އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާ، ކުރީގެ ރައީސް ނަޝީދު ސްރީ ލަންކާގައި ބައްދަލުކުރައްވަނީ -- ފޮޓޯ: އެމްޑީޕީ
27 ޖޫން 2018 - 11:25
ރައީސް އަބްދުﷲ ޔާމީން ބަލިކުރަން، އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ކަނޑައަޅުމުގެ ޚިޔާލާ އެކު ކުރި މަޝްވަރާތަކާއި ދިން އުއްމީދުތަކާއި މަސައްކަތް މިހާރު އެދަނީ ފޭލްވަމުންނެވެ. ފިކުރުގެ ގޮތުން ތަފާތު ޕާޓީތަކަށް އެއްބަސްވެވޭ، ހުރިހާ ލީޑަރުންނަށް ރުހެވޭނެ ފޯމިއުލާއެއް ހޯދަން އުނދަގޫވުމުން، އެމްޑީޕީން ވެސް ވަކިން ވާދަކުރުމުގެ ވިސްނުން މާ ފައްކާވެއްޖެކަމުގެ ހުރިހާ ނިޝާނެއް އެބަ ފެނެ އެވެ.
ޖުމްހޫރީ ޕާޓީން ވެރިކަން ކުރަން ތައްޔާރަށް އޮތް ކަން އިއުލާންކޮށް މެނިފެސްޓޯ އާއްމުކުރި ނަމަވެސް، އެމްޑީޕީ އޮތީ އެ މަގަށް ދޫދޭން ތައްޔާރަށް ނޫން ކަން ރޭ ސާފުކޮށްދެއްވީ، އެ ޕާޓީގެ ރިޔާސީ ޓިކެޓު ދީފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، 2018 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރުމަކީ ގުޅިފައިވާ އެހެން ޕާޓީތަކަށް "ބޭވަފާތެރިވުމެއް ނޫނެ"ވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ، އެމްޑީޕީ އަށް 13 އަހަރު ފުރުމާ ގުޅޭ ގޮތުން، ނަޝީދު ދެއްވި މެސެޖުގައި ވިދާޅުވީ އެއް ކެންޑިޑޭޓަކު ކަނޑައަޅަން އެ ޕާޓީން މަސައްކަތް ކުރި ކަމަށެވެ. އެކަމަކު ގުޅިފައިވާ ޕާޓީތަކުގެ ޚިޔާލު އެއްގޮތްވެ، ނަތީޖާއެއް ނުފެންނާނެ ކަމުގެ ކުލަވަރުތަކާ އެކު އެ ޕާޓީން އިންތިޚާބަށް ގޮތްތަކެއް ކަނޑައަޅަން ވެއްޖެ ކަމަށް ވިދާޅުވި އެވެ. އެއީ އެމްޑީޕީން ވަކިން ވާދަކުރުންތޯ ނުވަތަ ކެންޑިޑޭޓު ކަން ދޫކޮށްލައި، އެހެން ޕާޓީއަކަށް ރިޔާސީ ކެންޑިޑޭޓު ކަން ދިނުންތޯ ސީދާ ވިދާޅެއް ނުވެ އެވެ.
ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ނަމުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން މަސައްކަތް ކުރިއިރު ބޭއްވި މުޒާހަރާއެއްގައި ނަޝީދާ އެކު ގާސިމް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:ރާއްޖެޑޮޓްއެމްވީ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ނަޝީދު ހަމަޖައްސާފައިވީ ނަމަވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ އެކު އެމަނިކުފާނު އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝަރުތު އުނިވެފައިވާ ކަމަށް އިލެކްޝަންސުން ވަނީ ބުނެފަ އެވެ. އެހެންކަމުން އެމަނިކުފާނު ވާދަކުރުމުގެ ފުރުސަތެއް އެ ކޮމިޝަނަކުން ނުދޭނެ އެވެ. ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭން އެ ޕާޓީން ކުރިއަށް ގެންދިޔަ ޕްރައިމަރީއަކީ ވެސް ގާނޫނާ ހިލާފު ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
އެއާއެކު، އެމްޑީޕީން މިހާރު އޮތީ، ރިޔާސީ ޓިކެޓާ މެދު ވެސް ގޮތްތަކެއް ނިންމަން ޖެހިފަ އެވެ. ބެލެވޭ ގޮތުގައި، އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮންގްރެސްގައި، ނަޝީދު ކެންޑިޑޭޓު ކަން ދޫކޮށްލައްވައި ޕާޓީގެ އެހެން ބޭފުޅަކު ރިޔާސީ ރޭހަށް ނެރުމާ މެދު ގޮތްތަކެއް ކަނޑައެޅުން އެކަށީގެންވެ އެވެ. މިއީ، ސިޔާސީ ގޮތުން އެ ޕާޓީ އޮތް ހާލަތަށް ވިއަސް، ރިޔާސީ ކެންޑިޑޭޓު ކަން އެހެން ޕާޓީއަކަށް ދޫކޮށްލަން އެމްޑީޕީ ތައްޔާރެއް ނޫނެވެ.
