ނ. ޅޮހިން ރޭ މަހަށް ނިކުމެ އުޅުނު ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު ފެހިވިނަ، ހުސެއިން އަދުނާނު (އާއްމު ނަމުން ނަމަ ޝާފިއު) 30، ކަމަށެވެ.
އޭނާ ރޭ 10:30 ހާއިރު ފުރީ ތިމާގެ މީހެއްގެ ދޯންޏެއްގަ އެވެ. އެކަމަކު އޭނާއަކީ އެގޮތަށް މަސްވެރިކަމަށް ނުކުމެ އުޅޭ ޒުވާނެއް ވެސް ނޫން ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެ އާއިލާއިން ވާހަކަދެއްކި މީހާ ބުނީ އިންޖީނު ހުއްޓިގެން އަލުން ސްޓާޓް ނުވެގެން ޝާފިއުގެ ބައްޕައަށް ދަންވަރު 1:15 ހާއިރު ގުޅި ކަމަށެވެ. އޭރު އޭނާ އެންގި ކަމަށް ވަނީ މާފަރު ކަނޑުއޮޅިން ބޭރަށް ދާ ކަމަށެވެ.
"ބައްޕައަށް ގުޅާފައި އިންޖީނު ސްޓާޓް ނުވެގެން އުޅޭތީ އެހީތެރިކަމެއް ދިނުމަށް ކޮއްކޮ ބުނީ. އެކަމަކު ކަނޑު ގަދަވެގެން އަޅުގަނޑުމެންނަށް ވެސް ރޭ ފުރޭ ވަރެއް ނުވި،" އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.
އެމްއެމްޑީއެފުން ބުނީ ޝާފިއު ހޯދަން ވައިގެ މަގުން ހާއްސަ އޮޕަރޭޝަނެއް ވެސް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެކަމުގައި ކޯސްޓް ގާޑުގެ ލޯންޗުގެ އިތުރުން ޅޮހީގެ ދޯނިތަކުން ވެސް އަންނަނީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ ދިގުމިނުގައި 15 ފޫޓް ހުރި މި ދޯނީގެ ބޭރުގައި ލާފައި ވަނީ މަޑު ނޫކުލައިގެ ދަވާދެއް ކަމަށެވެ. އަދި ދޯނީގައި އަޅާފައި ހުރީ ހަ ހޯސްޕަވަރުގެ އައުޓްބޯޑް ސުޒުކީ އިންޖީނެކެވެ.
ޝާފިއު އާއި މި ދޯންޏާ ބެހޭ މައުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓް ގާޑުގެ ނަމްބަރު 3395981 އަދި 3398898 ފޯނަށް ގުޅުމަށް ސިފައިން އެދެ އެވެ.