ނ. ޅޮހިން ރޭ މަހަށް ނިކުމެ އުޅުނިކޮށް ގެއްލުނު ޒުވާނާ ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެ އަތޮޅު މަނަދޫގެ އުތުރުން 10 ނޯޓިކަލް މޭލު ބޭރުން، ހުސެއިން އަދުނާނު (އާއްމު ނަމުން ނަމަ ޝާފިއު) 30، ފެނިފައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
"ވައިގެ މަގުން ސިފައިން ހިންގި އޮޕަރޭޝަންގައި ހޯދީ. މިހާރު ޝާފިއު މާފަރަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަނީ. ހާލު ވެސް ރަނގަޅު އިރާދަކުރެއްވިއްޔާ،" އެމްއެންޑީއެފުން ބުންޏެވެ.
ޝާފިއު ގެއްލިގެން ސިފައިންނަށް ރިޕޯޓުކޮށްފައިވަނީ ދަންވަރު 2:00 ހާއިރެވެ.
އެކަނި މަހަށް ނިކުމެ އުޅެނިކޮށް އިންޖީނު ހުއްޓި، އަލުން ސްޓާޓް ނުވެގެން ޝާފިއުގެ ބައްޕައަށް ގުޅީ ދަންވަރު 1:15 ހާއިރެވެ. އޭރު އޭނާ ބުނި ކަމަށް ވަނީ މާފަރު ކަނޑުއޮޅިން ބޭރަށް ދާ ކަމަށެވެ.