ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެޅި ހުރިހާ ފިޔަވަޅެއް ބާތިލް: ވަކީލުން

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވަން ރައީސް އަބްދުﷲ ޔާމީން މި މަހު 5 ގައި ނެރުއްވި ގަރާރުގެ ދަށުން މިހާތަނަށް އަޅާފައިވާ ހުރިހާ ފިޔަވަޅުތަކަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު، ބާތިލް ފިޔަވަޅުތަކެއް ކަމަށް ބުނެ ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ރާއްޖޭގެ ވަކީލުންތަކެއް މިއަދު ގޮވާލައްވައިފި އެވެ.


ބަޔާނުގައި ސޮއިކުރައްވާފައިވާ ވަކީލުންގެ ތެރޭގައި ޝާހީން ހަމީދާއި މައުމޫން ހަމީދު ހިމެނިވަޑައިގަންނަވަ އެވެ. ޝާހީން ވަނީ ފަނޑިޔާރުން ރަހީނުކޮށްގެން އިންސާފު ނުލިބޭނެ ކަމަށް ވިދާޅުވެ، ޖުޑީޝަރީ މިނިވަންކުރުމަށް ވަކީލުން ގުޅިގެން މަސައްކަތް ކުރުމަށް މީގެ ކުރިން ގޮވައިލައްވައިފަ އެވެ.

މި މަހުގެ 5 ގައި ރައީސް ޔާމީން ނެރުއްވި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން، އިތުރު 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު ދިގުދަންމައި ފިޔަވަޅުތަކެއް އަޅަމުން ދިޔަ ނަމަވެސް އެއީ، ގާނޫނުއަސާސީއާ ޚިލާފު ކަންތައްތަކެއް ކަން ސާބިތުކޮށްދޭން ބަޔާނުގައި ގިނަ ހުއްޖަޖުތަކެއް ދައްކާފައިވެ އެވެ.

މި ހާލަތު، ގާނޫނާ ޚިލާފު ކަމަށް ވަކީލުން ވިދާޅުވާ ސަބަބުތައް:

- ރައީސް ނެރުއްވި ގަރާރު، ގާނޫނުއަސާސީގެ 253 އާއި 254 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފުވުން.

- ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތެއް އޮތް ކަމަށް ވިދާޅުވެ އިއުލާން ކުރެއްވި ގަރާރަކީ ގާނޫނުއަސާސީގެ 274 ވަނަ މާއްދާގައި "ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަކަމެއް މެދުވެރިވުން" ކަމަށް ބަޔާންކޮށްފައިވާ ހާލަތަކަށް ފެތޭ ގަރާރަކަށް ނުވުން.

- ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު 48 ގަޑިއިރު ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ބަޔާންވުމާ ހިލާފުވުން.

- ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަކީ ސީދާ ރައްޔިތުންނާ ގުޅުން ހުރި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްކުރާ ގަރާރަކަށް ވުން.

- ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ވޯޓަށް އަހާފައި ވަނީ ގާނޫނީ އަދަދަށް މެމްބަރުން ހާޒިރުވެ ނެތި ކަމަށް ވުން.

- ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާ އަށް ރިއާޔަތްކޮށް ރައްޔިތުންގެ މަޖިލީހުން ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ވޯޓަށް އަހާފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ކަމަށް ވުން.

- ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުގައި އެ ގަރާރު ހިނގާނީ އެ ގަރާރުގައި ބަޔާންކޮށްފައިވާ މައްސަލާގައި ހިމެނޭ ފަރާތްތަކެއްގެ މައްޗަށް އެކަނިކަމަށް ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީގެ 253 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފަށް ކަމުގައި ވުން.

- ގާނޫނުސާސީގެ 268 ވަނަ މާއްދާ އަށް ރިއާޔަތްކޮށް، ގާނޫނުއަސާސީއާ ޚިލާފަށް އިއުލާންކުރެވި މުއްދަތު އިތުރު ކުރެވިފައިވާ ކަމަށް ބުނާ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަކީ ބާތިލް އަދި މިހާރު ވުޖޫދުގައި ނުވާ ގަރާރަކަށް ވުން.

ވަކީލުންގެ ބަޔާނުގައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ވެސް އެކުގައި ނުހިފެހެއްޓޭނެ ކަމަށް ބަޔާންކޮށްފައިވާ ހައްގުތަކެއް ހިފަހައްޓާ ގަރާރަކީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްވާ ގަރާރެއް ނޫން ކަމަށް ބެލެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު އިއުލާންކުރުމާ ހަމައިން މިހާތަނަށް އެ ގަރާރު ތަންފީޒުކުރުމުގެ ގޮތުން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކަކީ ގާނޫނުއަސާސީގެ 268 ވަނަ މާއްދާގެ ދަށުން ބާތިލް ފިޔަވަޅުތަކެއް ކަމަށް ދެކޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ކުއްލި ނުރައްކަލުގެ ހާލަތެއް އޮތް ކަމަށް ބައްލަވައި އެ ގަރާރުގައި ބަޔާންކުރާ އެއްވެސް އަސާސީ ހައްގެއް ނުވަތަ ގާނޫނަކުން ލިބިދީފައިވާ އެއްވެސް ހައްގަކަށް ހުރަސް ނޭޅުމަށާއި ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ސޮއި ކުރައްވާފައިވާ ވަކީލުންގެ ތެރޭގައި ޝާހީން އާއި މައުމޫންގެ އިތުރުން ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދާއި މުހައްމަދު ފައިސަލް އާއި އިބްރާހިމް ރިޒާ އާއި ސަވާދު އަލީ ސަލީމާއި ހަސަން މައާޒް ޝަރީފްގެ އިތުރުން އިބްރާހިމް ޝަމީލް ހިމެނިވަޑައިގަންނަވަ އެވެ. މި ބަޔާނުގައި ސޮއިކުރުމުގެ ފުރުސަތު އެހެން ވަކީލުންނަށް ވެސް ވަނީ ހުޅުވާލައިފަ އެވެ.