ސިޔާސީ މަސައްކަތުގައި ގައުމަށް ނަމޫނާއެކެވެ. އަބަދުވެސް އިސްކަން ދެއްވަނީ ގައުމީ މަސްލަހަތަށެވެ. ތަފާތު ފިކުރުތަކާ އެކު މަސައްކަތް ކުރެއްވުމުގެ ގާބިލްކަން ހުންނެވި ވިސްނުން ތޫނު ބޭފުޅެކެވެ. އެއްވެސް މީހަކާ މެދު ޒާތީ ކަމެއް ނުބާއްވަވަ އެވެ. ސުލްހަވެރިކަމާއި އުސޫލްތަކަށް ލޯބި ކުރައްވަ އެވެ. އެހާމެ މަޑުމައިތިރިވެފައި ނިންމުންތައް ހިކުމަތްތެރި އެވެ.

ދިވެހިން ދަންނަނީ، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ މި ސިފަތަކެވެ. ސިޔާސީ މައިދާނުގައި އިބޫ ހޭދަކުރެއްވި 24 އަހަރުގެ ތެރޭގައި ވެސް އޭނާގެ މި ނޫން ސިފަތަކެއްގެ ވާހަކަ ރައްޔިތުން ދެއްކި އަޑެއް ނާހަމެވެ. ޅ. އަތޮޅު މެމްބަރުގެ ގޮތުގައި 1994 ގައި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެން ފަސް ވަނަ ދައުރު ފުރުއްވަމުން ގެންދަވާ އިބޫ އަކީ ގާނޫނީ ދާއިރާގެ ތަޖުރިބާކާރެކެވެ.

އެކަމަކު، ޖަލު ބަންދުގައި އިބޫ ފުރަތަމަ ފަހަރަށް އެ ހުންނެވީ، އޭނާގެ ވަރަށް "ނުރައްކާތެރި" ސިފައެއް މި ސަރުކާރަށް ފެނިގެންނެވެ. ދޫވެފައި ހުރެއްޖެ ނަމަ "މުޖުތަމައަށް ނުރައްކާ މާ ބޮޑީ" އެވެ. ސަރުކާރުން، ދެކޭ ގޮތުގައި، އިބޫ އަކީ "ނުރައްކާތެރި ކުށްވެރިއެކެ"ވެ.

އިބޫ ހައްޔަރުކުރި ރޭ ޖުމްހޫރީ މައިދާނުގައި: ވިސްނުންތޫނު ސިޔާސީ ވެރިއެއް --ފޮޓޯ: ސޯޝަލް މީޑިއާ
އިބޫ ހައްޔަރުކުރި ރޭ ޖުމްހޫރީ މައިދާނުގައި: ވިސްނުންތޫނު ސިޔާސީ ވެރިއެއް --ފޮޓޯ: ސޯޝަލް މީޑިއާ

އިބޫގެ ކުށަކަށް ވީ، ސަރުކާރާ މެދު ނުރުހުންވެ، އިދިކޮޅު ޕާޓީތަކުން ބޭއްވި ސިލްސިލާ މުޒާހަރާއެއްގެ ތެރެއިން، ޖުމްހޫރީ މައިދާން ސަރަހައްދަށް ވަދެވަޑައިގަތުމެވެ. އެއީ، ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން، އެއްވުން މަނާ ސަރަހައްދެކެވެ. އެ މައްސަލައިގައި ހައްޔަރުކޮށް، ކޯޓުން މުއްދަތު އިތުރުކުރީ ނުވަ ދުވަހަށް ޖަލު ބަންދަށެވެ.

އިބޫ އަކީ ބަންދުގައި ގެންގުޅެން ޖެހޭ ވަރުގެ "ކުށްވެރިއެއް" ކަމަށް، މި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ހިމެނޭ ގޮތުން، އެތައް ބަޔަކު ގަބޫލެއް ނުކުރެ އެވެ.

