ރައީސް ޔާމީނާއި ޕީޕީއެމްގެ "ހަމަލާތައް" އިބޫ އަށް!

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ، ރައްޔިތުންނަށް ޒިންމާ އަދާކުރެއްވުމުގައި ފޭލްވެފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެ، އިބޫ އަށް ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމުން ބަހުގެ ހަމަލާތަކެއް ދީފި އެވެ.


އިބޫ، ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖެއްސުމުން އޭނާ އަށް މަރުހަބާ ދަންނަވައި، އެމްޑީޕީގެ އެ ނިންމުމާ އެކު ގައުމަށް ހަމަޖެހުން އަންނާނެ ކަމަށް ރައީސް ޔާމީން އިއްޔެ ވިދާޅުވި ނަމަވެސް ށ. މިލަންދޫ ގައި މިއަދު ވަނީ އިބޫ އަށް ނުސީދާކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ރައީސް ޔާމީން ދެ ވަނަ ދައުރަކަށް ހޮވުމަށް ޕީޕީއެމުން ކެމްޕޭން ފަށާފައި ވަނިކޮށް، އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި އިބޫ އަށް ބަހުގެ ހަމަލާތަކެއް މިއަދު އަމާޒު ކުރެއްވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލައްވައި އެމަނިކުފާނާ ވާދަކުރައްވަން އިބޫ ނެރެން ހަމަޖެއްސުމާ ގުޅިގެންނެވެ.

އިބޫގެ ނަން ފާހަގަ ނުކުރައްވައި، ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ނުވަތަ ޕާޓީގެ އިސް މަގާމެއްގައި ހުންނަވާއިރު، އެ ޕާޓީއަކުން ގާނޫނާ ޚިލާފު އަމަލުތަކެއް ނުވަތަ ރައްޔިތުންނަށް ގެއްލުން ވާ އަމަލުތަކެއް ހިންގާ ނަމަ ހުއްޓުވަން ޖެހޭ ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި ދިވެހިންނަށް ގެއްލުންވާ ގޮތަށް އެއާޕޯޓު ވިއްކުމާއި ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި ގާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރުން ފަދަ ކަންކަން ހިންގި ކަމަށާއި އެ ކަންކަން ނުހުއްޓުވައި ހުންނެވުމަށް ފަހު، އެއީ ހަމައެކަނި ނަޝީދު ކުރެއްވި ކަމެއް ކަމަށް ވިދާޅުވެ ރެކެވެން ނޯންނާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމްޑީޕީ ގައި އިސްކޮށް މިހާރު ވެސް ތިއްބެވީ އޭރު ވެސް އެ ޕާޓީ ހިންގެވި ބޭފުޅުންނެވެ.

ވެރިކަމުގެ ހަތަރު އަހަރު ނިމުނުއިރު އެމަނިކުފާނުގެ ރައްޔިތުންނަށް ގިނަ މަޝްރޫއުތަކެއް ހިންގާފައިވާ ކަމަށާއި އެ މަޝްރޫއުތަކަށް ބަޖެޓު ހުށަހެޅުއްވުމުން އިދިކޮޅު މެމްބަރުން އެންމެ ފަހަރަކު ވެސް އިދިކޮޅުން ވޯޓު ދެއްވާފައި ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެއާ އެކު، އެ ވޯޓުގައި އިދިކޮޅު ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ ހައިސިއްޔަތުން އިބޫ ޒިންމާ އަދާކުރައްވާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން މިލަންދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންތަކަކާ ސަލާމްކުރައްވަނީ. --ފޮޓޯ/ރައީސް އޮފީސް

"އެހެންވީމަ ރައްޔިތުންގެ ތަރައްގީ އަށް އެ ބޭފުޅުންގެ އިހްސާންތެރިކަން ނުވަތަ ޝައުގުވެރިކަން އޮތް މިންވަރު އެ ކަމުން އެބަ ދައްކައިދޭ. އަބްދުއްރަހީމް ވިދާޅުވި ގޮތަށް އޭގައި ވެސް ޒިންމާ އުފުލަން ޖެހޭ މީހުންތަކެއް އިދިކޮޅުގައި އެބަތިބި. އެންމެ މީހަކު ނޫން ޕާޓީގައި ހުރިހާ ކަމެއް ނިންމާނީ. ޕާޓީގެ ކަންކަން ނިންމަނީ އެންމެ މީހެއް ކަމަށް ބުނެ ތި ކަންކަމާ ތިމަންނަ އިދިކޮޅޭ ބުނާ މީހުންނަށް އެކަން ހުއްޓުވަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ވެސް އިބޫ އަށް އެންމެ ބޮޑަށް ފާޑުވިދާޅުވީ އިދިކޮޅު ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން އޭނާގެ ޒިންމާ ފުރިހަމަ އަށް އަދާކުރައްވާފައި ނުވާ ކަމަށް ވިދާޅުވެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނަށް ޖަވާބުދާރީވެވަޑައިގަތުމަށް އިބޫގެ ޒިންމާއެއް ކަމަށްވި ނަމަވެސް އެކަމަށް ވެސް އިހުމާލުވެފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ހަތަރު އަހަރު އެމަނިކުފާނު [އިބޫ] ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުން ހަވާލު ކޮށްފައި އޮތް މަސްއޫލިއްޔަތަކަށް އިހުމާލުވެވަޑައިގެންފައި. މި ވަރުގެ ކަންތައްތައް ނުކުރެއްވޭ ބޭފުޅަކު މުޅި މި ގައުމުގެ މައްޗަށް ވެރިކަން ކުރަންވީމާ ދެން އުފުލޭނީ ކޮން ޒިންމާއެއްތޯ ރައްޔިތުން ވަރަށް ބޮޑަށް އެބަޖެހޭ ވިސްނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އިބޫ އަށް ރިޔާސީ ޓިކެޓް ދިން ގޮތާ މެދު ވެސް އަބްދުއްރަހީމް ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.

ނަޝީދަށް ނެތް ފުރުސަތެއް ހޯދައިދޭން އެމްޑީޕީން މަސައްކަތް ކުރުމަކީ ގާނޫނާ ޚިލާފުވުމުގެ އިތުރުން ޑިމޮކްރަސީއާ ވެސް ޚިލާފު އަމަލެއް ކަަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އިބްރާހިމް މުހައްމަދު ސޯލިހަށް މި ދިނީ ވަރަށް ލޮނދި ޓިކެޓެއް. އެއީ އަތުގައި ހަރުލާ ކަހަލަ އެއްޗެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަޝީދަށް ކިރިޔާ ވެސް ފުރުސަތެއް ލިބިވަޑައިގަތުމުން، އިބޫގެ އަތުން ޓިކެޓް އަތުލައްވަން ނިންމަވާފައި ވަނީ އިބޫ އަށް އިތުބާރު ނުކުރައްވާތީ އެވެ.