"އިއްތިހާދުގެ އެއް ކެންޑިޑޭޓާ އެކު އެމްޑީޕީން ނުކުމެވިއްޖެ ނަމަ، އެއީ އެންމެ ރަނގަޅު ގޮތް. އެމްޑީޕީގެ ސުވާލަކީ، މިގޮތް ހޯދުމަށްޓަކައި މި ޕާޓީ ދޫކުރަންވީ މިންވަރަކީ ކޮބައި ހެއްޔޭ؟" ނަޝީދު ސުވާލުކުރެއްވި އެވެ.
"އަދި މި ދެންނެވި ސުވާލާ ގުޅޭ އަނެއް ފުށަކީ އެމްޑީޕީން ދޫކުރީމާ، [އިންތިޚާބު] ކާމިޔާބުވޭތޯ؟ އެމްޑީޕީގެ އެދުމަކީ، ހުވަފެނަކީ، އަޅުގަނޑު ދަންނަވާނަން ތަކުރާރުކޮށް، މި ޕާޓީގެ ކެންޑިޑޭޓަކާއި ރަނިންމޭޓަކަށް އެހެން ޕާޓީތައް ތާއީދު ކުރެއްވުން."
އެމަނިކުފާނު ވިދާޅުވި ގޮތުގައި، 2008ގެ ރިޔާސީ އިންތިޚާބުގައި ރާއްޖެ އަށް ކާމިޔާބީ ހޯދައިދިނީ އެމްޑީޕީ އެ މަގުން ހިނގައިގެންނެވެ.
އެ އިންތިހާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައީ، އެމްޑީޕީން ނަޝީދު ކުރިމަތިލައްވައިގެންނެވެ.
މި އަހަރު ވެސް އެ ކާމިޔާބީ ރައްޔިތުންނަށް ހޯދައިދޭނީ އެމްޑީޕީން ކަމަށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ބޭރުގައި އުޅުއްވަމުން ގެންދަވާ ކުރީގެ ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް ނަޝީދާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް -- ފޮޓޯ: އެމްޑީޕީ
ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ކަނޑައެޅުމުގައި، ނަޝީދު ވިދާޅުވި ގޮތުގައި، ރިޔާސީ ކެންޑިޑޭޓު ކަން އެމްޑީޕީ އަށް ދޫކޮށްލައި، އެ ޕާޓީގެ ކެންޑިޑޭޓަށް ތާއީދުކުރަން ޕާޓީތަކުގައި އެދެމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އަދި އިސްލާހަށް އެކުގައި މަސައްކަތް ފެށި ޕާޓީތަކުން އެ މަގުން ހިނގާނެ ކަމަށް ގަބޫލުކޮށްގެން އެމްޑީޕީގެ މެމްބަރުން ތިބޭތާ ވެސް ދުވަސްތަކެއް ވެއްޖެ ކަމަށް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކެބިނެޓު އޮންނާނެ ގޮތް އެކުލަވާލިއިރު، ކޯލިޝަންގެ ހުރިހާ ބައިވެރިން ހިމަނައި އެކަމަކު އެމްޑީޕީ ބާކީކުރުމަކީ، ނަޝީދު ވިދާޅުވި ގޮތުން ނަމަ، އެ ޕާޓީ އަށް ލިބުނު "ބޮޑު ސިހުމެކެ"ވެ. މި މައްސަލައިގައި މިހާތަނަށް އެމްޑީޕީން ވާހަކަ ދައްކާފައި ނުވަނީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެ ޕާޓީއާ މެދު އަމަލުކުރާ އުސޫލުން ކަންކަން ކުރަން ބޭނުން ނުވާތީ އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސީ ނިންމުންތައް ނިންމަން ޖެހޭނީ ވިސްނުންތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކަމަށެވެ. ހިތުގައި އަނދާ އުދާސްތަކުގެ ބަދަލު ހިފުމަކީ އެމްޑީޕީގެ އަމާޒަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
