ނަޝީދަށް ވާދަނުކުރެވޭ ނަމަ، ރިޔާސީ ކެންޑިޑޭޓަކަށް އެންމެ ރަނގަޅީ އިބޫ: މަހްލޫފް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭނަމަ، އިދިކޮޅު ކެންޑިޑޭޓަކަށް އެންމެ ރަނގަޅީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެ އެވެ.


ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން، މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ސިޔާސީ އިދިކޮޅު ލީޑަރުންނަށް ފުރުސަތު ލިބިވަޑައިގެންފި ނަމަ، ފުރަތަމަ ބުރުގައި ވަކިވަކިން ވާދަކުރެއްވުން ރަނގަޅު ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.

ދެވަނަ ބުރުގައި އިދިކޮޅު ކޯލިޝަން އެކުގައި މަސައްކަތް ކުރާނެ ކަން ޔަގީން ކުރެވޭއިރު، ފުރަތަމަ ބުރުގައި ވަކިވަކިން ވާދަކުރުމަކީ ބޮޑު މައްސަލައެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

އިދިކޮޅުން އެއްބަސްވާ އެއް ކެންޑިޑޭޓެއްގެ ގޮތުގައި އިބޫ އަށް ތާއީދު ކުރައްވަން ނިންމެވީ މަހްލޫފް ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުތަކުގައި އިދިކޮޅު ކޯލިޝަން އެކަތިގަނޑެއްގެ ގޮތުގައި ބަދަހިކޮށް ބޭއްވުމުގެ ބުރަ އަދި ރިސްކު ބޮޑު ކަންތައްތަކެއް އިބޫ ކުރައްވައި ތަފާތު ފިކުރުތަކުގެ ލީޑަރުންނާ އެކު ގާތުން މަސައްކަތް ކުރައްވާފައި ވާތީ އެވެ.

އޭނާ ވިދާޅުވީ، އިބޫ ވަނީ ތަފާތު ފިކުރުގެ ލީޑަރުންނާ އެކު މަސައްކަތް ކުރައްވާފައި ކަމަށެވެ. އިދިކޮޅު ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނަށް ބަލާއިރު، އިބޫ އަށް ޕާޓީތަކުގެ ލީޑަރުންގެ އިތުބާރު އޮތް ކަމަށް މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފުގެ ބަޔާނުގައި ވާ ގޮތުން އޭނާގެ ތާއީދު އޮތީ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ވަކި ކުރި ހިސާބުން، އެންމެ ގާތުން މަސައްކަތް ކުރެއްވި އަދި އެންމެ ބޮޑު އެއްބާރުލުމެއް ލިބުނު ޕާޓީ އަކީ އެމްޑީޕީ އެވެ. އަދި ނަޝީދުގެ ފަރާތްޕުޅުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިވަޑައިގެންނެވި ކަމަށް މަހްލޫފް ވިދާޅުވި އެވެ.

ނަޝީދާ އެކު މަހްލޫފް ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ: ޓުވިޓާ

"ހަމަ އެހެންމެ، އެމްޑީޕީގެ ވިސްނުމާއި ފިކުރު އަދި ގިނަ އުސޫލުތަކާއި ހަމަތަކަކީ މިއަދު އަޅުގަނޑު ވެސް އެކަންކަން ގަބޫލުކޮށް ތާއީދުކުރާ ކަންތައްތަކެވެ. ވޭތުވެދިޔަ ހަތަރު އަހަރު ކުރި ތަޖުރިބާ އިން ލިބުނު ފިލާވަޅުތަކަށް ބަލާއިރު، ރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހައްގުތައް ކަށަވަރުކޮށްދީ ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށް މީގެ އަހަރުތަކެއް ކުރިން ފެށިގެން އެމްޑީޕީން ކުރި ދަތުރުގައި ބައިވެރިވެ ކޮންމެވެސް ވަރެއްގެ ހިއްސާއެއް ވެދެވުނު ކަމަށްޓަކައި އުފާކުރަމެވެ،" މަހްލޫފް ވިދާޅުވި އެވެ.

އެމްޑީޕީން ސިޔާސީ މައިދާނުގައި ކުރި ދަތުރުގައި މުހިއްމު ދައުރެއް އަދާކުރައްވައި އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި އެއް ބޭފުޅަކީ ނަޝީދު ކަމަށް ވާއިރު، އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭ ނަމަ، ތާއީދު އޮތީ ނަޝީދަށް ކަމަށް ވެސް މަހްލޫފްގެ ބަޔާނުގައިވެ އެވެ.

މަހްލޫފް އެހެން ވިދާޅުވި އިރު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެހެންވެ، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ވަނީ ގެއްލިފަ އެވެ. އެކަމަކު، އެމްޑީޕީން ތަކުރާރުކޮށް ބުނަނީ ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ 1 ގައި ނެރުނު އަމުރުގެ ނަތީޖާ އަކީ ނަޝީދު މިނިވަން ވުން ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ އަމުރުގެ އެ ބައި ވަނީ ބާތިލްކޮށްފަ އެވެ.

މަހްލޫފްގެ މައްޗަށް ދައުލަތުން ގިނަ ދައުވާތަކެއް ކުރާއިރު، އޭގެ ތެރޭގައި މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ އާއި މުޒާހަރާއެއްގައި ބައިވެރިންނަށް މާސްކް ބެހި މައްސަލާގައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ އާއި ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ ހިމެނެ އެވެ.

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަން މަހްލޫފްގެ މައްޗަށް ސާބިތުވުމާ ގުޅިގެން މީގެ ކުރިން އޭނާ ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވައިފަ އެވެ.