އިބޫ މަޖީދިއްޔާ ސްކޫލްގައި ކިޔަވާ ވިދާޅުވިއިރު ނަގާފައިވާ ފޮޓޯއެއް:
އިބޫ މަޖީދިއްޔާ ސްކޫލްގައި ކިޔަވާ ވިދާޅުވިއިރު ނަގާފައިވާ ފޮޓޯއެއް:

އިބޫ މޮޅުކަމުން، "ކުޅި ހުސްވީ"!

ރާޒުވާ ކުޅެން ލޯބި ކުރައްވާ، އިބޫ، ސިޔާސީ މައިދާނުގައި "ކުޅިބައި" އަތުރާ ލެއްވީ ވިސްނުންތެރިކަމާ އެކުގަ އެވެ. ކޮންމެ ކުޅިއެއް ވެސް މައިދާނުގައި ކުރިއަށް ޖެއްސެވުމުގެ ކުރިން ވާނޭ ގޮތް ލަފާކުރައްވަ އެވެ. މަޑުމައިތިރިކަމާއި ހުށިޔާރުކަމާ އެކުގަ އެވެ.

ކުނޫޒްގައި ބޭއްވި އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއްގައި ލީޑަރުންނާ އެކު އިބޫ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ކުނޫޒްގައި ބޭއްވި އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއްގައި ލީޑަރުންނާ އެކު އިބޫ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ބަލިވާ އަތަށް އެޅިޔަސް މިހާތަނަށް މައިދާން ދޫކޮށެއް ނުލައްވަ އެވެ. ވިސްނުން ވެސް ބަދަލެއް ނުކުރައްވަ އެވެ. އަބަދުވެސް ފެނުނީ، ހިކުމަތްތެރިކަމާ އެކު ކުރިއަށް ވަޑައިގެންނެވި ތަނެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް، އެކުލަވާލި އިސްލާހީ ހަރަކާތުގެ އިސް އެއް ބޭފުޅެއްގެ ގޮތުން، ކުރެއްވި މަސައްކަތް ހެއްކަކަށް ފުދެ އެވެ.

އިބޫގެ ގާތް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، އޭނާއާ ޖެހުމުން، ސަރުކާރަށް ކުރި ނުލިބުނީ އެވެ. ބާރުގެ ބޭނުންކޮށް އިބޫ ބަންދުކޮށް، ސަރުކާރަށް ފަހިވާ ގޮތަށް ކުޅިބައި އަތުރާލަން މަޖުބޫރުވީ އެ ސަބަބާ ހެދި ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.

"އިބޫގެ ގޭމްގައި ސަރުކާރުގެ ޕްލޭޔަރުންނަކަށް ނުކުޅެވުނު. ރާޒުވާ ކުޅުންތެރިއެއް، އިބޫ މާ ބޮޑަށް ވެސް މޮޅީ. އިބޫ ހުސްވާނީ ކުޅި ގޮސް ހުސްވީމަ،" ކުޑައިރުން ފެށިގެން އިބޫއާ ގާތް ގުޅުމެއް އޮންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭބޭފުޅު، ޑރ. އިބްރާހިމް ނާޝިދު ވިދާޅުވި އެވެ.

"އޭގެ ކުރިން އިބޫ ހުހެއް ނުވާނެ. އަނިޔާކޮށްގެން ގޭމް ކުރިއަށް ގެންދަން އުޅެނީ އެހެންވެ ކަމަށް ގަބޫލުކުރެވެނީ."

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އެ އުޅެނީ އެއްގޮތަކަށް ވެސް އިބޫ އަށް ކުށެއް ކުރެއްވިގެންނެއް ނޫނެވެ.

"އެހެން މީހަކަށް މާ ބޮޑަށް އުނދަގޫވީ އިބޫއާ ހެދި. އެހެންވީމަ އެކަހެރި ކުރެއްވީ،" ވަކި ބޭފުޅެއްގެ ނަން ނުގެންނަވައި، ނާޝިދު ވިދާޅުވި އެވެ.

އޭނާގެ މި ވާހަކައަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ތާއީދުކުރެއްވި އެވެ.

