ވޯކްޝޮޕަކާއެކު ހިންގާ ފިހާރައެއްގެ ފާރު ތަޅާލައިގެން ވަދެ ވައްކަންކޮށްފި

އެލުމިނިއަމް މަސައްކަތްކުރާ ވޯކްޝޮޕަކާ އެކު ހިންގާ ފިހާރައެއްގެ ފާރު ތަޅާލައިގެން ވަދެ، ވައްކަންކޮށް ތަނަށް ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.


ރޭ ފަތިހު 4:00 ހާއިރު ފާރު ތަޅާލައިގެން ވަދެ ވައްކަންކޮށްފައި ވަނީ އަލަށް ހެދި ވިންޓަ ތީމް ޕާކު ކައިރީގައި ހުންނަ ފްރަގަންޓިއާ ޝޮޕާއި އެތަނުގައި ހިންގާ ވޯކްޝޮޕުންނެވެ. އެ ފިހާރައިން ވާހަކަދެއްކި މީހަކު ބުނީ ވޯކްޝޮޕަށާއި ފިހާރަ އަށް ވަދެ ވަގަށް ނެގި ތަކެއްޗާއި ދިން ގެއްލުމުގެ އަގު އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށެވެ.

ފްރަގަންޓިއާ ވޯކްޝޮޕް ވަގުން ވަދެ ގެއްލުންދީފައި. ފޮޓޯ: ނިޝާން އަލީ /މިހާރު

"ވަގަށް ނެގި ތަކެތީގެ އަދަދެއް އަދި މުޅިން ނޭނގެ. އެކަމަކު ވަގުން ވަދެ މުޅި ތަން އޮތީ ލޫޓުވާލާފައި،" އެ މީހާ ބުންޏެވެ.

ސެންޓާއި އަތަރު ވިއްކާ އެ ފިހާރައިން ވާހަކަދެއްކި މީހާ ބުނީ ފާރު ތަޅާލައިގެން ވަގުން ވަންއިރު އެތަނުގެ އެތެރޭގައި ބަހައްޓާފައި ހުރި އެލުމިނިއަމް ދޮރުފަތްތަކަކާއި ބިއްލޫރި ޝީޓްތަކެއް ވެސް ތެޅިފައިވާ ކަމަށެވެ. އަދި ފިހާރައަށް ވަދެ އެތަނުގައި ހުރި ދެ ލެޕްޓޮޕާއި ރެކުތަކުގައި ހުރި ސެންޓާއި އަތަރު ފުޅިތަކެއްގެ އިތުރުން ވަތްގަނޑުގައި ހުރި ފައިސާތަކެއް ވެސް ގެންދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.

ވަގުން ވަދެ ވައްކަންކުރި ފިހާރަ. މިތަނުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ގެންދިޔަ. ފޮޓޯ: ނިޝާން އަލީ /މިހާރު

"މިތަނުގެ ބޭރު ފާރުގެ ތިރިން ދެ ފޫޓެއްހާ ތަން ތަޅާލައިގެން ވަދެފައި ހުރީ. މިތަނުގައި ހަރުކޮށްފައިވާ ކެމެރާތަކުން އެބަ ފެނޭ ވަގުން ވަދެ އުޅުނު ގޮތް ވެސް،" އެ މީހާ ބުންޏެވެ.

އޭނާ ބުނީ ވޯކްސޮޕްގައި މަސައްކަތްކުރަން ބޭނުންކުރާ ބައެއް ސާމާނު ވެސް ވަގަށް ނަގާފައިވާ ކަމަށެވެ.