ނަރުހުންގެ މުސާރަ އަށް ގެންނާނީ ހެޔޮ ބަދަލުތަކެއް: ސީއެސްސީ

އައިޖީއެމްއެޗުގެ ނަރުހުންގެ ބައެއް އެލަވަންސްތައް ކަނޑާލަން ނިންމާފައިވާ ކަމަށް ބުނެ އަޑު ފެތުރެމުން ދިޔަ ނަމަވެސް އެ މީހުންގެ މުސާރަ އަށް ގެންނާނީ، މިހާރަށް ވުރެ ހެޔޮ ބަދަލުތަކެއް ކަމަށް ސިިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.


އެ ކޮމިޝަންގެ ޑިރެކްޓަ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވީ، ނަރުހުންގެ މުސާރައިގެ އޮނިގަނޑު އެކުލަވާލުމަށްޓަކައި ޕޭ ކޮމިޝަނަށް ސީއެސްސީން ލަފާ ދީފައިވާ ކަމަށެވެ. އެ ކަންތައްތައް ފައިނަލް ވުމުން، ނަރުހުންގެ މުސާރަ އަށް މިހާރަށް ވުރެ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސީއެސްސީން އެހެން ބުނެފައި ވަނީ، ސަރުކާރުގެ މައި ހޮސްޕިޓަލްގެ ނަރުހުންނަށް މިހާރު ދެމުން އަންނަ ބައެއް އެލަވަންސް ކަނޑާލަން ނިންމާފައިވާ ކަމަށް ބުނެ މީޑިއާގައި ރިޕޯޓު ކުރުމާ ގުޅިގެންނެވެ. އެކަމަކު، ނަރުހުންގެ ބައެއް އެލަވަންސްތައް ކަނޑާލަން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެފަދަ ކަމެއް ނުކުރާ ކަމަށް އައިޖީއެމްއެޗުން މިދިޔަ ހުކުރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވެ އެވެ.

ސައީދު ވިދާޅުވީ ނަރުހުންގެ މުސާރައިގެ އާ އޮނިގަނޑެއް އެކުލަވާލާފައިވާއިރު، އެ ވަޒީފާގެ އުސޫލެއް ވެސް ހަދާނެ އެވެ. އެ އޮނިގަނޑު ކަނޑައަޅާފައި ވަނީ، އެކި މަގާމުތަކުގައި ތިބި ނަރުހުންގެ ފެންވަރު މަތިވާ ގޮތަށެވެ. އެ މަގާމަކާ އެއްވަރުގެ ފާހެއް ނެތް ނަމަ، އެ ފެންވަރަށް ނަރުހުން ތަމްރީން ވުމަށް މުއްދަތެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަރުހުންގެ ވަޒީފާގެ އާ އޮނިގަނޑަށް އަމަލުކުރަން ފަށާނީ މުސާރައިގެ އާ ބަދަލުތަކާ އެކު ކަމަށް ސީއެސްސީން ބުނެ އެވެ.

"އަޅުގަނޑުމެން ވަޒީފާގެ އޮނިގަނޑު ހަދާފައި އޮންނާނީ، އެ ދާއިރާ އަށް ބޭނުން ވަނީ ކޮން ފެންވަރެއްގެ ކިހާ ތަޖުރިބާ ހުރި ނަރުހެއްތޯ ބަލާފައި. އަހަރުން އަހަރަށް، ވަޒީފާ ގައި ކުރިއަށް ދެވޭނެ ކެރިއަ ބޭސްޑް އޮނިގަނޑެއް އެކުލަވާލާފައި ވާނީ. އަދި އެ ފެންވަރާ އެކަށީގެންވާ ވަރުގެ މުސާރައެއް އެކުލަވާލާނެ،" ސައީދު ވިދާޅުވި އެވެ.

ނަރުހުންނަކީ ސިވިލް ސާވިސް މުވައްޒަފުންނަށް ވުމުން މުސާރައިގެ އާ ބަދަލު، ސަރުކާރު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާ ދެ ހާހެއްހާ ނަރުހުންނަށް ކުރާނެ އެވެ.

"ޕޭ ކޮމިޝަނުން މުސާރަ ކަނޑައަޅާނީ، ނަރުހުންނަށް މިހާރު ލިބޭ ވަރަށް ވުރެ ރަނގަޅަށް. މުސާރައިގެ ކޮންޕޯނެންޓް އެކުލަވާލަނީ ޕޭ ކޮމިޝަނުން. އެ ކޮމިޝަނަށް އަޅުގަނޑުމެން ދިން ލަފަ އަކީ، ނަރުހުންގެ މުސާރަ އަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއް،" ސައީދު ވިދާޅުވި އެވެ.