ނަޝީދާއި އިބޫ ކްރިކެޓް ކުޅުއްވުމުގައި.
ނަޝީދާއި އިބޫ ކްރިކެޓް ކުޅުއްވުމުގައި.

ހަސަން ވިދާޅުވީ އިބޫގެ ބަންދުކުރީ ކުށެއް ކުރައްވައިގެން ނޫން ކަމަށެވެ. އޭނާ ބަންދުކުރުމަކީ، މި ސަރުކާރުން، "ނުހައްގުން ކަންކަން ކުރާ ކަމުގެ ލާމަސީލު މިސާލެއް" ކަމަށް ވެސް ވިދާޅުވި އެވެ.

"އެއީ، ރައީސް ޔާމީނަށް ސަރުކާރު ނުހިފެހެއްޓޭނެ ކަން ރަމްޒުކޮށްދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެންމެންގެ ސުވާލު: އިބޫ ތައްޔާރުތަ؟

ސަރުކާރުގެ މިސްރާބު ހުރި ގޮތުން، ސިޔާސީ ބޭފުޅުންނަށް ރައްކާތެރިކަމެއް ނެތް ކަން އިދިކޮޅު ޕާޓީތަކަށް ގަބޫލުކުރެވި، އެކުގައި މަސައްކަތް ކުރަން ރަސްމީ އެއްބަސްވުމަކާ ހަމައަށް އާދެވުނީ، މެއި، 24، 2017 ގަ އެވެ. އޭގެ މާ ކުރިން ވެސް އިބޫ ގެންދެވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބެއްގެ ގޮތުން، ސިޔާސީ އެތައް މަސައްކަތެއް ކުރައްވަމުންނެވެ. ޓެރަރިޒަމްގެ ކުށުގައި ނަޝީދު ޖަލަށް ލުމާއި އޭގެ ފަހުން، އެމަނިކުފާނު ބޭރަށް ވަޑައިގެން އިނގިރޭސިވިލާތުގެ ހިމާޔާތް ހޯއްދަވައިގެން ކުރައްވާ ސިޔާސީ މަސައްކަތްޕުޅުގައި ވެސް އިބޫގެ ދައުރު ބޮޑެވެ.

"ސްކޫލްގައި [މަޖީދިއްޔާގައި] އުޅުނުއިރު ކުޅިވަރުގައި އަދި ފަހުން ސިޔާސީ މައިދާނުގައި ވެސް އިބޫ އަކީ ވަރަށް ޓީމު މީހެއް. އެއްވެސް ކަމެއްގައި އަމިއްލަ ގޮތްތަކެއް ނިންމަނީކީއެއް ނޫން، ވަރަށް ބޮޑު ޓީމް ޕްލޭޔަރެއް. ހުރިހާ ކަމެއްގައި ވެސް."

ވަކިން ޚާއްސަކޮށް، ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އެކި ފިކުރުތައް ގުޅުވައިދީ، އެންމެންގެ މަސްލަހަތު ހިމާޔަތްކޮށް، ދެމެހެއްޓުމުގައި ހިކުމަތްތެރި މަސައްކަތްތަކެއް އިބޫ ގެންދަވަނީ ކުރައްވަމުންނެވެ. ތަފާތު ފިކުރުތަކުގެ ހަތަރު ޕާޓީ ގޮވައިގެން، އެމްޑީޕީގެ އިސް ބޭފުޅެއްގެ ގޮތުން، އުޅުއްވުމަކީ އާދައިގެ ކަމެއް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގައި ޑީއާރުޕީ ދުވަސްވަރު އިބޫއާ ދެކޮޅަށް މަސައްކަތްކުރެއްވި އެކަމަކު މިހާރު އެމްޑީޕީގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އިބޫ އަކީ ދުރު ވިސްނުމާ އެކު އެންމެން ގޮވައިގެން މަސައްކަތް ކުރައްވަން އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ހައިސިއްޔަތުން ވެސް އިބޫ އަށް އެންމެ މުހިއްމު އެއްޗަކީ އެންމެންގެ މަޝްވަރާކަން ރޮޒައިނާ ފާހަގަކުރެއްވި އެވެ.

