ކޯލިޝަންގެ ޚިޔާލުތަފާތުވުން ބޮޑުވެ، ބަހުގެ ހަމަލާ!

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް އެންމެ ފަހުން އާއްމުންނާ ހަމައަށް ތިލަވެއްޖެ އެވެ.


އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ކޯލިޝަނުން އެއްބަސްވެފައި އޮތީ، ރައީސް އަބްދުﷲ ޔާމީން ބަލިކުރަން އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރުމަށެވެ. އެ ކަމަށް މަޝްވަރާތަކެއް ކުރި ނަމަވެސް ތަފާތު ފިކުރުތަކުގެ ޕާޓީތަކުން، ކެންޑިޑޭޓަކު ކަނޑައަޅާނެ ފޯމިއުލާއެއް މިހާތަނަށް އޮތީ ނުހޯދި އެވެ.

ސަބަބަކީ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ވެސް އިންތިޚާބަށް ކެންޑިޑޭޓުން ނެރެން ބޭނުންވުމާ އެކު ދެ ޕާޓީން އެއްބަސްވުމަކަށް ނާދެވުމެވެ. އެ ޚިޔާލުތަފާތުވުންތައް ކޯލިޝަންގެ ހަތަރު ފާރުން ބޭރުވެ، އެއްބަޔަކު އަނެއް ބަޔަކަށް އެންމެ ފަހުން މިހާރު ވަނީ ބަހުގެ ހަމަލާތައް ބަދަލުކުރަން ފަށައިފަ އެވެ.

ޖުމްހޫރީ ޕާޓީން ހިތްހަމަނުޖެހުނު އެއް ކަމަކީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވަން ފެއްޓެވި އެ ޕާޓީގެ ސިޔާސަތުތަކެވެ. ވެރިކަމުގެ ނިޒާމް، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވަން ހުށަހަޅުއްވާނެ ކަމަށް ނަޝީދު ވިދާޅުވިއިރު، އެކަމާ ގުޅޭ ގޮތުން ޕާޓީތަކުގެ ލީޑަރުންގެ މެދުގައި ވާހަކަ ދެކެވިފައެއް ނުވެ އެވެ.

އެ އާއެކު ގާނޫނުއަސާސީ އަށް ގެނައި ވަކި އިސްލާހެއް އެކަނި ބަދަލުކުރައްވަން ހުށަހަޅުއްވާނެ ކަމަށް ނަޝީދު ވިދާޅުވުމަކީ ވެސް ޖުމްހޫރީ ޕާޓީގެ ނުރުހުން އަމާޒުވި ސަބަބެކެވެ.

ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ނަމުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން މަސައްކަތް ކުރިއިރު ބޭއްވި މުޒާހަރާއެއްގައި ނަޝީދާ އެކު ގާސިމް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:ރާއްޖެޑޮޓްއެމްވީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް ނަޝީދުގެ ސިޔާސަތުތައް ހާމަކުރައްވަން އެމަނިކުފާނު ސްކައިޕް މެދުވެރިކޮށް، ބޭއްވެވި ބައްދަލުވުމެއްގައި ސަޕޯޓަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ބިދޭސީންނަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހު ބަދަލުކުރަން ހުށަހަޅުއްވާނެ ކަމަށެވެ. ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހުގެ ތެރެއިން ނަޝީދު ހަމައެކަނި އެ އިސްލާހަށް އިޝާރާތް ކުރެއްވުމުން، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ ސުވާލެއް ކުރައްވައިފަ އެވެ.

ބިން ވިއްކުމުގެ އިސްލާހާ އެކު، އުމުރުން 65 އަހަރު ވެފައިވާ މީހުންނަށް ވެރިކަމަށް ކުރިމަތިލެއްވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ވެސް އުވާލަން ވާނެ ނޫންތޯ ޑރ. ހުސެއިން ނަޝީދުގެ އަރިހުން އެއްސެވި އެވެ. އެ އިސްލާހަކީ، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އިންތިޚާބުގައި ވާދަކުރަން ގާނޫނީ ގޮތުން އޮތް ހުރަހެކެވެ. އެހެންކަމުން، އެ އިސްލާހު ބަދަލުކުރަން ޖޭޕީން ބޭނުންވެ އެވެ. ނަމަވެސް ނަޝީދު ބޭނުންފުޅުވި އިސްލާހުތަކުގެ ތެރޭގައި އެ އެއް ނުހިމެނުނެވެ.

ހުސެއިން ރަޝީދުގެ ޓުވީޓް.

މިއަށް ފަހު، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު، އެ ޕާޓީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރައްވަން ޖަރުމަން ވިލާތުގައި ރޭ ބޭއްވި ޖަލްސާގައި ވެސް ނުސީދާކޮށް ހުރިހާ ހަމަލާތަކެއް އަމާޒުކުރީ ނަޝީދާއި އެމްޑީޕީ އަށެވެ.

ނަޝީދުގެ ކެމްޕޭނަށް ފާޑުވިދާޅުވަމުން، އަލީ ވަހީދު ވިދާޅުވި ގޮތުގައި އިދިކޮޅު ކޯލިޝަނަށް އެއް ކެންޑިޑޭޓަކު ނުނެރެވިއްޖެ ނަމަ ސަބަބަކަށް ވާނީ އެމްޑީޕީ އެވެ. އެ ވާހަކައަށް ބާރު ދެއްވަން ވިދާޅުވީ، ކެންޑިޑޭޓަކު ކަނޑައެޅުމުގައި ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެ ޕާޓީ އޮތީ ދޫދޭން ތައްޔާރަށް ކަމަށެވެ. އެހެންކަމުން، އެމްޑީޕީ ވެސް އެ ވިސްނުން ގެންގުޅެން އޭނާ އެދިވަޑައިގަތެވެ.

