ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: މިހާރު
02 ޖޫން 2018 - 23:34
މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ކޯލިޝަނުން ނެރޭ ކެންޑިޑޭޓަކަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.
ޖޭޕީ އަށް ބައެއް މީހުން ސޮއިކުރުމަށް މިރޭ ބޭއްވި ހަފުލާއެއްގައި، އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން އެހެން ވިދާޅުވިއިރު، އިދިކޮޅު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވަނީ އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަމަޖައްސައިފަ އެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، އެ ޕާޓީގެ ޓިކެޓު ނަޝީދު ކަށަވަރު ކުރުމާ ގުޅިގެން، އެމަނިކުފާނަށް މިއަދު ވަނީ ޓިކެޓު އަރުވައިފަ އެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަކީ ނަޝީދު ކަމަށް އަންގައި އިދިކޮޅު ކޯލިޝަނަށް އެ ނަންފުޅު ހުށަހަޅާނެ ކަމަށް އެ ޕާޓީން މިއަދު ވަނީ ބުނެފަ އެވެ.
ޖުމްހޫރީ ޕާޓީގެ އަސީސީ ގަވައިދު ބުނާގޮތުން، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ޕާޓީގެ ލީޑަރެވެ. ނަމަވެސް، މިހާރު ރާއްޖެ އިން ބޭރުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ނަޝީދާއި ގާސިމަކީ ޖަލު ހުކުމެގައި ތިއްބެވި ދެ ބޭފުޅުންނަށް ވުމުން ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް ގާނޫނުތައް ހުރަސްއަޅަ އެވެ.
ޖުމްހޫރީ ޕާޓީ އަށް މެމްބަރުން އިތުރު ކުރުމަށް ކުރިއަށް ގެންދާ "ހޭވައްލާ" ހަރަކާތުގެ ތެރެއިން، އެ ޕާޓީއާ އަލަށް ގުޅުނު މެމްބަރުންނާ އެކު، މިރޭ ބޭއްވި ހަފުލާގައި ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓަކަށް ގާސިމް ހަމަޖެއްސި ދާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.
"ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި ޖުމްހޫރީޕާޓީގެ ކެންޑިޑޭޓް ނެރުމަކީ އަދި އެ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު [ގާސިމް] ވުމަކީ އަޅުގަނޑުމެން އެންމެން އެދޭ ކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ކާމިޔާބު ކުރެވިދާނެ"، އިދިކޮޅު ކެންޑިޑޭޓަކު ނެރުމަށް އެކުލަވާލާފައި "އަށާރަ، ނަވާރަ" ކޮމެޓީގައި ވެސް ޖޭޕީ ތަމްސީލް ކުރައްވާ ހުސެއިން ވިދާޅުވި އެވެ.
ޖޭޕީގެ ލީޑަރު ގާސިމް ރައީސް އަބްދުﷲ ޔާމީނާ ސަލާމް ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
އޭނާ ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިޚާބުން ގާސިމަށް ފުރުސަތު ނެތަސް ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަކީ ޖޭޕީގެ އެންމެ ބޮޑު ޒިންމާ އެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި، އިދިކޮޅު ޕާޓީތަކުން ކާމިޔާބު ކުރުމަށްޓަކައި ގަދަ އަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި ޖޭޕީގެ މެމްބަރުން އެ ޕާޓީގެ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވުން ވަރަށް މުހިންމު ކަމަށް ޑރ. ހުސެއިން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި، ގުޅިފައިވާ ޕާޓީތަކާ އެކު މަސައްކަތް ކުރަން ޖެހޭ ވަގުތުގައި އެއްކޮށް މަސައްކަތް