ހިޔަނި ކެބިނެޓުގެ ތިން ބޭފުޅުން ފުލުހަށް ހާޒިރުކުރީ ފަންޑުގެ މައްސަލާގައި

އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ހިޔަނި ކެބިނެޓުގެ ތިން ވަޒީރުން މިއަދު ފުލުހަށް ހާޒިރުކުރުވީ އެ އިއްތިހާދުން އުފައްދާފައިވާ ހައްޔަރީންގެ ހައިރާތު ފަންޑާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ކަމަށް އެ ބޭފުޅުން ވިދާޅުވެއްޖެ އެވެ.


ހިޔަނި ކެބިނެޓުގެ ހޯމް މިނިސްޓަރު އަހުމަދު ތަސްމީން އަލީ އާއި ސިވިލް ރައިޓްސް މިނިސްޓަރު ހަސަން ލަތީފް އަދި އެ އިިއްތިހާދުގެ ހެލްތު މިނިސްޓަރު ޝިދާތާ ޝަރީފު ފުލުހަށް ހާޒިރުކޮށް ކޯޓު އަމުރެއްގެ ދަށުން ތިން ބޭފުޅުންގެ ފޯނު އަތުލާފައި ވެ އެވެ. މި ތިން ބޭފުޅުންނަށް ވެސް ކުރަނީ ދައުލަތް ހިންގުމަށާއި އަދި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ތުހުމަތެވެ.

ބަޔާން ދިނުމަށް އެމްއެމްއޭ ކައިރީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ތަސްމީން ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރުމަށް އެ ބޭފުޅުން އެއްބާރުލުން ދީފައިވާނެ ކަމަށެވެ.

"ދަތިތަކާ ދިމާވާ މީހުންނަށް އެހީވުމަކީ އަޅުގަނޑުމެން ދެކޭގޮތުގައި އޭގައި ކުށެއް ހިމެނޭ ކަމެއް ނޫން،" ތަސްމީން ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ އިއްތިހާދުން އުފެއްދި ފަންޑަކީ ދައުލަތް ހިންގުމަށް އޮތް ހުރަހެއް ކަމަށް ފުލުހުން ގަބޫލުކުރާ ކަމަށެވެ.

އިއްތިހާދުން މިދިޔަ ހަފުތާގައި ގާއިމްކުރި ފަންޑުން އެކި މުޒާހަރާތަކާއި އެއްވުންތަކުން ހައްޔަރުކުރާ މީހުންނަށް ނުވަތަ އާއިލާތަކަށް އެހީދޭނެ އެވެ. އެގޮތުން އިދިކޮޅު އިއްތިހާދުގެ ހަރަކާތްތަކުން ހައްޔަރުކުރާ މީހަކަށް ނުވަތަ އެމީހެއްގެ އާއިލާއަށް 1000ރ. ދޭނެ އެވެ. އަދި އެ ހަރަކާތްތަކުން ފުލުހުން ހައްޔަރުކޮށް މުއްދަތު ޖަހާ ކޮންމެ މީހަކަށް 5000ރ. ދިނުމަށް އެ އިއްތިހާދުން ވަނީ ނިންމައިފަ އެވެ. ސިޔާސީ ހަރަކާތްތަކުން އަނިޔާވާ މީހުންގެ ސިއްހީ ކަންތައްތައް ވެސް ބަލަހައްޓަން އެ އިއްތިހާދުން ވަނީ ނިންމައިފަ އެވެ.

ކުރި ޓްވީޓަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް ވަނީ މިދިޔަ ހަފުތާގައި ފުލުހުން ހާޒިރުކޮށްފަ އެވެ. އަދި ޖުޑީޝަރީން ހުށަހެޅި މައްސަލައެއް ބެލުމަށް އަދާލަތު ޕާޓީގެ އިލްމުވެރިން މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުލް ލަތީފު ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.