"ޖުމްހޫރީ ޕާޓީއާ އެކު އިއްތިހާދު ވުމަށް އެމްޑީޕީ އެދޭ އެދުން ހަގީގަތަކަށް ނުވެ، އަދި މިއޮތީ. އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ އިންތިޒާރުގައި މަޑުކުރަން ތާއަބަދަށް ޖެހުން. މި ގުޅުން ކަށަވަރުކޮށް އެމްޑީޕީ އާއި އިއްތިހާދުގެ ގުޅުން، ޚާއްސަކޮށް ޖުމްހޫރީ ޕާޓީ ވެސް ހިމެނޭ ގުޅުން ކަށަވަރުކޮށް އިއުލާން ކުރެވޭނެ ދުވަހަކަށް،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ޔާމީން ބަލިކޮށް، އެމްޑީޕީން ކާމިޔާބު ހޯދުމަކީ، ނަޝީދު ވިދާޅުވި ގޮތުގައި، އެހެން ޕާޓީތަކަށް ބޭވަފާތެރިވުމެއް ނޫނެވެ. އެ ޕާޓީއަކީ ބަހުގެ އިތުބާރު ހިފޭނެ ޕާޓީއެއް ކަމަށާއި އިންތިހާބުގެ ކާމިޔާބީގައި، ގުޅިފައިވާ ޕާޓީތައް ފުރިހަމަ އަށް ބައިވެރިކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކެބިނެޓުގައި ވެސް ހުރިހާ ޕާޓީތަކާއި ރައީސް މައުމޫންގެ ބައިވެރިވުން ހިމަނުއްވާނެ ކަމަށެވެ. އެއާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އެމްޑީޕީ ކުރިއަށް ދާނީ ޕާޓީތަކާ އެކުގައި ކަމަށް ވިދާޅުވި އެވެ.
ނަޝީދު މި އިއުލާންކުރެއްވި، އެމްޑީޕީގެ ތަސައްވުރާ އެކު، އެއް ކެންޑިޑޭޓުގެ ބަދަލުގައި އިންތިޚާބުގައި ޕާޓީތައް ވާދަކުރާނީ ވަކިވަކިން ކަން މިއޮތީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިންބެއްޔާ
28 June 2018
ކޮބައިތޯ އަހުރެމެންގެ ޙަސަން ސައީދު؟
މަލީ
28 June 2018
މޑޕ ގެ އަމަލުގަވެސް ވިސްނުމުގަވެސް. ފިތުނަ ފަސާދަ.
ޙަސީނާ
28 June 2018
އާނ، އާނ! ތިޕާޓީ އާއި ނަޝީދަކީ މުޅި ދުނިޔޭގަވެސް ތިބި އެންމެ ބުނާބަހުގަ އިތުބާރު ހުރި މީހުން. “ސިވިލް ސާރވިސް މީހުންގެ މުސާރަ ކުޑަ ނުވާނެ”— 15 ޕަރސެންޓް ކުޑަކުރި. ޑޮލަރު އަގު ބޮޑުވިޔަ ނުދޭނަން” 12.85 ން 18 އަށް. “މިޑްޓާރމް އިލެކްޝަން އަކަށް” އެދުވަސް ނުފެނި ގުޅަކުޅޭ ފަސްގަޑަށް. މިހެންގޮސް ހެދި “ތެދު” ގެ އަދަދު އުމަރުގެ ފޮތަށް!!!! ޔަހޫދީ ކަލޭގެ ދައްކާ ވާހަކަ!
