ވަޒީފާތަކުގައި މަސައްކަތް ކުރާ ދިވެހިން ރިޓަޔާ ކުރާ އުމުރަކީ 74 ނުވަތަ 75 އަހަރަށް ހަދަން ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ގދ. އާއި ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ފަރެސްމާތޮޑާ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރިޓަޔާ ކުރަން ޖެހޭ އުމުރަކީ 65 އަހަރު ކަމަކަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ދިވެހިންގެ ވައްޓަފާޅިއަށް އައިސްފައި ހުރި ބަދަލާއި ސިއްހީ ހޭލުންތެރި ކަމަށް ބަލާފައި ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ގާނޫނަށް ބަދަލު އަންނަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އެހެންވީމަ 65 އަހަރަކީ މީހުން މަސައްކަތް ނުކޮށް ތިބެން ޖެހޭ އުމުރެއް ކަމަކަށް ނުދެކެން،" ފަރެސްމާތޮޑާގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށާއި ބަނދަރު ހުޅުއްވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މިހާރު 65 އަހަރުވެގެން ރިޓަޔަކޮށްފައި ތިބި މީހުންނަށް ވެސް ސަރުކާރުން ގޮތްތަކެއް ހަމަޖައްސައި ދޭނެ ކަމަށެވެ. އަދި ރިޓަޔަ ކުރާ އުމުރަށް އައިސްފައި ތިބި މީހުން، ރިޓަޔަ ކުރަން ޖެހިދާނެ ކަމަށް އެއްވެސް ގޮތަކަށް ނުވިސްނުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި ހުރިހާ މަސައްކަތެއް ކުރަން ތިބީ ޒުވާނުންނެވެ. އެކަމަކު، 65 އަހަރުން މަތީ މީހުންނަށް ވެރިކަން ނުކުރެވޭ ގޮތަށް ގާނޫނުއަސާސީގައި ލިޔުނީ ވަކި މީހަކަށް "ގަމީހެއް" ފަހައިދޭން ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"މިއަދު ރާއްޖެ ކޮއްޕަން ތިބީ ޒުވާނުން. ރާއްޖެ ހިނގަނީ ޒުވާނުންގެ ހަކަތައިން. އިންޖީނު ވެސް، 10-15 އަހަރުވީމަ ބާ ވާނެ. ދެން ޖެހޭނީ އިންޖީނު ބަދަލު ކުރަން. އިންޖީނު ބާވާ އުސޫލުން އަޅުގަނޑުމެންގެ ހަށިގަނޑުގައި މިހުރީ އިންޖީނުތަކެއް،" އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ދިފާއު ކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވަނީ ގއ. އަތޮޅާއި ގދ. އަތޮޅު، ކުރިއަށް އޮތް ތަނުގައި ޓޫރިޒަމްގެ ނާރެހަކަށް ވާނެ ކަމަށް ވިދާޅުވެ، ކުރިއަށް އޮތް ފަސް އަހަރު ދެ އަތޮޅަށް ބައެއް ކަންކަން ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި ފަރެސްމާތޮޑާ ކައިރިން 15 ރަށް ޓޫރިޒަމަށް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ 15 ރަށުގައި 3،000 އެނދު އުފައްދާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ދެއްކެވި ވާހަކައިގެ ޚުލާސާއެއް:
- ފަރެސްމާތޮޑާގައި އައިސް ޕްލާންޓެއް އަޅައިދޭނަން.
- 2500 އަށްވުރެ ބޮޑު ކޮންމެ ރަށެއްގައި ބީއެމްއެލްގެ ބްރާންޗެއް އުފައްދާނަން.
- 1500 މީހުން އުޅޭ ރަށްރަށުގައި ބީއެމްއެލްގެ އޭޓީއެމްއެއް ބަހައްޓައިދޭނަން.
- ގދ. އަތޮޅަށް 6000 އެނދު، ގއ. އަތޮޅަށް 4000 އެނދު އަންނާނެ.
- ސީ ޕްލޭންގެ ހަބެއް ގދ. އަތޮޅުގައި އޮންނާނެ ކަމަށް ގަބޫލު ކުރަން.
"މާލެ އަށް އައުމަކީ ޗޮއިސެއް، ބޭނުން މީހަކު އަންނަންވީ"
ރައީސް ވިދާޅުވި ގޮތުގައި "ވިލިމާލެ 2" ނަމުގައި ހައުސިން ސްކީމެއް ސަރުކާރުން އިއުލާން ކުރުމަކީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން މާލެ އައުމަށް ދައުވަތު ދިނުމެއް ނޫނެވެ. އެކަމަކު، މާލެ އަންނަން ބޭނުންނަމަ، އެކަމަށް މަރުހަބާ ކިޔައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"މާލެއަކީ ވަކި ބައެއްގެ ރަށެއް ނޫން. މާލެއަކީ އަޅުގަނޑުމެން އެންމެންގެ ރަށެއް. މި ހިސާބުގެ ޒުވާނުން މި ހިސާބުގައި ތިއްބަވައިގެން ވެސް މަސައްކަތް ލިބޭނެ، އާމްދަނީ ލިބޭނެ ވަސީލަތްތައް ފުރިހަމަވެގެން ދާނެ. އެކަން ކުރަން ކޮންމެހެން ލާޒިމެއް ނޫން މާލެ އަންނާކަށް،" ރައީސް ވިދާޅުވި އެވެ.
މިދިޔަ ޖުލައި 26 ވަނަ ދުވަހުން ފެށިގެން، 2030 ވަނަ އަހަރުގެ އެ މުއްދަތާ ހަމައަށް، 18 އަހަރު ފުރޭ ކޮންމެ ޒުވާނަކަށް، 1،000 އަކަފޫޓަށް ވުރެ ކުޑަ ނުވާ ބިމެއް ނުވަތަ އެޕާޓްމެންޓެއް ލިބޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ މިދިޔަ ހަފުތާ ގައި ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ އިންވެސްޓަރުން ރާއްޖެ އަންނަނީ އިތުރު އިނާޔަތްތަކެއް ދޭ ވާހަކަ ދައްކާތީ ނޫން ކަމަށެވެ. އިންވެސްޓަރުން އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ، އެމީހުންނަށް ބިމެއް ދިނުން ކަމަށާއި އެކަން ނުކުރާނަމަ، ރާއްޖެ އަށް އިންވެސްޓްކުރަން ބޭރުގެ ފަރާތްތަކުން ނާންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ބިމެއް 33 އަހަރަށް ބޭރުގެ ބަޔަކަށް ކުއްޔަށް ދޭނަމަ، އެތަން ތަރައްގީ ކުރަން އިންވެސްޓަރުން ނާންނާނެ އެވެ. އެކަމަކު، ބިން 99 އަހަރަށް ނުވަތަ ބިން މިލްކު ކުރެވޭ ގޮތަށް އޮތްނަމަ، ރާއްޖެ އަށް އަންނަ އިންވެސްޓަރުން މަދު ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިއީ އެންމެންނަށް ހޯދައި ދިން މަންފާއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.