އިބޫ: އަމިއްލަ ނިންމެވުންތަކަށް ވުރެ މެމްބަރުންގެ މަޝްވަރާ އިން ކަންކަން ހައްލު ކުރަން މަަސައްކަތް ކުރައްވާ ކަމަށް ގާތް ބޭފުޅުން ވިދާޅުވޭ.
އިބޫ: އަމިއްލަ ނިންމެވުންތަކަށް ވުރެ މެމްބަރުންގެ މަޝްވަރާ އިން ކަންކަން ހައްލު ކުރަން މަަސައްކަތް ކުރައްވާ ކަމަށް ގާތް ބޭފުޅުން ވިދާޅުވޭ.

"އިބޫ އަށް އަދި ކޮންމެ ގޮތަކަށް ފެނުނަސް، އެހެން އެންމެންގެ މަޝްވަރާ އަށް އިސްކަން ދެއްވާނީ. އުސޫލުން ކަންކަން ކުރައްވަން ލޯބި ކުރައްވާ،" އޭނާ ވިދާޅުވި އެވެ.

ރޮޒައިނާގެ މި ވާހަކަ އަށް ބާރު ލިބެނީ ނާޝިދު ދެއްކެވި ވާހަކަތަކުންނެވެ.

"ސްކޫލްގައި [މަޖީދިއްޔާގައި] އުޅުނުއިރު ކުޅިވަރުގައި އަދި ފަހުން ސިޔާސީ މައިދާނުގައި ވެސް އިބޫ އަކީ ވަރަށް ޓީމު މީހެއް. އެއްވެސް ކަމެއްގައި އަމިއްލަ ގޮތްތަކެއް ނިންމަނީކީއެއް ނޫން، ވަރަށް ބޮޑު ޓީމް ޕްލޭޔަރެއް. ހުރިހާ ކަމެއްގައި ވެސް،" ނާޝިދު ވިދާޅުވި އެވެ.

މަޖިލީހުގެ އިދާރާ ކައިރިން އެސްއޯ ފުލުހުން ހަރަކާތްތެރިވާއިރު އިބޫ މެމްބަރުންނާ އެކު އެ ސަރަހައްދުގައި. -- ފޮޓޯ: ނިޝާން އަލީ /މިހާރު
މަޖިލީހުގެ އިދާރާ ކައިރިން އެސްއޯ ފުލުހުން ހަރަކާތްތެރިވާއިރު އިބޫ މެމްބަރުންނާ އެކު އެ ސަރަހައްދުގައި. -- ފޮޓޯ: ނިޝާން އަލީ /މިހާރު

އިދިކޮޅުގެ އިސްލާހީ މަސައްކަތުގައި ވެސް އިބޫގެ ފަރާތުން އެންމެންނަށް ވެސް ފެނުނީ އެ ކަމެވެ. އެ ހަރަކާތުގައި އިސްކޮށް އުޅުނު އެންމެން ޖަލަށް ލާން ފެށުމުން، އިބޫ އަށް ވެސް ރޯޅި އަންނާނެ ކަމަށް ގަބޫލުކުރެވިގެން އޭނާގެ ގާތް ބޭފުޅުން ކަންބޮޑުވެ އަހާ ސުވާލެއް އޮވެ އެވެ. "އިބޫ ތައްޔާރުތޯ" އެވެ.

"އިބޫގެ ޖަވާބަކީ ވަރަށް ރެޑީ. އިބޫ އަށް އެނގޭ މިކަން އަންނާނެ ކަން. އަޅުގަނޑަކަށް ހިއެއް ނުވޭ މިއީ އިބޫ އަށް ޝޮކަކަށް ވެސް ވާނެހެނެއް. އޭނާގެ ކަލްކިއުލޭޝަންގައި މީގެ ބައެއް އޮންނާނެ. ގިނަ ކަންކަމުގައި އިބޫ އޮންނާނީ، އިވެލުއޭޓްކޮށްފައި ޖަޖްމެންޓަކަށް،" ނާޝިދު ވިދާޅުވި އެވެ.

