އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ކ) އާއި ފަނޑިޔާރު އަލީ ހަމީދު. -- ފޮޓޯ: މިހާރު
03 ޖޫން 2018 - 11:17
ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކުރި ހުކުމް ދަމަހައްޓައި، އެ ބޭފުޅުންނަށް ކަނޑައެޅި އަދަބު ހައި ކޯޓުން މިއަދު ކުޑަކޮށްފި އެވެ.
ދަށު ކޯޓުގެ ދެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ މަހު އިއްވާފައިވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް، ހައި ކޯޓުން މިއަދު ހުކުމްކުރީ އެ ބޭފުޅުންނަށް ކަނޑައަޅަން ޖެހޭނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. އެއީ ކްރިމިނަލް ކޯޓުން ކަނޑައެޅި މިންވަރަށް ވުރެ ދެ ދަރަޖަ ދަށް އަދަބެކެވެ.
ކްރިމިނަލް ކޯޓުގެ ހުކުމް އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަކިވަކިން އިއްވި ދެ ހުކުމުގައިވާ ގޮތުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ އެ ދައުވާ އެ ދެ ބޭފުޅުންގެ މައްޗަށް ސާބިތުވާ މިންވަރަށް ވަނީ ހެކި ލިބިފަ އެވެ. އެގޮތުން ދަށު ކޯޓުގެ ދެ ފަނޑިޔާރަކަށް އެ ދެ ބޭފުޅުން ނުފޫޒު ފޯރުވުމުގެ ގޮތުން މުއާމަލާތު ކުރިކަން ދެ ހެކިވެރިންގެ ހެކިބަހުން ސާބިތުވާތީ، އެ ކުށުގެ އުންސުރު ފުރިހަމަވާ ކަމަށް އެ ހުކުމުގައިވެ އެވެ.
"ގާނޫނުގައި މަނާ ކޮށްފައިވާ ގޮތެއްގެ މަތިން ސީދާ ނުވަތަ ނުސީދާ ގޮތެއްގައި ނަމަވެސް ދައުލަތުގެ މުވައްޒަފަކާ އެކު މުވާސަލާތެއް ހިންގުމުގެ ގޮތުން އަމަލެއްް ކޮށްފައިވާ ކަން ސާބިތުވާ ނަމަ އެ ކުށުގެ ރުކުން ފުރިހަމަވީ ކަމުގައި ބެލެވޭނެ.." ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ހެކިބަސް ދިން ހެކިވެރިންނަކީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ނުފޫޒު ފޯރުވިކަމުގެ މައުލޫމާތު ރަނގަޅަށް އެނގޭ ބައެއް ކަމަށް ވާއިރު، އިތުރު ހެކިބަސްތަކެއް އެ މައްސަލައިގައި ހުށަހަޅާފައި ނެތުމަކީ އެ ދެ ބޭފުޅުން ނުފޫޒު ފޯރުވާފައިނުވާ ކަމަށް ބަލަންޖެހޭ ސަބަބެއް ނޫނެވެ. އަދި ހެކިބަސް ދިން ދެ ހެކިންނަކީ އަދުލުވެރިކަން ގެއްލިފައިވާ ފަރާތްތަކެއް ކަމަށް ދަށު ކޯޓުން ކަނޑައަޅާފައި ނެތް ކަން ވެސް ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
އެ މައްސަލަައިގައި ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރެއް ހިމަނާފައި އޮތުމުން، އެ މައްސަލަ ކްރިމިނަލް ކޯޓުން ބެލުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ބުނެ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ފަރާތުން އެކަން ހައި ކޯޓުގައި ފާހަގަކުރި އެވެ.
އެ ނުކުތާއާ ގުޅިގެން ހައި ކޯޓުގެ ހުކުމުގައިވަނީ ނުފޫޒު ފޯރުވުމުގެ މައްސަލަތައް ބެލުމަކީ ކްރިމިނަލް ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމަށް ވާއިރު، އެ މައްސަލައިގައި ހެކީގެ ގޮތުގައި އެ ކޯޓުގެ އަމުރުތަކެއް ދައުލަތުން ހުށަހަޅާފައި އޮތުމަކީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ގެއްލޭނެ ކަމެއް ނޫނެވެ. އަދި ދައުލަތުން ހުށަހެޅި އަމުރުތަކުގެ ތެރޭގައި އެ މައްސަލަ ދަށު ކޯޓުން ބެލި ފަނޑިޔާރު ނެރުއްވި އަމުރެއް ހިމަނާފައި އޮތުމަކީ ވެސް އެ ކަމުގައި މަސްލަހަތު ފުށުއަރާ ކަމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
"އެ މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން އެ މައްސަލައިގައި ހިމެނޭ ޚަސްމަކަށް ނުވަތަ މައްސަލައާ ގުޅުން ހުރި ފަރާތަކަށް މައްސަލަ ބެއްލެވި ގާޒީގެ ފަރާތުން މަންފާއެއް ހޯދިދާނެ ކަމުގައި ބެލެވެން ނެތް އިރު، އެ މައްސަލަ ބެލުމުން އެ މައްސަލަ ބެއްލެވި ފަނޑިޔާރު ތަނާޒުލްވާން ޖެހޭ ގާނޫނީ އަދި އެ ނޫން ވެސް ސަބަބެއް ފެންނަން ނެތް..." ކަމަށް އެ ހުކުމުގައިވެ އެވެ.
އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރު ބެއްލެވި މައްސަލައިގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ފަރާތުން ވަނީ ދަށު ކޯޓުގައި ދައުވާ އުފުލުމާއި ޝަރީއަތް ހިންގުމުގެ އިޖްރާއާތުތަކާ ގުޅޭ ގޮތުން ވެސް ބައެއް ނުކުތާތައް ފާހަގަ ކޮށްފަ އެވެ. އެގޮތުން ދައުވާ ފޯމްގައި ސޮއިކުރީ ޕްރޮސެކިއުޓާ ޖެނެރަލް ހުއްދަ ދީފައިވާ ފަރާތެއް ކަން އެނގެން ނެތުމުން އެއީ ޖިނާއީ އިޖްރާއާތުގެ ގާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށް އެ ދެ ބޭފުޅުންގެ ފަރާތުން ފާހަގަކުރި އެވެ.
އެކަމާ ގުޅިގެން ހުކުމުގައިވާ ގޮތުން ދައުވާ ފޯމްގައި ސޮއިކުރީ ޕްރޮސެކިއުޓާ ޖެނެރަލް ހުއްދަ ދީފައިވާ ފަރާތެއް ކަން ދައުވާ ފޯމުން އެނގެން ނެތަސް، އެ މައުލޫމާތު ކޯޓަށް ކަަށަވަރު ކުރެވޭ ނަމަ ގާނޫނުގެ މަގްސަދު ހާސިލްވީ ކަމަށް ހައި ކޯޓުގެ ހުކުމްގައިވެ އެވެ. އަދި ދައުވާ ފޯމްގައި ސޮއިކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަކީ ކޮބައިކަން އަންގައި، ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ކޯޓުތަކަށް ކުރިން ސާކިއުލާއެއް ފޮނުވާފައިވާ ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު ޝަރީއަތް ފެށުމުގެ ކުރިން ނުލިބޭ މައްސަލަ ފާހަގަ ކޮށްފައިވާތީ އެ ނުކުތާއާ ގުޅިގެން ހުކުމުގައިވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތް ގޮތުން އެ މުއްދަތު ގުނުމުގައި ދެ ގޮތަކަށް އަމަލު ކުރެވިދާނެ ކަމަށެވެ. އެއީ ދައުވާއާ ގުޅޭ ލިޔުންތައް ލިބޭ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތު ގުނަން ފެށުން ނުވަތަ އިބްތިދާއީ އަޑުއެހުން ބާއްވާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތު ގުނަން ފެށުން ކަމަށެވެ. އަދި އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ފެށީ ލިޔުންތައް ދިންތާ 30 ދުވަސް ފަހުން ކަމަށް ހުކުމުގައިވެ އެވެ.
ދިފާއީ ވަކީލުންނާ ނުލައި އަޑުއެހުމެއް ކުރިއަށް ގެންދިޔަ މައްސަލައާ ގުޅިގެން ހުކުމުގައިވަނީ އެ އަޑުއެހުން ވަކީލުންނާ ނުލައި ކުރިއަށް ގެންގޮސްފައިވަނީ އެ އަޑުއެހުމަށް ހާޒިރުވާން ވަކީލުން ދެކޮޅު ހެދުމުގެ ސަބަބުން ކަމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް ލިބޭނީ 10 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުން އެ މައްސަލަ 30 ދުވަސް ތެރޭގައި ސުޕްރީމް ކޯޓުން ނިންމަން ޖެހޭނެ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ނިމޭއިރު ޖަލު ހުކުމް ދަމަހައްޓައިފި ނަަމަ އެ ދެ ބޭފުޅުން ފަނޑިޔާރުކަމުގެ މަގާމުން އޮޓަމެޓިކުން ވަކިވާނެ އެވެ.
