މަޖިލިހަށް ނޫސްވެރިން ވަނުން ސިފައިން ހުއްޓުވައިފި

ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތަކުގެ މަސައްކަތް ކަވަރުކުރަން މިއަދު އެ މަޖިލިހަށް ވަންނަން ދިޔަ ނޫސްވެރިން ވަނަނުދީ ސިފައިން ހުއްޓުވައިފި އެވެ.


ބައެއް ނޫސްވެރިން މަޖިލިހަށް ވަންނަން އުޅުނީ މާލިއްޔަތު ކޮމެޓީ އާއި މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އާއި ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުވުންތައް ކަވަރުކުރުމަށެވެ. އެކަމަކު މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަމުން އަންނަ ސިފައިން ނޫސްވެރިން ހުއްޓުވައިފަ އެވެ.

އެތަނުގައި ތިބި ސިފައިން ބުނީ މަޖިލީހުގެ އިދާރާއަށް ނޫސްވެރިން ވައްދަން މަޖިލިހުން ލިޔުމުން އެމްއެންޑީއެފަށް އަންގާފައިނުވާ ކަމަށެވެ.

އެކަމަކު ވެރިކަން ކުރާ ޕީޕީއެމްގެ ބައެއް މެމްބަރުން "މިހާރު" އަށް ވިދާޅުވީ ނޫސްވެރިންނަށް ކޮމެޓީ ބައްދަލުވުންތަކަށް ނުވަދެވޭނީ ބައްދަލުވުން ސިއްރު ކުރާ ހާލަތެއްގައި އެކަނި ކަމަށެވެ. އެހެންކަމުން ކޮމެޓީ ބައްދަލުވުންތައް ކަވަރުކުރުމުގެ އިހްތިޔާރު ނޫސްވެރިންނަށް އެބައޮތް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

"މިއަދު ބޭއްވި އެއްވެސް ބައްދަލުވުމެއް ސިއްރެއް ނުކުރޭ،" އޭގެ ތެރެއިން މެމްބަރަކު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން، މި މަހުގެ 5 ގައި އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެމްއެންޑީއެފުން ވަނީ މަޖިލީހުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފަ އެވެ.

މާލިއްޔަތު ކޮމެޓީގައި މިއަދު މަޝްވަރާކުރީ އޮޑިޓާ ޖެނެރަލް އޮފީސް އޮޑިޓް ކުރުމަށް އޮޑިޓައެއް އައްޔަން ކުރުމާ ގުޅޭ ގޮތުންނެވެ. އެކަމަކު އެހެން ކޮމެޓީތަކަށް ފުރުސަތު ދިނުމުގެ ބޭނުމުގައި އެ ކޮމެޓީގެ ބައްދަލުވުން ވަކި ހިސާބަކުން ނިންމާލާފައިވާ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެއިން ޖަޕާނަށް އާ ސަފީރަކު އައްޔަން ކުރަން ގައުމީ ސަލާމަތުގެ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އެ މަގާމަށް އައްޔަންކުރަން ރައީސް ޔާމީން ފޮނުއްވީ އިބްރާހިމް އުވައިސް، މ. ފޭމަންސްގެ ނަމެވެ.

ޖަޕާނު ސަފީރު ކަމުގައި ކުރިން ހުންނެވީ، ސްރީ ލަންކާގައި މިހާރު ހުންނަވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް އަހުމަދު ސުލައިމާން ހަމަޖެއްސުމުގެ ކަންކަން ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވުމެއް މިއަދު ބާއްވަން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

އެންއައިސީގެ މެމްބަރު ކަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން އެކަމަށް އެދި ހަތް މީހަކު ކުރިމަތިލި އެވެ. ނަމަވެސް ރައީސް ޔާމީން ފޮނުއްވީ ސުލައިމާންގެ ނަން އެކަންޏެވެ.