ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް އިތުރުކުރަން ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންނެވި ގޮތަށް ރައްޔިތުންގެ މަޖިލިހުގެ ސަރުކާރު ކޯލިޝަންގެ މެމްބަރުން ދެންމެ ފާސްކޮށްފި އެވެ.

އެކަމަކު ވޯޓު ނެގީ، ކުރިން ގާނޫނީ ގޮތުން ދައްކަމުން އައި ވާހަކަތަކާ މުޅިން ހިލާފަށް، ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 38 ވަނަ މާއްދާ، ސަރުކާރު ކޯލިޝަނުން ބޭނުންވާ ގޮތަށް މާނަކުރުމަށް ފަހު، ކޯރަމްގެ އަދަދު ދަށްކޮށްގެންނެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން ރައްޔިތުން އަމަލްކުރަން ލާޒިމް ކޮންމެ ކަމެއް މަޖިލިހުން ފާސްކުރަން ޖެހޭނީ މަޖިލިހުގެ ޖުމްލަ އަދަދުގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނައިން މެމްބަރުން ހާޒިރުވެ ތިބެ ނަގާ ވޯޓެއްގަ އެވެ. އެކަމަކު މަޖިލިހުން މިހާރު ތަރުޖަމާކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު، ރައްޔިތުން އަމަލްކުރުން ލާޒިމްކުރާ ކަންކަމުގެ ތެރޭގައި ހިމަނާފައި ނުވާ ކަމަށެވެ. އެހެންކަމުން ޖަލްސާގައި ވޯޓަށް އެހީ ތިން ބައި ކުޅަ އެއް ބައި މެމްބަރުން ތިބެގެން ޖަލްސާއެއް ބޭއްވޭނެ ކަމަށް ބުނާ މާއްދާއަށް ފައްތައިގެންނެވެ. މަޖިލިހުގެ ސިމްޕަލް ކޯރަމަކީ 21 މެމްބަރުންނެވެ. މިއަދުގެ މުހިންމު ޖަލްސާގައި 38 މެމްބަރުން ބައިވެރިވެވަޑައިގަތެވެ.