ރައީސް އަބްދުﷲ ޔާމިނަށް ހަމައެކަނި ދޭން ޖެހޭނީ އިތުރު ދައުރެއް ނޫން ކަމަށާއި އެމަނިކުފާނު 30 އަހަރު ވަންދެން ރާއްޖޭގެ ވެރިކަމުގައި ބަހައްޓަން ޖެހޭ ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް، އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
މާލޭގައި ދިރިއުޅޭ ހުވަދޫ އަތޮޅު ރައްޔިތުންނާ އެކު، "ރުމާލު 2" ޖަގަހައިގައި ބޭއްވި ރަސްމިއްޔާތުގައި ހުވަދޫ ބަހުން ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ އިސްލާމް ދީނަށް ނަސްރު ދޭހާ ހިނދަކު، އިތުރު ދައުރުތަކުގައި ވެރިކަން ކުރެއްވުމަށް ރައީސް ޔާމީނަށް އާދޭސް ދަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ދުނިޔޭގައި ހުރިހާ ހިނދަކު އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ދުނިޔޭގައި ހުރިއްޔާ އިތުރު ދައުރަކަށް ރައީސް ޔާމީން ކުރިމަތިލާތޯ ދެފައިގައި ހިފާފައި އާދޭސް ކުރާނަން. އިސްލާމް ދީނަށް ނަސްރު ދޭހާ ހިނދަކު ރައީސް ޔާމީން ފަހަތުގައި ތިބޭނަން،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ދޮޅު އަހަރުގެ ވެރިކަމެއް ގެންނަން އުޅެނީ "އަސްލު ރޫހާނީ" ލީޑަރު ގެނައުމުގެ ބޭނުމުގަ އެވެ. ނަމަވެސް، ރައްޔިތުން އެ ފުރުސަތު ނުދިނުމަށާއި އެ ފުރުސަތު ދީފި ނަމަ، ގައުމު މުޅިން ހަލާކުވެގެން ހިނގައިދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަނިންމޭޓެއްގެ މަގާމު ގަބޫލު ކުރެއްވީ އިސްލާމް ދީނުގެ ކަންތައްތައް ގާއިމުކުރުމުގައި އެހީތެރިވާން ރައީސް ޔާމީން އެދިވަޑައިގަތުމުން ކަމަށެވެ. އިސްލާމް ދީނުގެ ކަންކަން ގާއިމުކުރަން އެހީތެރިވާން މީހަކު ބުނީމަ، އެކަން ގަބޫލު ނުކުރުމަކީ ބޮޑު ފާފައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ރަނިންމޭޓު ކަން "ހިތުގެ އަޑިން" ގަބޫލު ކުރެއްވީ އެއްވެސް ޝަރުތެއް ނެތި ކަމަށާއި ރައީސް ޔާމީން އަރިހުގައި ވަފާތެރިކަމާއި، އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ އެކު ދެމިހުންނަވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބު ނިމުމާއެކު، "ޝަހީމް އެއްލާލާނެ" ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. އެކަމަކު، އެކަން ރައީސް ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަހީމްގެ ވާހަކައިގައި، އެމްޑީޕީގެ ބައެއް ސަޕޯޓަރުން ދެއްކި ބައެއް ވާހަކަތަކަށް ވެސް ރައްދު ދެއްވި އެވެ. އެގޮތުން، އޭނާގެ އުފަން ރަށް ގއ. މާމެންދޫން 37 ވޯޓު ވެސް ލިބިވަޑައިނުގަންނަވާނެ ކަމަށް އެމްޑީޕީގެ ސަޕޯޓަރަކު ބުނި ކަން ޝަހީމް ފާހަގަ ކުރެއްވި އެވެ.
އެކަމަކު، ޝަހީމްގެ ކާފަ އަށް ކާފަ އާއި މުނި ކާފަ ކިޔާ 100 އަށްވުރެ ގިނަ ކުދިން އެބަތިބި ކަމަށާއި ހަމަގައިމު ވެސް އެ މީހުންގެ ވޯޓު ޕީޕީއެމަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބަކީ "ހުވަދު އަތޮޅުގެ" އިންތިހާބެކެވެ. އެންމެން އެކަތިގަނޑަކަށް ވެގެން، އިންތިހާބު ޕީޕީއެމަށް ކާމިޔާބުކޮށް ދޭން ނިކުންނަން ޖެހޭ ކަމަށާއި ރާއްޖޭގައި އިދިކޮޅު ޕާޓީތަކެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ރާއްޖެ އިން އިސްލާމީ އަގީދާ ނައްތާލަން ޖެހޭނީ އޭނާގެ ކަރުގެ ހިމަ ނާރުން ފެށިގެން ބުރިކޮށްލައިފައި ކަމަށެވެ. ގައުމުގެ ތަރައްގީ އާއި ސިޔާދަަތާއި އިސްތިގުލާލަށް ވިސްނަން ޖެހޭ ކަމަށާއި ކުރިޔަށް އޮތް އިންތިހާބަކީ ރާއްޖޭގެ މުސްތަގުބަލު ކަނޑައަޅާނެ އިންތިހާބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހއ. އިން ފެށިގެން ސ. ހިތަދުއާ ހަމައަށް ހުރިހާ އަތޮޅެއްގެ އެންމެންނަށް ގޮވާލަނީ ގުޅިގެން އެންމެން އެކުވެރިކަމާއެކު މަސައްކަތް ކުރުމަށް. ތަރައްގީ އާއި ތަހުޒީބާއި ހިތްފަސޭހަކަން ލިބޭނެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުރެއްޖެ ނަމަ،" ޝަހީމް ވިދާޅުވި އެވެ.