މަހްލޫފަށް ކުރާ ދެވަނަ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި

ހަތަރު މަހުގެ ޖަލު ހުކުމެއް އައިސްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް ކުރާ ދެވަނަ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.


އިއްޔެ އިއްވި ޖަލު ހުކުމާ އެކު މާފުށީ ޖަލުގައި ހުންނެވި މަހުލޫފް މިއަދު ކޯޓަށް ވައްދަނިކޮށް ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުފާ އަށް ގޮވި އެވެ. އޭނާ ތުހުމަތުކުރައްވާ ގޮތުގައި އޭނާގެ މައްޗަށް ދައުވާކޮށް، ހުކުމް އައީ ރައީސް ޔާމީންގެ އެންގެވުމަށެވެ.

ކޯޓަށް މަހޭ ގެނައި އިރު އޭނާ ހުންނެވީ ޖަލު ޔުނީފޯމަކު ނޫނެވެ. އަދި ބިޑިއެއް ވެސް ނާޅުވަ އެވެ. އޭނާ ކޯޓަށް ގެނައީ ވެސް ކަރެކްޝަންސްގެ ބެލުމުގެ ދަށުންނެވެ.

މިއަދު އަޑުއެހުންތައް ނިންލާމީ މިދިޔަ އަހަރުގެ މާޗް މަހު ބޭއްވި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ގަދަކަމުން ވަންނަވައި، ބެރިކޭޑްތައް ކޮއްޕައި ހެދި ކަމަށް ބުނެ އުފުލި ދައުވާގަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ޚުލާސާ ބަޔާން ހުށަހެޅުމުން އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލިޔަސް ހުކުމް ކުރާނެ ދުވަހެއް އިއުލާނެއް ނުކުރެ އެވެ.

މި ޝަރީއަތުގައި މަހުލޫފްގެ ފަރާތުން ހުށަހެޅި ދިފާއީ އެއްވެސް ހެއްކެއްގެ ހެކިބަސް ނަގާފައެއް ނުވެ އެވެ.

އެ ދައުވާ ސާބިތު ވެއްޖެ ނަމަ މަހްލޫފަށް އެންމެ ބޮޑު އަދަބަކަށް ވެސް އަންނާނީ ހަ މަހަށް ޖަލަށް ލުމެވެ. އަދި ގާނޫނުލް އުގޫބާތުގެ ދަށުން އެ އަދަބު އެއަށް ވުރެ ވެސް ލުއިވާނެ ކަމަށް ބެލެވެ އެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ކަން ވެސް ކުރައްވާ މަހްލޫފަށް އިއްޔެ ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އޭނާ ފުލުހުންގެ ބަންދުގައި ހުރިއިރު ފިލަން މަސައްކަތް ކުރި ކަމަށް ބުނެ އެވެ.

ހަތަރު މަހުގެ ހުކުމާ އެކު މަހްލޫފްގެ މެމްބަރުކަން ނުގެއްލުނަސް ހުކުމުގެ މުއްދަތުގައި އޭނާއަށް މަޖިލީހަކަށް ހާޒިރެއް ނުވެވޭނެ އެވެ. އޭނާގެ ހައްގުގައި އިދިކޮޅު މެމްބަރުން މިއަދުގެ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށް ހުރަސް ވެސް އެޅުއްވި އެވެ.