އިބޫ ހދ. އަށް، ފައިސަލް ފ. އާއި ދ. އަށް

އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހދ. އަތޮޅުގެ ހުރިހާ ރަށަކަށް އަދި އޭނާގެ ރަނިންމޭޓް ފައިސަލް ނަސީމް ފ. އާއި ދ. އަތޮޅުގެ 13 ރަށަކަށް ކުރައްވާ ދަތުރެއް މިއަދު ފައްޓަވައިފި އެވެ.


ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ މިއަދު ހެނދުނު ހަނިމާދު އަށް ވަޑައިގެންނެވިއިރު، އޭގެ ފަހުން ފުރަތަމަ މަންޒިލަކީ ނޮޅިވަރަމްފަރެވެ. އިބޫ، މިއަދު ފަސް ރަށަށް ވަޑައިގަތުމަށް ފަހު، މިރޭ މަޑުކުރައްވާނީ މަކުނުދޫގަ އެވެ. އެ ރަށުގައި މިރޭ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމަވައިފަ އެވެ.

ފައިސަލްގެ މި ފަހަރުގެ ކެމްޕެއިން ދަތުރުގައި ފ. އަތޮޅުން ވަޑައިގަންނަވާނީ ފީއައްޔާއި މަގޫދު އާއި ބިލެއްދޫ އާއި ދަރަނބޫދޫ އަދި ނިލަންދު އަށެވެ. ދ. އަތޮޅުން ފައިސަލް ވަޑައިގަންނަވާނީ ހުޅުދެއްޔާއި ރިނބުދު އާއި ބަނޑިދު އާއި މީދު އާއި މާއެނބޫދޫ އަދި ކުޑަހުވަދު އަށެވެ.

ފައިސަލް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ފ. އާއި ދ. އަތޮޅަށް ކެމްޕެއިން ދަތުރެއް ކުރައްވާއިރު، އެހާތަނަށް ވާނީ 42 ރަށަކަށް ވަޑައިގެންފަ އެވެ.

އިބޫ، ކެމްޕެއިނަށް އެންމެ ފަހުން ވަޑައިގަތީ ލ. އަތޮޅުގެ ރަށްތަކަށެވެ. ފައިސަލް ފ. އާއި ދ. އަތޮޅަށް މި ވަޑައިގަންނަވަނީ ޅ. އަތޮޅުގައި ކެމްޕެއިން ކުރެއްވުމަށް ފަހު އެވެ. ފައިސަލް ޅ. އަތޮޅުގެ ކެމްޕެއިން ދަތުރު ނިންމަވާލެއްވީ އިއްޔެ އެވެ.

އިދިކޮޅު ކޯލިޝަނުން އުތުރާއި ދެކުނުގެ އިތުރުން މެދު ރާއްޖެތެރޭ ގިނަ ރަށްތަކަކަށް ވަޑައިގެން މިހާތަނަށް ކެމްޕެއިން ކުރައްވާފައިވާއިރު ގިނަ ރަށްތަކަކުން ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.