މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖް މަތީގައި ކައިވެނިކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު، ކައިވެނީގެ ހުރިހާ ހަރަދެއް ސަރުކާރުން ކޮށްދޭ ގޮތަށް ހަމަޖައްސައިފި އެވެ.

"ސިނަމާލެ ބްރިޖް" މަތީގައި ކައިވެނި ކުރުމަށް ދޫކުރާ ފޯމުގައިވާ ގޮތުން، އަންހެން މީހާގެ ކައިވެނީގެ ހެދުމުގެ ހަރަދަށް ސަރުކާރުން 15،000 ރުފިޔާ ދޭނެ އެވެ. އަދި ފިރިހެން މީހާގެ ހެދުމަށް، 7000 ރުފިޔާ ދޭއިރު، ޒީނަތްތެރިވުމަށް ކޮންމެ މީހަކަށް 5،000 ރުފިޔާ ދޭނެ އެވެ.

މި ކައިވެނީގެ ހަފުލާގައި ބައިވެރިވެވެނީ ކޮންމެ ކައިވެންޏަކަށް ގިނަ ވެގެން 50 މީހުންނަށެވެ. އެ އެންމެންގެ ކެއުމުގެ ހަރަދު ދެނީ ވެސް ސަރުކާރުންނެވެ. ހަފުލާގެ އިންތިޒާމުތަކުގެ އިތުރުން، ފޮޓޯ ނެގުމާ ވެސް ސަރުކާރުން ވަނީ ހަވާލުވެފަ އެވެ.

ހައުސިން މިނިސްޓްރީން ބުނިގޮތުގައި ބްރިޖް މަތީގައި ޕާޓީ ބޭއްވުމަށް ފަސް ތީމެއް ވަނީ ކަނޑައަޅާފަ އެވެ. އެއީ "މޯލްޑިވިއަން"، "ޗައިނީޒް"، "ފްލޯރަލް"، "ސަންސެޓް"ގެ އިތުރުން "ވިންޓޭޖް" ތީމެވެ.

ޕާޓީ ބޭއްވުމަށް އެދި ހުށަހަޅާ ފޯމުގައި، ދެ ތީމެއް ހިޔާރު ކުރެވެ އެވެ.

ބްރިޖް މަތީގައި ކުރާ ކައިވެންޏަކީ އަންހެން މީހާ އާއި ފިރިހެން މީހާގެ ވެސް އަލަތު ކައިވެންޏަށް ވާން ޖެހެ އެވެ.

އެނގިފައިވާ ގޮތުގައި ކައިވެނި ޕާޓީތައް ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ އެކަކުން ފަހަކަށް، ހަވީރުގެ ވަގުތުގަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކުން، މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ފޯމު ހުށަހަޅާއިރު، ފެމެލީ ކޯޓުގެ "ކައިވެނީގެ ފޯމު"ގެ އިތުރުން އެކަމަށް ބޭނުންވާ އެހެން ލިޔެ ކިޔުންތައް ހުށަހަޅަން ޖެހެ އެވެ. އަދި ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެފައި ނުވާ ނަމަ، އެ އިންތިޒާމް ވެސް އެ މިނިސްޓްރީގެ ފަރާތުން ހަމަޖައްސައިދިނުމަށް ވަނީ ނިންމާފަ އެވެ.

ޗައިނާ ސަރުކާރުގެ އެހީގައި އަޅާފައިވާ ބްރިޖްގެ މައިގަނޑު ހުރިހާ މަސައްކަތެއް ނިމި، މިހާރު ކުރިއަށް ދަނީ ތާރު އެޅުމާއި ލައިޓް ހަރުކުރުމުގެ ކަންކަމެވެ. އަދި މި މަހު ބްރިޖް ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.