އިދިކޮޅު ކޯލިޝަންގެ އިސް އެއް ލީޑަރު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން އިބޫ ހައްޔަރުކޮށްފައިވަނީ މުޒާހަރާގެ ބައިވެރިންނާ އެކު ޖުމްހޫރީ މައިދާން ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދަވަނިކޮށެވެ. އެމްޑީޕީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި އިބޫ މިހާރު ވަނީ ދޫނިދުއަށް ގެންގޮސްފަ އެވެ.
އިބޫގެ އިތުރުން ރާއްޖޭގެ ސިޔާސީ ދާއިރާގެ އިސް އެތައް ބޭފުޅުންނެއް ވެސް މިހާރު ތިއްބެވީ ދޫނިދޫގައި ބަންދުކޮށްފަ އެވެ. އޭގެ އިތުރުން އިދިކޮޅު ހަރަކާތުގެ އިސް އެތައް ހިންގުންތެރިންނެއް ވެސް ދޫނިދޫގައި ބަންދުކޮށްފައިވެ އެވެ.
މިއީ އިބޫ ހައްޔަރުކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ރައްޔިތުންގެ މަޖިލިހުގެ އިދާރާ ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް، ފުލުހުންގެ ސަފުތައް ފޫއަޅުވާލި މައްސަލައިގެ ތުހުމަތުގައި އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގު ކުރި އެވެ.
އިބޫގެ އިތުރުން ރޭގެ މުޒާހަރާގައި ގިނަ އަދަދެއްގެ އާންމުން ހައްޔަރުކުރި އެވެ.
މަޖީދީމަގުން ރޭ ފެށި މުޒާހަރާ ފުލުހުން ރޫޅާލުމުން މުޒާހަރާގެ ބައިވެރިން ދިޔައީ ޖުމްހޫރީ މައިދާނާ ދިމާއަށެވެ. ރޭ 2:00 ޖަހަންދެން ކުރިއަށް ގެންދިޔަ އެ މުޒާހަރާ އެންމެ ފަހުން ހުއްޓުވީ ކަރުނަގޭސް ޖަހައިގެންނެވެ. މިއީ 2015 ގެ ފަހުން އާންމުންނާ ދެކޮޅަށް ކަރުނަ ގޭސް ބޭނުންކުރި ދެ ވަނަ ފަހަރެވެ. ފެބްރުއަރީ 1 ގެ ސުޕްރީމް ކޯޓުގެ އަމުރަށް ފަހު އާޓިފިޝަލް ބީޗު ސަރަހައްދަށް އެއްވި މީހުން ފޮނުވާލީ ވެސް ކަރުނަ ގޭސް ޖަހައިގެންނެވެ.