ކޮންގްރެސްގެ ކުރިން ނަޝީދާ އެކު އިބޫގެ ބައްދަލުވުމެއް

ސެޕްޓެމްބަރު މަހު އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު އެމްޑީޕީން މުހިންމު ނިންމުންތަކެއް ނިންމަން ތައްޔާރު ވެފައި ވަނިކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރެއްވުމަށް، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ސްރީ ލަންކާ އަށް ވަޑައިގެންފި އެވެ.


އެމްޑީޕީގެ ސިޔާސީ ނިންމުންތަކުގައި އިސް ދައުރެއް އަދާކުރައްވާ އިބޫ ލަންކާ އަށް ވަޑައިގަތީ ނަޝީދާ އެކު މުހިއްމު މަޝްވަރާތަކަކަށް ކަމަށް ވެ އެވެ. އެކަމަކު އެމްޑީޕީން އަދި ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ނަޝީދާ ބައްދަލު ކުރައްވަން އިބޫ ވަޑައިގެންނެވިއިރު، އެމްޑީޕީގެ ކޮންގްރެސް އަންނަ ހޮނިހިރު ދުވަހު އއ. އުކުޅަހުގައި ބާއްވަން އޮތީ ނިންމައިފަ އެވެ. ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދަ ނުކުރެވިއްޖެ ނަމަ، އެމްޑީޕީން ދެން އަމަލު ކުރާނެ ގޮތަކާ މެދު ކޮންގްރެސްގައި ގޮތެއް ނިންމާނެ ކަމަށް ވެ އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ނަޝީދު ކަމަށް އެ ޕާޓީގެ ޕްރައިމަރީން ކަނޑައަޅާފައި ވީ ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ 13 އަހަރުގެ ޖަލު ހުކުމާ ހެދި، ރައީސް ކަމަށް ނަޝީދު ވާދަކުރެއްވުމުގެ ޝަރުތު އުނިވެފައިވާ ކަމަށެވެ.

އެހެން ކަމުން، އެމްޑީޕީގެ ކޮންގްރެސްގައި މިކަމާ ގުޅޭ ގޮތުންނާއި އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ކަނޑައެޅުމުގައި ދިމާވެފައިވާ ޚިޔާލު ތަފާތުވުންތަކަށް ހައްލު ހޯދަން މަޝްވަރާކޮށް، ގޮތްތަކެއް ނިންމާނެ ބެލެވެ އެވެ.

ނަޝީދާއި އިބޫ ކްރިކެޓް ކުޅުއްވުމުގައި: ނަޝީދަށް ވާދަ ނުކުރެވިއްޖެ ނަމަ އެމްޑީޕީގެ ކެންޑިޑޭޓަކަށް ނެރޭނީ އިބޫ ކަމަށް ވެސް ވަނީ އަޑު ފެތުރިފައި.

އެމްޑީޕީން ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނުނެރެ އިދިކޮޅު ޕާޓީތަކުން އެއްބަސްވާ އެއް ކެންޑިޑޭޓަށް ތާއީދު ކުރާނީތޯ ނުވަތަ ޕާޓީތަކާ ވަކިން އިންތިޚާބުގައި ވާދަކުރާނީތޯ ވެސް ކޮންގްރެސްގައި ނިންމުން އެކަށީގެން ވެ އެވެ.

ރިޔާސީ އިންތިޚާބަށް އިދިކޮޅުން ނެރޭނީ އެއް ކެންޑިޑޭޓަކު ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާއިރު، އެމްޑީޕީގެ ބޭފުޅަކު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅުމާ މެދު ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުންގެ ޚިޔާލު ތަފާތެވެ.

އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ލީޑަރުންގެ މަންދޫބުން ހިމެނޭ ކޮމެޓީއެއް އެކުލަވާލާފައިވާއިރު، އެ ކޮމެޓީގެ ރިޔާސަތުގައި އިންނަވަނީ އިބޫ އެވެ. ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަޝްވަރާތަކުން މިހާތަނަށް ނަތީޖާއެއް ނުފެނެ އެވެ.