ނަޝީދު ބައިވެރިވާ ހަރަކާތަކަށް އާޓިފިޝަލް ބީޗު ހުސް ކުރަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ ހަރަކާތެއް އާޓިފިޝަލްބީޗުގައި ބޭއްވުމަށް، އެތަނުގައި ހުރި ވެހިކަލްތައް ނެގުމަށް ފުލުހުން މިއަދު އަންގައިފި އެވެ.


އާޓިފިޝަލް ބީޗުގައި އޮންނަ އިވެންޓަކަށް އެތަން ހުސްކުރުމަށް، އެތަނުގައި ހުރި ވެހިކަލްތައް ވީއެންމެ އަވަހަކަށް ނެގުމަށް ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ. މި އެންގުމާ އެއްގޮތަށް، އެތަނުގައި ހުރި ގިނަ ވެހިކަލްތަކެއް މިހާރު ވަނީ ނަގައިފަ އެވެ.

ފުލުހުން މިގޮތަށް މި އެންގީ، އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތަށް އެ ސަރަހައްދު ބަންދުކުރަން ނިންމައި، އެތަނުގައި ހުރި އުޅަނދުތައް ނަގަން ހައުސިން މިނިސްޓްރީން މިދިޔަ ބުދަ ދުވަހު އެންގިތާ ހަފްތާއެއް ފަހުންނެވެ. ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ވެހިކަލްތައް ނަގަނީ އެ ސަރަހައްދުގައި މަސައްކަތް ފެށުމަށް ފެންސް ޖަހަން ބޭނުންވާތީ ކަމަށެވެ.

ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް، ބޭސްފަރުވާ އަށް ފޮނުވުމުން ރާއްޖެ ވަޑައިނުގެން އިނގިރޭސި ވިލާތާއި އަވައްޓެރި ސްރީ ލަންކާގައި ދިރިއުޅުއްވަމުން ގެންދެވި ނަޝީދު މާދަމާ މާލެ ވަޑައިގަންނަވާތީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވުމަށް އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ. އެ ޕާޓީން ބުނި ގޮތުގައި، މިއީ ދިވެއްސަކަށް މިހާ ބޮޑު މަރުހަބާއެއް ކިޔާނެ ފުރަތަމަ ފަހަރެވެ.

ނަޝީދަށް މަރުހަބާ ހަރަކާތްތައް ޗާންދަނީމަގު ރީފްސައިޑް ކަންމަތިން ފެށިގެން، މަޖީދީމަގުން ގޮސް އާޓިފިޝަލް ބީޗް ސަރަޙައްދުގައި ހުންނަ އެމްޑީޕީގެ ހަރުގެއާއި ހަމައަށް ކުރިއަށް ދާނެ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި މާދަމާގެ ހަވީރުގެ ވަގުތެއްގައި ނަޝީދު ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާނެ އެވެ.

މާދަމާ އާއި މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް އެމްޑީޕީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މަރުހަބާ ދެންނެވުމަށް ބާއްވާ ހަރަކާތްތަކަށް ސިފައިންނާއި ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.

ޓެރަރިޒަމްގެ ދައުވާއެއް ސާބިތުވެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދު، ތިން އަހަރެއްހާ ދުވަހު ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަންނަވާ އިރު އެ ހުކުމް ތަންޒީފުނުކުރަން ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. އެހެންކަމުން އެއްވެސް ހުރަހެއް ނެތި، އެމަނިކުފާނަށް ރާއްޖޭގައި ދެން އުޅުއްވޭނެ އެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ޕީޖީގެ ފަރާތުން އެ ކޯޓަށް ހުށައެޅި މައްސަލާގައި ވަކި ގޮތެއް ނިންމުމުގެ ކުރިން އެމަނިކުފާނުގެ ހުކުމާ ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކުން ފިޔަވަޅު ނޭޅުމަށެވެ.