ސްޓެލްކޯގެ 11،000 ވޮލްޓުގެ މައި ނެޓްވޯކްގެ ކޭބަލަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ހޭދަވާ ވަގުތުގައި، ކަރަންޓުގެ ލޯޑު ކުރުމަށްޓަކައި މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ކަރަންޓު ކަނޑަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ މިއަދު ހަވީރުން ފެށިގެން ކަރަންޓު ކެނޑެން ފެށީ، ބޮޑުތަކުރުފާނު މަގުން، މައްޗަންގޮޅި އާއި މާފަންނު ހިމެނޭ ސަރަހައްދުގެ މަގުތައް ކޮނުމުގެ ތެރޭގައި 11،000 ވޮލްޓުގެ މައި ނެޓްވޯކްގެ ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

މި މައްސަލަ ކުރިމަތިވެ، މިހާރު ވެސް މާލޭގެ ބައެއް ސަރަހައްދުތަކުގައި ކަރަންޓެއް ނެތެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުން އެކި ގަޑިތަކުގައި ދަނީ ކަރަންޓު ކަނޑަމުންނެވެ.

ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ، ކޭބަލް މަރާމާތު ކުރުމަށް ހޭދަވާ ވަގުތުގައި، ކަރަންޓުގެ ލޯޑު ކުޑަކުރުމަށްޓަކައި މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުން ދާނެ ކަމަށެވެ. އަދި ވަގުތީ ކޭބަލެއް ގުޅުޅުމުގެ މަސައްކަތް ނިންމާލެވޭނީ ފަތިހު ކަމަށް އޭނާ ލަފާ ކުރައްވަ އެވެ.

"ކަރަންޓުގެ ލޯޑު މަތިވަމުންދާ ނިސްބަތަކުން އެކި ހިސާބުތަކުން ކަރަންޓު މި ކަނޑަނީ. މިހާރު ވެސް ވަރަށް ބޮޑު ބަޔަކަށް ވާނީ ކަރަންޓު ދީފައި،" އޮފިޝަލް ވިދާޅުވި އެވެ.

ކަރަންޓު ކެނޑިފައިވާ ސަރަހައްދުތަކަށް ހަވީރު 5:00 އާއި 6:00 އާ ދެމެދު އަލުން ޚިދުމަތް ދޭން ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ސްޓެލްކޯ އިން ކުރިން ބުނި ނަމަވެސް އެކަން އަދި ހައްލެއް ނުވެ އެވެ. އަދި ހަވީރު ހައެއްގެ ފަހުން ވަނީ އިތުރު ސަރަހައްދުތަކުން ކަރަންޓު ކެނޑިފަ އެވެ.

"...އަދި މިރޭގެ ބައެއް ގަޑިތަކުގައި ލޯޑް ޝެޑް ކުރަން [ކަރަންޓުގެ ލޯޑު ކުޑަކުރުމަށްޓަކައި އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުން] ޖެހިދާނެ ކަމުގެ ވާހަކަ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ހަވީރު ހައެއް ޖަހާކަންހާއިރު ސްޓެލްކޯ އިން ނެރުނު ނެރުނު ބަޔާނެއްގައި ވެ އެވެ.