އެ މައްސަލައިގެ އިތުރުން ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް މެދުކަނޑައިލަން އެންގި މައްސަލައިގައި ވެސް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ އިތުރު ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ. އެ މައްސަލަ ވެސް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވާއިރު، އެ މައްސަލަ ވެސް އޮތީ ހައި ކޯޓުގައި ހުކުމް ކުރުމުގެ މަރުހަލާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
03 June 2018
އަދަބު ލުއިކުރަން ޔާމީނު ބޭނުންފުޅުވީ ކީއްވެގެންބާ؟
ތެދު
03 June 2018
ދައުލަތުގެ ހަޒާނާއައް ވުރެއް މާފުށީ ޖަލު މުއްސަނދި..
އަލިފް
03 June 2018
ބޭރުގަ ބޭޒާރު ވެދާނެތީ ގާނޫނުގަ އޮތް ގޮތައް ބަދަލުކުރީއެވެ. އަދި ތިޔަ ކަހަލަ ބައިވަރު ހުކުމް ކުރުން އެކަށީގެން ވެއެވެ.
އަލީގ
03 June 2018
"އިތުރު ހެކިބަސްތަކެއް އެ މައްސަލައިގައި ހުށަހަޅާފައި ނެތުމަކީ" މި ޖުމްލައާއެކު ބަޔަކައް ހުކުމެއް އިއްވިގޮތައް މިހާރު ބާރުގަ ތިބި ފަރާތްތަކައް އަދި ހަމަ މިހާރު ނުހައްގުން ކަންތައްތައް ކުރަމުން ދާފަރާތްތަކާމެދު ހުކުންތަކެއް އިއްވޭނެ ދުވަހެއް ހަމަ ފެންނަކަހަލަ.
ބަރުލަމާނީ
03 June 2018
މީހުން ކިޔާ އަޑު އަހަނީ ގާނޫނަކީ ބަންނަ ރަބަރެއްކަހަލަ އެއްޗެކޭ. އޭގައި ހިފައި ވާންކޮށްލީމަ ދެމޭން އޮތް ވަރަކަށް ދެމޭނެޔޭ. މިހާރު މިއަޑުއިވޭ ގާނޫނުގެ ވާހަކަތައްވެސް މިހުންނަނީ ހަމައެހެން. ބޭނުންކަމެއް ކޮށްލަންބޭނުންވީމާ މިކިޔަނީ އެކަމެއް އެހެންވެފައި އޮތަސް މިވެނިކަމެއް އެވެނިގޮތަކަށް ނިންމަން ނުޖެހޭކަން. ދެން ފެންނަ ބައިގައި އޮންނާނީ މިޔާ ދިމާ އިދިކޮޅު. އެހެންވީމަ ގާނޫނު ބަންނަ ރަބަރަކަށް ފިސާރި ކުފޫހަމަވާކަމަށް މަމިބެލީ.
ޙަކީމާ
03 June 2018
ސުޕުރިމް ކޯޓުން އެކެއް ފެބުރުއަރީގަ ނެރުނު އަމުރު އަމުރަކައް ޕޮލިސްކުދިން ނަކައް ނުވެ ދެން ކޮންމެ ތާކުން އަމުރެއް ނެރުނަސް އަމުރަކައް ވޭ
joone
03 June 2018
އިނާމު ލިބެން ޖެހޭނެއެވެ.
މެސީ
03 June 2018
ތި އަދަބުތަކުގެ ވާހަކަ ނުދައްކަބަލަ، ތާސް ކުޅެންފަށަނީ ހުކުމް ބުނެފަ،
ވަތުބަތާނަ
03 June 2018
ކީއްކުރާނީ އެމީހުންނަށް އިންޞާފުު ގާއިމުކުރަން ލިބުނުފުރުޞަތުގެ ބޭނުންވެސް ހިފީ ނަހަމަގޮތުގައި، އެކަމުގެ ހިތިރަހަ ކަރުބުޑުގައި ލާފަދަ. މިވަގުތު އެފުރުޞަތު ލިބިފައިވާ ބޭފުޅުންވެސް ނުފޫޒު ނުފޯރުވައި އިންޞާފުން ޙުކުމް ކޮށްދެއްވައިފިނަމަ އެކަމުގެ ރަހަ ދެކޭނެ.
ވާލުސޮރު
03 June 2018
މަ އެންމެ ދެރަވެ ކަންބޮޑުވަނީ މިއޮއް ބަރަކާތްތެރި ރަމަޟާން މަހުވެސް ﷲ ގެ އަމުރުފުޅުތައް މުގުރަން ފަސްނުޖެހޭ ﷲ އަށް ބިރުވެތިނުވާ ބަޔަކު %100 މުސްލިމް ގައުމެކޭ ކިޔާ މިރާއްޖޭގަވެސް އުޅޭތީ.