އިބަ
27 June 2018
ޢަހަރެމެންނަށް ހަގީގީ ތަރައްގީ ފެނުނު ނަސީދުގެ ވެރިކަމުގެ މަދު ދުވަސް ކޮލު.ބިން ހިއްކުމުން ފެށިގެން ފްލެޓް އެލުމުން ޖިއެސްޓީ، އާސަންދަ ،އިގުތިާއީ ރައްކާތެރިކަން މިހެން ގޮސް ގައުމަށް ގައުމެއްގެ ތަސައްވުރު ފެންނަން ފެށި.ނަމަވެސް ޖީބަށް ބޮދުކުރާމިހުން ގައުމު ހަލާކު ކޮށްލީ.އިދިކޮޅުގަ ތިބި މީހުން ނަސީދުދެކެ ނަފުރަތުވަނީ މިހާރުވެސް ޖީބު ބޮޑުކުރެވޭނެ ކަމުގެ ޔަގީން ކަން އެމީހުން ނަށް ގެއްލޭތީ
އަލިބެއްޔާ، އެކުވެރިސުވައިދީބް
27 June 2018
އެމްޑީޕީ އަކީ އަދިވެސް ރާއްޖޭގެ ގިނަ ރައްޔިތުންގެ ވިންދެވެ. ދުނިޔެ ދައްކަމުންދާ ހަގީގަތަކީ އެއްވެސް ބަޔަކައް އާރާއި ބާރުގައި ތާއަބަދު ދެމި ނުތިބެވޭނެ ކަމެވެ. ފީފާ ވޯލްޑް ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން ގްރޫޕުގެ ފުލުގައި އޮވެ، ދެ ވަނަ ބުރަށް ނުގޮސް ކަޓައިގެން ދިޔަގޮތް އިބްރަތަކައް ނުފުދޭތޯ އެވެ. We Love MDP
ސެއްޅިބެ
28 June 2018
ވެރިކަމަކީ ﷲ އިރާދަ ކުރެއްވި އަޅަކަށް ދެއްވާ އެއްޗެއް...އަދި ވެރިކަން ބާރުވެރިކުރުމަށް އާރާއިބާރުވެސް ދެއްވަނީ ﷲ...އަދި ވެރިކަން ގެންދަވަނީވެސް ﷲ
އިބްރަތް
27 June 2018
ނަޝީދުގެ ވާހަކައިން އޭނާކެ މަކަރާ އަމިއްލަ އެދުން ވަރަށް ރީއްޗަށް އެނގޭނެ. އެމްޑީޕީގެ އާންމު މެމްބަރުންނަށް ގަބޫލުނުކުރެވުނަސް އެޕާޓީގެ ލީޑަރޝިޕްގައި ތިބި ނަޝީދުގެ އައުވާނުންގެ އިޚްލާސްތެރިކަމެއް ނެތް. ނަޝީދުގެ ހުރީ 2008 ގައި ޖެއްސި އުކުޅު ޖައްސައިގެން އިދިކޮޅު އެންމެން ބޭނުންކޮށްގެން އަލުން ވެރިކަން އަތުލުން. 2008 ގެ މަކަރު މަށަކަށް ނުޖެއްސޭނެ.
އަހްމަދް
27 June 2018
ހެހޭ: ގުނބޯ ހެއްދުން ނިމުނަކަށް އައްނަނީ!
ޓީޗަރު
27 June 2018
ވިސްނާ ވިސްނާ ވެސް އެންމެ ރަނގަޅު މީހަކަށް ފެންނަނީ ޕްރޮފެސަރ އުގޭލް. ދެން 1. ޑރ.މަޙްމޫދު ޝައުޤީ 2. ޑރ. ޙަސަން ޙަމީދު 3. ޑރ. ޝިހާމް
އިބިރިހިންބެއްޔާ
28 June 2018
ޅަދަރިންނަށް ތިވިސްނުން އަޔަނުދޭތި
ހާސް
27 June 2018
ރަނގަޅު… ޖޭޕީގެ ފިކުރަކީ ޔާމީނު ފިކުރު. އެތަނުގަ ގިނައިން އުޅެނީވެސް ޔާމީނު ކައިރިން ލަނޑުލިބިގެން ދުރަށްގޮސް އުޅޭ މީހުން. އެމީހުނާ އެކީ ވެރިކަމަށް އަޔަސް ދިވެހިން މިއެދޭ އިސްލާހީ ބަދަލެއް ނުލިބޭނެ. އެމީހުން ބޭނުންވަނީ ރައްޔިތުން ބޭނުންވާގޮތަށްވުރެ ސިފައިންނާ ފުލުހުންނާ ފަނޑިޔާރުން ހިތްހަމަ ޖައްސަިދޭން. ބޭނުމީ ހަމަ އަންނިގެ 5 އަހަރު.
ޝޮކްތެރަޕީ
27 June 2018
ނަޝީދު ހޮވީމަ ވީގޮތްފެނިއްޖެ ދެނެއެފުރުސަތެ ނުދޭނަން މިޤައުމު ކުރިމަގަ ބަލާފަ ނަޝީދަކަ ވޯޓެނުދޭނަން.