ފައިނުގައި އެއާޕޯޓު ނާޅަން ސަރުކާރުން ނިންމައިފި

ރ. ފައިނުގައި އެއާޕޯޓު އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާނުކުރި މަޝްރޫއު ކުރިއަށް ނުގެންދަން ނިންމައިފި އެވެ.


ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު "މިހާރު" އަށް މިއަދު ވިދާޅުވީ ތިމާވެއްޓެއް ބޮޑެތި ގެއްލުންތަކެއް ލިބޭތީ އެ ރަށުގައި އެއާޕޯޓު ނާޅަން ނިންމާފައިވާ ކަމަށެވެ.

އެއާޕޯޓާއެކު ސިޓީ ހޮޓަލާއި މެޑިކަލް ސެންޓަރަކާއި ބައެއް ކަހަލަ ސާޖަރީތަކުން ރިކަވާ މީހުންނަށް ހިދުމަތް ދޭ ފެސިލިޓީއެއް ހަދަން ކުރީގެ ސަރުކާރުން، މެއި 30، 2018 ގައި ހަވާލުކުރީ އައިލެންޑް އޭވިއޭޝަނަށެވެ. އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިިސް ވިދާޅުވީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫއުގެ ފުރަތަމަ ފޭސްގައި ކުރިއަށް ގެންދާނީ ރަންވޭ އާއި ޓާމިނަލްގެ މަސައްކަތް ކަމަށެވެ.

ފުރަތަމަ ފޭސް އެއް އަހަރުގެ ތެރޭގައި ނިންމައި އެއާޕޯޓް ހުޅުވާނެ ކަމަށް ވިދާޅުވިޔަސް މިހާތަނަށް އެއާޕޯޓުގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

ގަސް ގިނަ، ފެހިކަން ގަދަ ފައިނުގައި އެއާޕޯޓާއެކު ތަރައްގީގެ އެހެން މަޝްރޫއުތައް ކުރިއަށްގެންދިއުމަށް އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ވެސް ހެދި އެވެ. ނަމަވެސް ރިޕޯޓު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، އެ އީއައިއޭ ބަލައިނުގަންނަން، އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން، ނޮވެމްބަރު، 14، 2018 ގައި ނިންމީ އެވެ.

އީއައިއޭގައި ބުނާ ގޮތުން އެއާޕޯޓު މަޝްރޫއު ކުރިއަށް ގެންދަން 5،792 ގަސް ކަނޑަންޖެހެ އެވެ. އެއީ ފައިނުގައި ގަސް ހެދިފައިވާ ސަރަހައްދުގެ 38 ޕަސެންޓެވެ. ނަމަވެސް ގަސްތަކާ ގުޅޭ ދިރާސާ ފުރިހަމަ ނޫން ކަމަށް އީޕީއޭ އިން އޭރު ބުންޏެވެ.

ފައިނުގެ އެއާޕޯޓު މަޝްރޫއާ ދެކޮޅަށް މީގެ ކުރިން ބޭއްވި އެއްވުމެއްގައި ބައިވެރިވި ބައެއް މީހުން.-- މިހާރު ފޮޓޯ

އެހާ ބޮޑު ސަރަހައްދަކުން ގަސް ކެނޑުމުން ފެން ފަށަލަ އާއި ރަށުގެ ފިނިހޫނުމިނަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށާއި އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ ވެސް ގިނަ އަދަދެއްގެ ގަސްތައް ކެނޑުން ކަމަށް ބުންޏެވެ.

ޒުހެއިރު ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ތަރައްގީގެ ބޮޑު ޕްލޭނެއް ހަދަމުން އަންނައިރު، ހިންގާނެ ޕްރޮޖެކްޓުތައް ނިންމާނީ އެ ޕްލޭނަށް ބެލުމަށް ފަހު ކަމަށެވެ. އެއިން ފާހަގަވާ ކަންތައްތައް ބެލުމަށް ފަހު މަޝްރޫއުތައް ގެންދާނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ ފައިނުގައި ކުރީގެ ސަރުކާރުން ކުރިއަށް ގެންދަން ނިންމި އެއްވެސް މަޝްރޫއެއް ދެން ކުރިއަކަށް ނުގެންދާނެ ކަމަށް ވިދާޅުވި އެވެ.

އަށް މިލިއަން ޑޮލަރު (123 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދަން ނިންމި އެއާޕޯޓުގައި 1320 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި 45 މީޓަރު ފުޅާ އޭޕްރަން އޭރިޔާއަށް ރަށުގެ ބިމުން 20.8 ހެކްޓަރު ބިން ނަގަންޖެހެ އެވެ. އެހެންވެ ބިމުގައި 59 ހެކްޓަރު އޮތް ފައިނުގައި އެ މަޝްރޫއު ކުރިއަށް ގެންދިއުމާ ދެކޮޅަށް ޕެޓިޝަނެއް ހުށަހަޅައި އިދާރާތަކަށް ކަންބޮޑުވުން ހިއްސާކުރި އެވެ.

ސަރުކާރުގެ ޕްލޭނުގައި އޮންނަނީ، 30 މިނެޓުން ލޯންޗު/ދޯނީގައި އެއާޕޯޓުން އެ ރަށަކަށް ދެވޭނެ ގޮތަށް އެއާޕޯޓުތައް އެޅުމަށް ކަމަށް ޒުހެއިރު ވިދާޅުވި އެވެ.