މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖް ނިންމަން ހަވާލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހަށް ކަމަށާއި އޭގެ އެންމެ ދުވަހެއް ކުރިން މަސައްކަތް ނިމުނަސް، އެއީ ލަސްވުމެއް ނޫން ކަމަށް ހައުސިން މިިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ބްރިޖު ހުޅުވުން އަންނަ މަހަށް ލަސްވެއްޖެ ކަމަށް "މިހާރު" ނޫހުގައި ރިޕޯޓްކޮށްފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވިދާޅުވީ އެއްބަސްވުމުގައި ބުނާ މުއްދަތަށް ވުރެ ދެ މަސް ދުވަސް ކުރިން މަސައްކަތް ނިންމަން ބޭނުންވުމަކީ މަސައްކަތްކުރާ ކުންފުނީގެ އިސްނެގުމެއް ކަމަށެވެ.
ބްރިޖާ ގުޅިގެން ނިންމަންޖެހޭ މަސައްކަތްތައް އަންނަ މަހުގެ 23ގެ ނިޔަލަށް ނިންމަން ހައުސިން މިނިސްޓްރީން ވަނީ އެ މަސައްކަތް ކުރާ ފަރާތްތަކަށް އަންގައިފައި ކަމަށާއި ބްރިޖް ހުޅުވަން މިހާރު ކަނޑައަޅާފައި ވަނީ އަންނަ މަހުގެ 30 ވަނަ ދުވަސް ކަމަށް ނޫހުން ރިޕޯޓްކުރި އެވެ.
ސަރުކާރުން ކުރިން ވަނީ މި މަހުގެ 26 ވަނަ ދުވަހު ބްރިޖް ހުޅުވާނެ ކަމަށް އިއުލާނުކޮށްފައެވެ.
"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސީއެމްއެސްބީ) ނިންމަން ކޮންޓްރެކްޓް ކޮށްފައިވާ ތާރީހަކީ ސެޕްޓެމްބަރު 25، 2018. ނަމަވެސް މަސައްކަތް އެއަށް ވުރެ ދެ މަސް ދުވަސް އަވަހަށް (ޖުލައި 26)އަށް ނިންމުމަށް ކޮންޓްރެކްޓާ އަމިއްލަ އިސްނެގުމަކުން މަސައްކަތް ކުރާކަމަށް ވާނީ ދަންނަވާފައި. ސެޕްޓެމްބަރު 25 އަށް ވުރެ އަވަހަށް ނިމޭ ކޮންމެ ދުވަހަކީ އަވަސް ވުމެއް؛ ލަސްވުމެއް ނޫން،" މުއިއްޒު ކުރެއްވި ޓްވީޓުގައިވެ އެވެ.
މިހާރު ކުރަމުން އަންނަނީ ބްރިޖުގެ މައި ދެ ތަނބު ގުޅުވާލުމުގެ މަސައްކަތެވެ. އަދި އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހުރިހާ ތަނބެއް ގުޅުވާލައި، މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖުން ގުޅުވައިލެވޭނެ ކަމަށް މުއިއްޒު ވަނީ ކުރިން ވިދާޅުވެފަ އެވެ.
ބްރިޖްގެ ތަނބުތައް ގުޅުވާލައި ނިމުމާ އެކު ބްރިޖުގެ އުނދަގޫ ހުރިހާ މަރުހަލާތަކެއް ފުރިހަމަވީ އެވެ. ދެން އޮންނާނީ ލޭން ހެދުން ފަދަ، ބްރިޖް ނިންމުމާ ގުޅިފައިވާ މަސައްކަތްތަކެވެ.