މާލޭގައި ފިހާރައެއް ފަޅާލައި ދެ ލައްކަ ރުފިޔާގެ ގެއްލުން

މާލޭގައި ރޭ ފަތިހު ފިހާރައެއް ފަޅާލައި، ވަގަށް ގެންދިޔަ މުދަލާއި ތަނަށް ލިބުނު ގެއްލުމުގެ އަގު ދެ ލައްކައަށް ވުރެ މަތިވާނެ ކަމަށް އެ ފިހާރަ އިން މިއަދު ބުނެފި އެވެ.


އަހިވިލާ މަގުން މ. އޭސް ހާޑްވެއާ ކައިރީގައި ހުންނަ، މައި ޓެކް "މޮބައިލް ކޯނާ" ފިހާރަ އިން ވާހަކަ ދެއްކި މީހަކު ބުނީ އެ ތަނުން ވައްކަން ކުރީ ފިހާރައިގައި އަޅުވާފައި ހުރި ތިން ތަޅުގެ ތެރެއިން ދެ ތަޅު ހަލާކުކޮށްލައި، ބިއްލޫރިގަނޑު ތަޅާލުމަށް ފަހު ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެ ފިހާރަ ފަޅާލައި ވައްކަން ކުރިކަމުގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 4 ޖަހާކަން ހާއިރު އެވެ.

ނަމަވެސް ވައްކަމާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.

"ވަގުން އެކަން ކުރީ ވަރަށް ބޮޑަށް ހަމަޖެހިލައިގެން ކަމަށް ބެލެވެނީ. މިއީ ވަރަށް ބޮޑަށް ރޭވިގެން ކުރި ކަމެއް ކަމަށް ބެލެވެނީ،" ފިހާރަ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ވަގުން އެ ފިހާރަ އަށް ވަދެ، ފޯނާއި ފޯނާ ގުޅޭ އެކި ސާމާނު ގެންދިޔަ އެވެ. އަދި ފިހާރައިގެ ވަތްގަނޑުގައި ހުރި 6000ރ. ވެސް ވަގަށް ނެގި ކަމަށް ބުންޏެވެ.

ވައްކަން ކުރުމުގެ އިތުރުން، އޭނާ ބުނީ، ފިހާރައިގައި ހުރި ބައެއް މެޝިނަރީޒްތަކަށް ގެއްލުން ވެސް ދީފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި ހުންނަ ބޮޑީ ބިލްޑަރުންގެ ފިޓްނަސް އަށް ބޭނުންވާ ސާމާނު ވިއްކާ އެތްލެޓިކާ ފިހާރަ ފަޅާލައި، މި މަހު 15 ވަނަ ދުވަހު ވަނީ 42،000ރ. ވަގަށް ނަގައިފަ އެވެ. އެ މައްސަލައާ ގުޅިގެން ވެސް އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.