އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހަށް ބިރުދެއްކިކަމުގެ ތުހުމަތުގައި އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ހާޝިމް (ސުމިތު) ރޭ ހައްޔަރުކޮށްފި އެވެ.

ރޭ ދަންވަންދެން މާލޭގައި އިދިކޮޅު ހަރަކާތުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރޭގައި އޭނާ ހައްޔަރުކުރުމުން ފުރަތަމަ ބެލެވުނީ މުޒާހަރާއާ ގުޅިގެން ފުލުހުން އޭނާ ގެންދަނީ ކަމަށެވެ. އެހެން ރޭތަކާ ހިލާފަށް ރޭ ވަނީ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފަ އެވެ.

އެކަމަކު އޭނާ ހައްޔަރުކުރުމަށް ފަހު ފުލުހުން ދިން ފޯމްގައި އޭގެ ސަބަބެއް ކަމަށް ބުނެފައި ވަނީ "ރައްޔިތުންގެ މަޖިިހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުއަށް ހއ. ދިއްދޫ/އޯޓަމްވާދީ، އަލީ ހާޝިމް ބިރުދައްކާ އިންޒާރު ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި" ކަމަށެވެ.

މާޗު 14 ވަނަ ދުވަހު ރެސްޓޯރެންޓެއްގައި ފަލާހު އިންނަވަނިކޮށް ސުމިތުގެ ޓްވިޓާ އެކައުންޓުން ވަނީ ވީޑިއޯއެއް ލައިވްކޮށްފަ އެވެ. އަދި ފަލަހާއާ އެކު ސުމިތު ނަގާފައިވާ ސެލްފީއެއް ވެސް އޭނާ ވަނީ އާންމުކޮށްފަ އެވެ. އެހެންކަމުން އެ ވީޑިއޯގައި ވާހަކަ ދައްކަނީ ސުމިތު ކަމަށް ބެލެވެ އެވެ.

އެ ވީޑިއޯގައި ފަލާހާ ސުވާލުކުރަނީ "އަފްރާޝީމް މަރާލީ ކާކުހޭ" ކިޔާފަ އެވެ.

ސުމިތަކީ އަފްރާޝީމްގެ މަރުގެ މައްސަލާގައި ފުރަތަމަ ހައްޔަރުކުރި މީހުންގެ ތެރެއިން އެކެކެވެ. ނަމަވެސް އެކަމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަށް ނުފެންނާތީ ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

ވީޑިއޯ ނަގަން ފެށުމުން ފަލާހު ވިދާޅުވަނީ "ޔޫ ނަގާ ބަލަ ފޮޓޯ" މިހެންނެވެ. އެއަށް ރައްދުދެމުން ސުމިތު ވާހަކަ ދައްކަ އެވެ. އަދި އުޅެ ބޮޑުވީ "ދޫނިދޫ ރިސޯޓް އެންޑް ސުޕާ"ގައި ކަމަށް ވެސް ބުނެ އެވެ.

ވީޑިއޯގައި ފަލާހުގެ ފޭސްބުކް އެކައުންޓެއްގެ ވާހަކަ ވެސް ސުމިތު ދައްކަ އެވެ. އެކަމަކު ފަލާހު ވިދާޅުވަނީ އެއީ އޭނާގެ އެކައުންޓެއް ނޫން ކަމަށެވެ. އޭގެ ފަހުން ފަލާހުގެ އަސްލު އެކައުންޓްގައި ނަން އޮންނަ ގޮތް ކިޔައިދެއްވަ އެވެ.