"އަނިޔާވެރިކަމާއި ބޮޑާކަމާއި ކިބުރުވެރިކަމާއި ގޮތް ދޫނުކުރުމާއި ތިމަންނާ ނޫނީ އެހެން މީހަކު ނެތް ކަމާއި އެ ގޮތުގައި ރާއްޖެ ކުރިއަށް ނުގެންދެވޭނެ. އެ ގޮތަށް އަޅުގަނޑުމެންނަށް ކޯލިޝަން ވެސް ކުރިއަށް ނުގެންދެވޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

އެ ޖަލްސާގައި، ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ވަނީ ނަޝީދާއި އެމްޑީޕީ އަށް ފާޑުވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމުގެ ހުރި މައްސަލަތައް ހައްލު ކުރެވޭނީ ހަމައެކަނި ތިމަންނާއަށޭ ވިދާޅުވުމުގެ ހައްގެއް އެއްވެސް ބޭފުޅަަކަށް ނެތެވެ. ގައުމާއި ރައްޔިތުންގެ މަސްލަހަތާއި ހަމަޖެހުން އޮތީ ގުޅިގެން މަސައްކަތް ކުރުމުން ކަމަށް ވެސް ވިދާޅުވި އެވެ.

"ޚިޔާލު ތަފާތުވާ ކޮންމެ ފަހަރަކީ ބުރަކައްޓަށް ވަޅި ހަރާލަން ޖެހޭ ފަހަރެއް ނޫން. އެކަން އެގޮތަށް ކޮށްގެން ނުވާނެ. ދޮންބެ އަށް މީރު ކާއެއްޗެހި މަށަށް މީރު ނުވެދާނެ. ދޮންބެ އަށް މީރު ބުއިން މަށަށް މީރު ނުވެދާނެ. އޭގެ މާނަ އަކީ ބުރަކަށްޓަށް ވަޅި ހެރުމެއް ނޫން،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލްގެ މި ވާހަކަތަކަށް، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވަނީ ވަރުގަދަ ރައްދެއް ދެއްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކެބިނެޓުގައި ހިމެނިވަޑައިގެން، އެ ވެރިކަން ވައްޓާލުމުގައި ޖަމީލް ބައިވެރިވެވަޑައިގަތެވެ. އެ އާއެކު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓުގައި ހިމެނިވަޑައިގެން ވެސް "ބަޣާވާތް" ކުރެއްވި ކަމަށާއި ކުރީގެ ރައީސް ވަހީދުގެ ކެބިނެޓުގައި ހިމެނިވަޑައިގެން، ރައީސް އަބްދުﷲ ޔާމީންގެ ނައިބު ރައީސަކަށް ވަޑައިގަތުމަށް ފަހު ވެސް އެ މަގާމުގައި ހިފަހައްޓާ ނުލެއްވުނު ކަމަށެވެ. މިކަންކަމަށް ބަލާއިރު، ޖަމީލްގެ އަމިއްލަ އެދުން ނޫން އެހެން ކަމެއް އެބައޮތްތޯ ނިޒާރު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ޖަމީލް ދެއްކެވި ވާހަކަތަކަށް އަލީ ނިޒާރު ދެއްވި ރައްދު.

ޖަމީލަށް، ނިޒާރު މި ދެއްވި ރައްދުން، ވެސް އިދިކޮޅުގައި ހަމަނުޖެހުންބޮޑުވެފައިވާ މިންވަރު މިއޮތީ އާއްމުންނަށް ތިލަކޮށްދެއްވައިފަ އެވެ.

މި ހަމަނުޖެހުން ފިނިކޮށް، އިދިކޮޅުގެ ސަޕޯޓަރުންނަށް ހިތްވަރު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ކުރެއްވި ޓުވީޓް.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯލިޝަންގައި ތިބީ ތަފާތު ފިކުރުތަކުގެ ސިޔާސީ ޕާޓީތަކެއް ކަމަށާއި އެ ޕާޓީއެއްގެ ކެންޑިޑޭޓު ނެރެން ކޮންމެ ބަޔަކު ވެސް މަސައްކަތް ކުރާނެ ކަމަށެވެ. އެއީ، އެއްވެސް މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިތް ނޭދޭ ވާހަކަތައް ދޭތެރެދޭތެރެއިން އަޑު އިވޭނެ. އެކަމާ ވިސްނަން ބޭނުމެއް ނޫން. ޔާމީން ހޭނެ. ﷲ އިރާދަފުޅާ އެކު އިންތިހާބު ކާމިޔާބު ކުރާއިރު މި ކޯލިޝަން އޮންނާނެ،" މަހްލޫފް ވިދާޅުވި އެވެ.

އެކަމަކު، މަހްލޫފް މި އުއްމީދުކުރާ ގޮތަށް، ކޯލިޝަން ދެމި އޮވެ، އެއް ކެންޑިޑޭޓަކު ނެރެވިދާނެތޯ އިދިކޮޅު ޕާޓީތަކުގެ އިސް ބައެެއް ބޭފުޅުންގެ ބަސްމަގު ހުރި ގޮތަށް ބަލާއިރު ސުވާލު އުފެދެ އެވެ.