ލަންކާ ކައިރީގައި އުފެދުނު ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެ: މެޓް

ސްރީ ލަންކާ ކައިރީގައި އުފެދުނު ކޮޅިގަނޑުގެ އަސަރު ރާއްޖެ އަށް ކުރާނެތީ މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު އިލްތިމާސްކޮށްފި އެވެ.


މެޓް އޮފީހުން ބުނީ ރާއްޖޭގެ އިރުން، ލަންކާގެ ދެކުނުގެ ސަރަހައްދުގައި މިއަދު އުފެދުނު ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހެމުންދާ ކަމަށެވެ.

އެހެންވެ، ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓުން ލަފާ ކުރެ އެވެ.

މޫސުމާ ބެހޭ އިދާރާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ލަންކާ ކައިރީގައި އުފެދިފައި ވަނީ އާދަޔާ ހިލާފު ކޮޅިގަނޑެއް ނޫނެވެ. އަދި އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވަމުން އަންނަ ކަމުގެ އެއްވެސް އަލާމާތެއް ފެންނަން އަދި ނެތް ކަމަށް ވެސް މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

"އާދައިގެ ކޮޅިގަނޑެއް ލަންކާ ކައިރީގައި އުފެދިގެން އުޅެނީ،" އޮފިޝަލް ވިދާޅުވި އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ކުރިއަށް އޮތް 48 ގަޑިއިރު، ބޯކޮށް ވާރޭ ވެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވެ އެވެ. ބޯކޮށް ވާރޭވެހި، ގުގުރާ އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ހުރިހާ ރައްޔިތުން މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން ބުންޏެވެ.