ކުރުން. އަޅުގަނޑުމެން ވަކިން ކުރަން ޖެހޭ މަސައްކަތްތައް ވަކިން މަސައްކަތް ކުރުން. އަދި އަޅުގަނޑުމެންގެ ޕާޓީ އަކީ ވެސް މި ގުޅުމުގެ ތެރޭގައި މުހިންމު، ވަރުގަދަ އެންމެ ބޮޑު ޕާޓީ ކަމުގައި ހެދުމަށް އަޅުގަނޑުމެން އަޒުމް ކަނޑައަޅައި މަސައްކަތް ކުރުމަކީ މި ކަމުގައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ ބޮޑު މަސައްކަތް،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގެ ޓިކެޓު ހޯއްދެވުމަށްޓަކައި ނަޝީދު މަސައްކަތްޕުޅު ކުރައްވަނީ އިދިކޮޅު ކޯލިޝަނާ ވަކިން، އަމިއްލަފުޅު ގޮތުން ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ބައެއް އިސްބޭފުޅުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމައި އެކަން އިއުލާން ކޮށްފައިވީ ނަމަވެސް އެ ކެންޑިޑޭޓު ކަނޑައެޅުމުގެ މަޝްވަރާތަކުގެ ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫޝާ
06 June 2018
ނުދޭނަން ވޯޓު
ޗިއްލޫ
04 June 2018
ކޯލިޝަންގެ ކެންޑިޑޭޓަކަށް މައުމޫނު ހަމަޖެއްސުން ކިހިނެތްވާނެބާ؟؟؟ ރާއްޖޭގެ ގާނޫނު ބުނާގޮތުން 65 އަހަރު ވެފަވާ މީހަކަށް އަދި ކުއްވެރިއަކަށް ގައުމުގެ ރައީސްގެ މަގާމަށް ކުރިމައްޗެއްނުލެވޭނެ، ދެން މިއިދި ކޮޅުގަ އުޅޭ ފަރާތްތައްވެސް އެބަޖެހޭނޫންތޯ ތަންކޮޅެއް ހަރުދަނާވާން، އެމީހަކު ހިތައްއެރި އެއްޗެއްކިޔަމުންދަނީ ރައްޔިތުންނަކީ ގަމާރުންކަމަށް ދެކޭތީތޯ؟؟؟؟
ސާދާސީދާ
04 June 2018
ޕީޕީއެމް ކެނޑިޑޭޓަކަށް ވެސް ޤާސިމް ވެދާނެ! އަދި ޔާމީނުގެ ރަނިންގ މޭޓަކަށް ވެސް ޤާސިމް ވެދާނެ!
އައްޑޫ
03 June 2018
ނުދޭނަން ވޯޓު
ޖަރާސީމް
03 June 2018
ނަސީދަށްވެވެންޏާ ގާސިމަށް ނުވެވޭންވި ސަބަބެއް ނެތް
ސޭކުސްްތާން
03 June 2018
ޝޭހު ގާސިމް
ސާފިރު
03 June 2018
ޤާސިމިވެސް އަދި އަންނިވެސް ކެންޑިޑޭޓަކަށް ވާކަށް ނުޖެހޭ، އަދި މިދެމީހުންނަކަށް އެކަން ކުރެވޭކަށްވެސް ނެއް، 65 އަހަރުން މަތީ މީހުންނަށް ވޯޓު ނުލެވޭގޮތަށް ޤާނޫނުއަސާސީ ކޮށާލާފަ ވަނީ ޤާސިމުގެ ވޯޓުވެސް ދީގެން، މީ ޤައުމުގަ ހިންގާފަ އޮތް ބޮޑު ޖަރީމާއެއް މިކަމުގަ ޖުމްހޫރީއާއި އެމްޑީޕީ ވެސް ބައިވެރިވި، އެހެންވީމަ ކުރިމަތިލެވޭގޮތަށް ހުރިމީހަކު ނެރެ އަވަހަށް ކެންޑިޑޭޓަކު ދެއްކުން ބުއްދިވެރި، ޤާސިމަށް ކުރިމަތިލެވިދާނޭ ނަޝީދުގެނަން ކަރުދާހުގަ އޮންނާނޭ، މިހެންކިއައިގެން ރައްޔިތުން ވާވެއްދުމަކުން ވާނެ ފައިދާއެއް ނޯންނާނެ، މިދެމީހުން ވެސް ކަމަކުނުދޭ، އެހެންމީހަކަށް ފުރުޞަތު ދޭން ބޭނުން ނުވާތީ އަމިއްލައެދުމާއިގެން މޮޔަފުޅުވެފަ ތިބިވަރު އެނގޭ
ޗިއްލޫ
04 June 2018
ތިވަރުގެ ބޮޑު ތެދެއްމީހަކަށް ނެހެދޭނެ، ހިތާމަޔަކީ މުޅިގައިގަ ކުލަޖައްސައިގެން އުޅޭދިވެހިން ގިނަވުން، ރުހުމުގެ ލޮލަކަށް އައިބެއްނުފެންނާނޭ ބުނާބީދައިން މުޅިގައިގެ ކުލަ ހޭކިފަވާ މީހުންނަށްވެސް މިވަނީ ހަމަ އެހެން، ކުރުކޮށް ބުނާކަމަށް ވަންޏާ "މަންނާއި ސަލްވާ" ކަމުނިދިޔަ މީހުންގެ ތެރޭގަ މިމީހުންވެސްވަނީ!!!!!!!!!!!
ބާބޫ
03 June 2018
މިފަހަރު ނެރެންވާނީ އާމީހެއް
އަބްދުﷲ
03 June 2018
ގާސިމަށް ކެނޑިޑޭޓް ކަން ދޭންފެނޭ. ނަމަވެސް އޭގެކުރިން ގާނޫނާ ކުޅިލަންޖެހޭ ދޯ. ?
ލިމް
03 June 2018
ލޮލް