ފައިނުގައި އެއާޕޯޓު އަޅަން ގިނަ ބަޔަކު ނިހާޔަތަށް ބޭނުންވޭ: އާދަމް ޝަރީފް

ރ. ފައިނުގައި އެއާޕޯޓު އެޅުމަކީ ރަށުގެ ގިނަ ބަޔަކު ނިހާޔަތަށް ބޭނުންވާ ކަމެއް ކަމަށް އެ ރަށަށް އުފަން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރޭ ވިދާޅުވެއްޖެ އެވެ.


އާބާދީގައި 500 މީހުން އުޅޭ ފައިނުގައި އެއާޕޯޓަކާ ސިޓީ ހޮޓަލެއް އެޅުމަށް ސަރުކާރުން ވަނީ އަށް މިލިއަން ޑޮލަރު (123 މިލިއަން ރުފިޔާ) އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފަ އެވެ. އައިލެންޑް އޭވިއޭޝަންގެ އަމާޒަކީ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި އެއް އަހަރު ތެރޭގައި ނިންމައި އެއާޕޯޓު ހުޅުވުމެވެ.

އެއާޕޯޓާއި ސިޓީ ހޮޓާ މަޝްރޫއުގެ ދަށުން އިތުރު ތަންތަން އެޅުމުގެ ކުރެހުން

އާދަމް ޝަރީފް ފޭސްބުކްގައި ވިދާޅުވީ ފައިނުގައި އެއާޕޯޓު އެޅުމަށް އެ ރަށުގެ މެޖޯރިޓީ ރައްޔިތުން އިންތިހާ އަށް ބޭނުންވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއާޕޯޓު އެޅުމަށް މީގެ 26 އަހަރު ކުރިން ސަރުކާރުން ރާވާފައިވާ އިރު، އެކަން ކުރަން ދެކޮޅުހަދަނީ މަދު ބައެއް ކަމަށެވެ.

"އައިލެންޑް އޭވިއޭޝަން އިން ފައިނުގައި ބޭއްވި ބައްދަލުވުމުގައި ވަރަށް ގިނަ ބަޔަކު ހާޒިރުވި. ކަންބޮޑުވުން ފާޅުކުރީ ތިން ކުއްޖަކު. އެ ވެސް ކުރެހުން އޮތް ގޮތުން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެ ބައްދަލުވުމަކީ ރަށު ކައުންސިލުން ވެސް ބައިވެރިވި ބައްދަލުވުމެކެވެ. ކައުންސިލްގެ ބަހެއް ނުހޯދައި ބައެއް މީޑީއާތަކުން ފަތުރަމުން ދަނީ މަދު ބަޔަކު ބޭނުންވާ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު އެހެން ވިދާޅުވި އިރު، "މިހާރު" ން އިއްޔެ އާއި މިއަދު ފައިނުގެ ކައުންސިލް މެމްބަރުންނަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ފައިނުގެ ބައެއް މީހުންގެ ކަންބޮޑުވުން ފާޅުކުރަނީ އެއާޕޯޓާއި ސިޓީ ހޮޓާ އެޅުމަށް ފައިނުގެ ބޮޑު ބައެއް ނަގަން ނިންމާފައިވާ ކަމަށް ބުނެ އެވެ. ކުރެހުުމުގައިވާ ގޮތުން، ރަށުގެ ބިމުގެ ގާތްގަނޑަކަށް ތިން ބައި ކުޅަ ދެ ބައި ނަގަ އެވެ. އެއާޕޯޓު ހަދަން ފައިނުން ހަތަރު ހެކްޓަރުގެ ސަރަހައްދެއް ހިއްކަން ނިންމާފާއިވާ އިރު، އެ ބިމުގައި އައިލެންޑް އޭވިއޭޝަންގެ ޓްރެއިނިން ސެންޓަރަކާއި ކާގޯ ވިލެޖެއް ވެސް ތަރައްގީ ކުރާނެ އެވެ.

ރ. އަތޮޅުގައި އޮންނަ އެންމެ ރީތި ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެއާޕޯޓު އެޅުމުގެ ސަބަބުން، ދަނޑުވެރިކަން ކުރުން ހުއްޓުމަކަށް އަންނާނެ ކަމަށެވެ. އަދި ބިން ނެތުމުގެ ސަބަބުން އެ ރަށު މީހުންނަށް ގޯތި ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށް ވެސް އެ މީހުން ބުންޏެވެ.

ނަމަވެސް، އެނގިފައިވާ ގޮތުގައި އެއާޕޯޓު އެޅުމުން އެ ރަށުގައި ދަނޑުވެރިކަން ކުރާ މީހުންނަށް އެކަން ކުރުމަށް އެކަށީގެންވާ ސަރަހައްދެއް ލިބޭނެ އެވެ. އަދި ރަށުގެ މީހުންނަށް ގޯތި ދޫ ކުރުމުގައި ވެސް އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.

ސަރުކާރުން ބުނީ ފައިނުގައި އެހާ ބޮޑު މަޝްރޫއެއް ހިންގަން ނިންމީ، އެއީ ރިސޯޓުތައް ހިންގާ ސަރަހައްދަކަށް ވުމުގެ އިތުރުން ރ. އަތޮޅަކީ ބޮޑު އާބާދީއެއް އޮންނަ އަތޮޅަކަށް ވާތީ އެވެ. ރ. އަތޮޅުގެ އާބާދީ އަކީ 24،000 އެވެ.

ފައިނުގެ ބައެއް މީހުން ކަންބޮޑުވުން ފާޅު ކުރާތީ މިނިސްޓަރު ޝަރީފް ވަނީ މިދިޔަ ހޮނިހިރު ދުވަހު، ފައިނަށް ވަޑައިގެން، އާއްމުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި މަޝްރޫއުގެ ކުރެހުމަކީ އަދި ފައިނަލް ނޫން ކަމަށާއި ރައްޔިތުން އެދޭ ބަދަލުތައް ގެންނާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް، އެ ރަށުގެ މީހުން ބުނެ އެވެ.