކައުންސިލަރަކާއި އެމްޑީޕީ ޔޫތު ވިންގުގެ ތިން މީހުން ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ގދ. ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލާއި އއ. ރަސްދޫ ކައުންސިލް މެމްބަރު އަބްދުﷲ އަނިލް ފަސް ދުވަހަށް ޖަލު ބަންދެއްގައި ހުރި އިރު، އަނެއް ތިން މީހުން ގޭ ބަންދުގައި ބަހައްޓަން ކޯޓުން ކުރިން އަމުރުކުރި އެވެ.

ފުލުުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ދެން ހައްޔަރުކުރީ އެމްޑީޕީ ޔޫތު ވިންގުގެ ރައީސް މީކާއިލް ނަސީމާއި އެ ވިންގުގެ ދެ މެމްބަރުން ކަމަށްވާ ސަފާތު އަހުމަދާއި ވަކީލް ޝީނާ މުހައްމަދެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާއިރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މާލޭގައި ދަނީ އެއްވުން ބާއްވަމުންނެވެ. އެކަމަކު އިދިކޮޅު ހަރަކާތުން ތަނަކަށް އެއްވާއިރަށް ފުލުހުން ގޮސް ރޫޅާލަ އެވެ.