އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓާ ނުލައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބާއްވައިފި ނަމަ ރާއްޖޭގައި ދެ ސަރުކާރެއް އުފެދިދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"ރާއްޖެއެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް އެކަނި ވާދަކުރެއްވޭ ނަމަ، ދެން އުފެދޭ ސަރުކާރެއްގެ ސައްހަކަމެއް ނޯންނާނެ ކަމަށެވެ. އަދި އެގޮތަށް އިންތިހާބު ބޭއްވި ގައުމުތަކުގައި ދެ ސަރުކާރު އުފެދިފައިވާ ކަމަށާއި ރާއްޖޭގައި ވެސް އެހެން ވުމުގެ ފުރުސަތު އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް އެކަނި ވާދަކުރެއްވޭ ގޮތަށް އިންތިހާބު ބާއްވައިފި ނަމަ، ރާއްޖެ ހަރާބުވާނެކަން ހުދު އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވަ އެވެ.

ނަޝީދު ވަނީ އެ ފަދަ ގޮތަކަށް އިންތިހާބު ބޭއްވި ގައުމުތަކުގައި ވެފައިވާ ގޮތް އެ ނޫހަށް ވިދާޅުވެދެއްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ވެސް ލިބިގެންވާ ކަމަށާއި އެ ނޫން ގޮތަކަށް އެކަން ކޮށްފި ނަމަ ސިޔާސީ ހަމަޖެހުމެއް ނުލިބޭނެ ކަމަށެވެ.

"އެމްޑީޕީގެ މެމްބަރުން ހިޔާރުކުރާ ކެންޑިޑޭޓެއް ނުހިމަނައި ރައީސް ޔާމީން ކުރިއަށް ގެންދަވައިފި ނަމަ، ރާއްޖޭގައި ދެ ސަރުކާރު އޮންނާނެ،" ނަޝީދު ވިދާޅުވި އެވެ.

ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ސަރުކާރުން ދަނީ އެ މަނިކުފާނަށް އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ނެތް ކަމަށް ބުނަމުންނެވެ. އެކަމަކު ސްކައިޕާއި ޔޫޓިއުބުގެ ޒަރީއާއިން ނަޝީދު އަންނަނީ ކެމްޕޭން ކުރައްވަމުންނެވެ.

ނަޝީދު މިއަދު ވަނީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު ހުރިހާ ގޮތަކުން ވެސްް ފެއިލް ވެފައިވާ ކަމަށާއި އެހެންވެ، އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގައި ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރަން ހުށަހަޅުއްވާފައިވާނެ ކަމަށެވެ.