ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން މައާފެއް ނެތް: ރައީސް ޔާމީން

ސިޔާސީ އިދިކޮޅު ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެ ކުރި ކަންކަމަކީ މާފު ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.


ވެރިކަން ކުރާ ޕާޓީ، ޕީޕީއެމާ އަލަށް ގުޅުނު މެމްބަރުންނާ އެކު އެ ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރުގައި ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރު ބައިވެރިވެފައިވާއިރު އެއީ ފަރުދީ ގޮތުން މާފު ދެވޭނެ ކަންކަމެއް ނޫން ކަމަށެވެ. ސިޔާސީ މީހުން އެކަން ކުރުމަށް ޝާމިލްކޮށްފައި އެ ވަނީ ރާއްޖޭގެ އަމާންކަން ބަލަހައްޓަން ތިބި އެންމެ ނުފޫޒު ގަދަ މީހުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެެވެ.

"މިއީ ދައުލަތުގެ ހައްގުތަކަށް އަރައިގަތުން. ސިޔާސީ މީހުން އެ މީހުންގެ ކުރިމަގު އުޖާލާ ކުރުމަށްޓަކައި ގާނޫނުގެ ބޭރުން ގާނޫނާ ޚިލާފަށް ކުރާ ކަންކަން. ގާނޫނާ ޚިލާފަށް ކަންކަން ކޮށްގެން އެ މީހުން ވާސިލްވާން ބޭނުންވާ ހިލާފަށް ދިޔައީމަ ދެން އެމީހުން ރަނގަޅަށް ކަންކަން ކުރާނެ ކަމަށް ވިސްނުމަކީ ގޯސް ވިސްނުމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ސުޕްރީމް ކޯޓުގެ އަމުރު ފަހުން ބާތިލްކުރީ އެ އަމުރުގައި ގޯސްތަކެއް އުޅޭކަން ކުރިން އެ އަމުރުގައި ސޮއިކުރި ތިން ފަނޑިޔާރުންނަށް ވިސްނިވަޑައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ފެބްރުއަރީ 1 ގެ އަމުރު ނެރުމާ އެކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ އަމުރު ތަންފީޒު ކުރާނެ ކަމަށް އެންގި އޭރުގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ށ. ފީވަކު އެެމްޑީޕީ ގޮފީގެ ރައީސް ހަސަން ޒުހުރީ ޕީޕީއެމަށް ސޮއިކުރެއްވުމަށް ފަހު، އޭނާގެ ފޯމު ރައީސް ޔާމީނާ މިރޭ ހަވާލުކުރައްވަނީ.---ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީން މިރޭ ވިދާޅުވި ގޮތުގައި، އެ ކަންކަމަކީ ދައުލަތަކަށް އުފުލޭ ވަރު ކަންކަން ނޫނެވެ. ފިކުރު ވަރުގަދަ ކުރަން އުޅެގެން ގައުމު ހަލާކުވުމުން އޭގެން ބޭނުމެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުން ހިމާޔަތް ހޯދައިގެން ތިބި ސިޔާސީ އިދިކޮޅު ބޭފުޅުންނަށް އަމާޒު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ހުކުމެއްކޮށްފާނެތޯ ގައުމަށް ނައިސް ތިބުމުން އެނގިގެން ދަނީ ގާނޫނީ ސަރުކާރެއް ތަންފީޒު ކުރަން ކުފޫ ހަމަނުވާކަން ކަމަށެވެ.

"ބޭރު ކަރަކަރާގައި ތިބެގެން ރާއްޖެ ތަރައްގީ ކުރުމަކީ ނެތް ގޮތެއް ދެއްތޯ. އަދި އަމުދުން މިލަންދޫ. އިހަވަންދޫ ތަރައްގީ ކުރުމަކީ ނެތް ގޮތެއް." ރައީސް ވިދާޅުވި އެވެ.

އަމާންކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ 2012 އިން ފެށިގެން 57 މީހުން ރާއްޖޭގައި މަރާލާފައިވާއިރު އެއީ މި މުސްލިމް އަދި ކުޑަކުޑަ މުޖުތަމައުއާ ގުޅޭ ކަމެއް ނޫން ކަމަށެވެ. ސުލްހަ އަށް ލޯބިކުރާ މީހުން ދެކެން ބޭނުން ނުވާ ކިތަންމެ މަންޒަރެއް ވަނީ ފެނިފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެއީ ސުލްހަ އަށް ލޯބިކުރާ މީހުން ވިސްނަން ޖެހޭ ކަންތައްތަކެއް ކަމަށާއި ހިޔާލު ތަފާތުވާ މީހުންނަށް ގޯނާ ކުރުމަކީ ރާއްޖެ އާއި ޑިމޮކްރެސީގެ ރީތި އުސޫލެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްވެސް ގޮތެއްގައި ރައްޔިތުންގެ ލޯތްބާއި ހިތް ހޯދާފައި ވަނީ މުލައްދަނޑީގެ ބާރަކުން ނޫން. އަޅުގަނޑުމެން ހަމަ ވިސްނައި ދެވޭތޯ ބަލާފައި ހުރީ ކޮބައިތޯ އަޅުގަނޑުމެން މި ސްޓޭންޑް ކުރާ އުސޫލުތަކަކީ. ޕްރިންސިޕަލްތަކަކީ."

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރާއްޖެ އަށް ބަދަލު އައިސްފައި ވަނީ ޑިމޮކްރެސީގެ ނަމުގައި ރޫހާ ހިލާފު އެތައް ކަމެއް ކުރުމުންނެވެ. އެފަދަ ކަންކަމުގެ ސަބަބުން އަދަބު ލިބެނީ ޒުވާން ކުދިންނަށް ކަމަށާއި އެ ކުދިންނަށް އަޅާލާނެ މީހަކު ފަހުން ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެ އާރާސްތު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އެންމެ ބޮޑު އުފަލަކީ އަމާންކަން ކުރީގައި ނެތް ވަރަށް މިހާރު ގާއިމް ކުރެވިފައި ވާތީ އާއި މީގެ ކުރިން އުއްމީދު ނުކުރާ ފަދަ ބޮޑެތި މަޝްރޫތައް ހިންގޭތީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޕީޕީއެމާ މިރޭ ގުޅުނު ބައެއް މީހުން ރައީސް ޔާމީނާ އެކު ފޮޓޯއެއް ނަގަނީ.---ފޮޓޯ: ޕީޕީއެމް

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަތަރު އެއާޕޯޓެއް އެޅުމަށް މި ހަފުތާގައި ހަވާލު ކުރާނެ ކަމަށާއި އެއީ ފައިސާ ހުރެގެން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ކަމަށެވެ.

"މި ހަތަރު އެއާޕޯޓް ހެދިގެން ދިއުމަކީ ހަމައެކަނި އަޅުގަނޑުމެން ރައްޔިތުންގެ ދަތުރުފަތުރަށް އަންނަ ފަސޭހަ ކަމެއް ނޫން. މިއީ އަޅުގަނޑުމެންގެ އިގްތިސާދީ ވިސްނުމާއި މުޅި ރާއްޖެ ތަރައްގީ ކުރުން. ހާއްސަ ގޮތެއްގައި ރާއްޖެތެރެ. މާލެއާ ވަކިން މި އޮންނަ އަތޮޅުތެރެ ތަރައްގީ ކުރަން ކުރާ މަސައްކަތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ރާއްޖޭގެ ދަރަނި އަދާކުރުމުގެ ގާބިލްކަން ވެސް ދިވެހި ސަރުކާރުގައި އެބަހުއްޓެވެ. އަދި ރާއްޖޭގެ ކަންކަމާ ބެހުމަށް ބޭރު މީހުންނަށް ފުރުސަތު ދޭ މީހުން ބަލައެއް ނުގަނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޕީީޕީއެމްގެ މިރޭގެ ބައްދަލުވުމުގައި ވަނީ އިދިކޮޅު އަދާލަތު ޕާޓީގެ ޒައީމް އަދި މަދަނީ އިއްތިހާދުގެ ރައީސް ޝޭހް މުހައްމަދު ދީދީ އާއި ށ. ފީވަކު އެމްޑީޕީ ދާއިރާގެ ރައީސް ހަސަން ޒުހުރީ އާއި މިލަންދޫ ދާއިރާގެ އެކި ރަށްރަށުން 106 މީހަކު ޕީޕީއެމަށް ސޮއިކޮށްފައި ކަމަށް އެ ޕާޓީން ބުނެ އެވެ.