މަހްލޫފަށް އިއްވި ދެވަނަ ހުކުމް ވެސް އިސްތިއުނާފަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް އިއްވި ދެވަނަ ޖަލު ހުކުމް ވެސް އިސްތިއުނާފަށް ހުށަހަޅައިފި އެވެ.


ފުލުހުންނަށް ހުރަސް އެޅިކަން ސާބިތުވެ، ކްރިމިނަލް ކޯޓުން މަހްލޫފަށް ދެވަނައަށް އިއްވި ހަ މަހުގެ ޖަލު ހުކުމް އިސްތިއުނާފް ކުރަން މިއަދު ހުށަހެޅިކަން މަހްލޫފްގެ ވަކީލް ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ.

އެ ހުކުމުގެ ކުރިން މަހްލޫފަށް އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ވެސް ކުރިން ވަނީ އިސްތިއުނާފަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލައިގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުން އަދި ނުފަށަ އެވެ.

މަހްލޫފަށް ހަ މަހުގެ ޖަލު ހުކުމް އިއްވީ މިދިޔަ އަހަރުގެ މާޗް މަހު ކުރި މުޒާހަރާއެއްގައި ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަނުމުންނެވެ. ހަތަރު މަހުގެ ހުކުމް އައީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ފުލުހުންގެ ބަންދުގައި މަހްލޫފް ހުރިއިރު ފިލަން މަސައްކަތް ކުރި ކަމަށް ބުނެއެވެ.

ކުރިން ޕީޕީއެމްގެ މެމްބަރެއްގައި ގޮތުގައި ހުންނެވުމަށް ފަހު މިހާރު ސަރުކާރަށް ފާޑު ވިދާޅުވަމުންދާ މަހްލޫފަށް އެ ދެ ހުކުމް އަޔަސް އޭނާގެ މެމްބަރުކަމެއް ނުގެއްލެ އެވެ. މަޖިލީހުގެ މެމްބަރުކަން ގެއްލޭނީ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުމުންނެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަހްލޫފަށް މަޖިލީހަކަށް ހާޒިރެއް ނުވެވޭނެ އެވެ.