މަހްލޫފަށް ދައުވާކުރާ ދެވަނަ މައްސަލައިގެ ފަހު އަޑުއެހުން މާދަމާ

ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް ދައުވާކުރާ ދެވަނަ މައްސަލާގެ ފަހު އަޑުއެހުން މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.


ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ މަހްލޫފަށް ދައުވާކުރާ ދެވަނަ މައްސަލައަކީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ބެރިކޭޑްތައް ކޮއްޕާފައިވާ ކަމަށް ބުނެއެވެ.

އެ މައްސަލާގެ ފަހު އަޑުއެހުން މާދަމާ މެންދުރު ބާއްވާއިރު އެ މައްސަލާގައި މަހްލޫފްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނުނަގަން މިއަދު ބޭއްވި އަޑުއެހުމުގައި ކޯޓުން ވަނީ ނިންމައިފަ އެވެ. ސަބަބެއްގެ ގޮތުގައި އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދިފާއީ ހެކިން ހުށަހަޅާފައިވާ ސަބަބުތަކަށް ބަލާއިރު ދައުލަތުގެ ހެކިންގެ ހެކިބަސް ނަފީ ކުރެވޭ ވަރުގެ ދިފާއީ ހެއްކެއް ނެތުމުން ކަމަށެވެ.

އެ މައްސަލައިގެ ފަހު އަޑުއެހުން މާދަމާ ބާއްވަން ނިންމާފައިވާއިރު ފުލުހުންނަށް ހުރަސް އެޅިކަމަށް ބުނެ މަހްލޫފަށް ދައުވާކުރާ ފުރަތަމަ މައްސަލައިގެ ހުކުމް މިއަދު މެންދުރު އިއްވާނެ އެވެ. އެ ދައުވާކުރަނީ ފުލުހުންގެ ބަންދުގައި މިދިޔަ އަހަރު އޭޕްރީލް މަހު މަހްލޫފް ހުރިއިރު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި، ފިލަން މަސައްކަތް ކުރި ކަމަށް ބުނެއެވެ.

އެ ދައުވާ ސާބިތުވިޔަސް މަހްލޫފަށް އެންމެ ބޮޑުވެގެން ވެސް އަންނާނީ ހަ މަހުގެ ޖަލު ހުކުމެވެ. އެހެންވެ އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަކަށް ނުބެލެވެ އެވެ. އެކަމަކު ޖަލު ހުކުމެއް އައިސްފި ނަމަ ހުކުމުގެ މުއްދަތުގައި މަޖިލީހުގެ ޖަލްސާތަކަށް ހާޒިރެއް ނުވެވޭނެ އެވެ.