ތެދެކެވެ؛ "ވެރިކަން ދަަމަހައްޓަވަން ރައީސް ޔާމީން ކޮންމެ ފަދަ ކަމެއް ވެސް ކުރައްވަފާނެ" އެވެ. މިއީ، ފަހަކަށް އައިސް ޕްރެސް ކޮންފަރެންސްތަކާއި އިންޓަވިއުތަކުގައި އިބޫ ވަރަށް އާއްމުކޮށް ވިދާޅުވާ ވާހަކައެކެވެ.

ގޮތް ހުހެއް ނުވާނެ، މާ ވަރުގަދަވާނެ

އިބޫގެ ގާތް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، އޭނާ އަށް ގޮތެއް ހުހެއް ނުވާނެ އެވެ. ތާށިކޮށްފައި މިވަގުތު ބެހެއްޓި ނަމަވެސް ގޮޅިން ނުކުމެވަޑައިގަންނަވާނީ، ކުރިއަށް ވުރެ މާ ވަރުގަދަ ކޮށެވެ.

ނާޝިދުގެ ކަންބޮޑުވުމަކީ ޖަލު ބަންދުގައި ބަހައްޓައިގެން އިބޫ އަށް "އަނިޔާ" ދިނުމެވެ. ޖަލަށް ލުމަކީ އޭގެ ޒާތުގައި ވަރަށް ބޮޑު އަދަބަކަށް ވާއިރު، ހޫނުވާ ގޮތަށް ގޮޅީގައި ބެހެއްޓުމާއި ބޭސްފަރުވާ އިން މަހްރޫމްކުރުން ފަދަ ކަންކަމަކީ އިންސާނިއްޔަތާ ޚިލާފު އަމަލުތަކެއްގެ ގޮތުގައި ނާޝިދު ސިފަކުރެއްވި އެވެ.

އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަނުމަށް ވަޑައިގަތުމާއި ގުޅިގެން ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަނުމަށް ވަޑައިގަތުމާއި ގުޅިގެން ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ހަަސަން ލަތީފް ވިދާޅުވީ އެންމެންގެ މަސްލަހަތު ހިމާޔަތްކޮށްގެން މަސައްކަތް ކުރައްވަން އިބޫ ކުޅަދާނަ ކަމަށެވެ. ރައީސް ނަޝީދުގެ މަންދޫބެއްގެ ހައިސިއްޔަތުން ކުރެއްވި ހިކުމަތްތެރި މަސައްކަތަށް މަޑު ޖެހުމެއް، ބަދަލެއް ނާންނާނެ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އިބްރާހިމް މުހައްމަދު ސޯލިހް ޖަލުން ނުކުންނަވާއިރު މިހާރަށް ވުރެން މާ ބޮޑަށް އަޒުމް ވަރުގަދަވާނެ، ހިތްވަރު ވެސް ގަދަވާނެ. އެއީ އަޅުގަނޑުމެންގެ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ،" ހަސަން ވިދާޅުވި އެވެ.

ނާޝިދު ވިދާޅުވި ގޮތުގައި ބަންދުން ވީއްލުމާ އެކު އިބޫ ދެން ވެސް ފެންނާނީ ސިޔާސީ މަސައްކަތުންނެވެ.

"އިތުރު ވަގުތެއް ނުނަގާނެ، ގެއަށް ގޮސް ފެންވަރާލައި އެއްޗެހި ބަދަލުކޮށްލަން ވަގުތު ކޮޅެއް ހޭދަވާނީ. ވަކި ޕާޓީއެއްގެ ތެރެއިން އަޔަސް އެއީ ގައުމީ ލެވެލްގެ ޕޮލިޓީޝަނެއް،" ނާޝިދު ވިދާޅުވި އެވެ.

"ހިތްހަމަޖެހުމަކީ އިބޫ އަށް ކުރެވޭ ކަންކަމާއި ނަތީޖާ ރަނގަޅަށް އެނގިވަޑައިގެން ކަންކަން ކުރައްވާތީ."