އެމްޑީއޭ އަދިވެސް އޮތީ އަޅުގަނޑުމެންނާ އެކު: ރައީސް ޔާމީން

މި ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް، އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަންނަވަން އުޅޭ ކަމަށް ތުހުމަތު ކުރަމުން ދަނިކޮށް، އެމްޑީއޭ އަދިވެސް އޮތީ ސަރުކާރާ އެކު ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


ޕީޕީއެމްގެ މުސްތަޝާރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ރައީސް ޔާމީން މިހެން ވިދާޅުވީ، އަންނަ މަހުގެ 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބަށް ސަރުކާރާ ދެކޮޅަށް ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ ލީޑަރުންގެ މެދުގައި އެއް ބަޔަކު އަނެއް ބަޔަކަށް އިތުބާރު ނެތް ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ. އެއް ބަޔަކު އަނެއް ބަޔަކަށް އިތުބާރު އޮންނަ ނަމަ، ކޯލިޝަން ހިންގަން ގާނޫނެއް ހަދަން އިދިކޮޅު ފަރާތްތަކުން ނޫޅޭނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން މިއަދު ދިޔަމިގިއްޔަށް ވަޑައިގެން އެ ރަށުގެ މީހުންނާ ސަލާމް ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނު ވެރިކަމަށް ގެނައުމަށް 2013 ގައި ހެދި ކޯލިޝަން އަދިވެސް ދެމިއެބައޮތެވެ. އޭގެ ތެރެއިން ވަކިވީ ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގައި ތިބި ބަޔަކު ކަމަށް ވިދާޅުވި އެވެ.

"އެމްޑީއޭ އަދިވެސް އަޅުގަނޑުމެންނާ އެކު ކޯލިޝަންގައި ދެމި އެބައޮތް،" މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމާއި އެމްޑީއޭ ދޭތެރޭގައި ޚިޔާލުތަފާތުވުންތައް އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ރައީސް ޔާމީން ތަފްސީލެއް ނުދެއްވަ އެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ލިޔެފައިވާ ގޮތުގައި، އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ރައީސް ޔާމީނާއި ސިޔާމްއާ ދެމެދު ޚިޔާލުތަފާތުވުން ތަކެއް އުފެދި، ދެ ވަނަ ދައުރަކަށް ރައީސް ޔާމީނަށް ތާއީދު ނުކުރައްވަން ސިޔާމް ވަނީ ނިންމަވައިފަ އެވެ. އަދި ވަރަށް އަވަހަށް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަންނަވާނެ ކަމަށް ވެސް އެއް ބަޔަކު އަންނަނީ ބުނަމުންނެވެ.

ސަރުކާރުގެ ކޯލިޝަނުން އެމްޑީއޭ ވަކިވާން އުޅޭ ކަމަށް ތުހުމަތު ކުރަން ފެށީ، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން މާލެ އާއި އަތޮޅުތަކުގައި މިހާރު ފަށާފައިވާ ކެމްޕޭނުން ވެސް ސިޔާމް ނުފެންނާތީ އެވެ. އެއާ އެކު، މި ސަރުކާރާ އެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުން، ދެ ވަނަ ދައުރަކަށް ރައީސް ޔާމީން ކުރިމަތިލައްވާއިރު ވެސް އެމްޑީއޭ އިން އާނުކޮށް އޮތުމަކީ ވެސް އެ އަޑު ފެތުރުނު އެއް ސަބަބެވެ.

އެ އަޑުތައް ފެތުރުމުން، އެއްބަސްވުން އާ ކުރުމުގެ މަޝްވަރާތައް، ދެ ޕާޓީން ވަނީ ފަށައިފަ އެވެ. އެ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވަނީ، ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު މޫސާ ޒަމީރާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފެވެ.

އެއްބަސްވުން އާ ކުރުމުގެ ވާހަކަ ދެއްކި ނަމަވެސް، ޕީޕީއެމްގެ ކެމްޕޭނުން ސިޔާމް ނުފެންނަ ސަބަބާ މެދު އުފައްދާ ސުވާލަށް، އޭނާ އަދި އެމްޑީއޭ އިން ވަކި އެއްޗެއް ނުބުނެ އެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