ދައުލަތުގެ ބާރުތައް ގާނޫނުއަސާސީގައި ވަކިކޮށްދީފައި ވަނިކޮށް، ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރައްވަން ހުރިހާ ބާރުތަކެއް ބޭނުންފުޅުވާ ނަމަ، އެމަނިކުފާނު ވެރިކަމަށް ކުރިމަތި ނުލެއްވުމަށް އެމްޑީޕީގެ ކެމްޕޭން ސްޕޯކްސްޕާސަން މާރިޔާ އަހްމަދު ދީދީ މިއަދު ގޮވާލައްވައިފި އެވެ.
ހދ. ނޮޅިވަރަންފަރު ބަނދަރު ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި އިއްޔެ ބައިވެރިވެވަޑައިގެން، އިދިކޮޅު ކޯލިޝަނަކުން ވެރިކަމަށް އަންނަން އުޅޭތީ ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވެފައި ވަނީ ދައުލަތް ހިންގާ ބޭފުޅެއްގެ އަތްޕުޅުގައި ބާރު އޮންނަން ޖެހޭނެ ކަމަށެވެ. ހުރިހާ ލީޑަރުން ގޮތް ކިޔައިގެން ވެރިކަން ނުކުރެއްވޭނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް، ފާޑުވިދާޅުވަމުން މާރިޔާ ވިދާޅުވީ ވެރިކަން ކުރައްވަން، ރައީސަށް ހުރިހާ ބާރުތަކެއް ދޭން ޖެހޭ ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި ނުވާ ކަމަށެވެ. ތިން ބާރު ވަކިކޮށްދީ، ވެރިކަމުގައި އެންމެ ބާރުގަދަ ބަޔަކީ ރައްޔިތުން ކަމަށް ގާނޫނުއަސާސީގައި ލިއެފައި ވަނީ ސަބަބުތަކެއް އޮވެގެން ކަމަަށް ވިދާޅުވި އެވެ.
ސަރުކާރު ހިންގުމުގެ ބާރު ވެރިއަކަށް ހުންނަވާ ބޭފުޅަކަށް އަދި ގާނޫނު ހެދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދީ، ގާނޫނާ އެއްގޮތަށް ކަންކަން ހިނގާތޯ ބެލުމުގެ ބާރު ދީފައި ވަނީ ކޯޓުތަކަށް ކަން ފާހަގަކުރެއްވި އެވެ.
"މިހެން އޮއްވައި ރައީސް ޔާމީން މި ވިދާޅުވަނީ، ހުރިހާ ބާރެއް ތިމަންނާގެ މުށުތެރޭގައި އޮވެގެން ނޫނީ ވެރިކަމެއް ނުހިންގޭނެއޭ. އެހެންވެއްޖިއްޔާ ވެރިކަމަށް ކުރިމަތި ނުލައްވާންވީ. ވެރިކަން ކުރައްވާ ނަމަ، ވެރިކަން ކުރައްވަން ވާނީ ގާނޫނުއަސާސީގައިވާ ގޮތަށް. ވަރަށް ސާފުކޮށް، ބުނެފައި އޮތީ ކިހިނެއް ކަން ވެރިކަން ކުރެއްވޭނީ،" މާރިޔާ ވިދާޅުވި އެވެ.
"ކޮންމެހެން ފުލުހުން ބޭނުން ކުރައްވައި އެހެން ނޫނިއްޔާ ސިފައިން ބޭނުން ކުރައްވައި ބާރުތަކަކީ ބިޑި އާއި ބަޑީގެ ބާރު ކަމަށް ދެކެވަޑައިގެން ވެރިކަން ކުރައްވަން ބޭނުންވަންޏާ ތި އުޅުއްވަނީ މި ރާއްޖޭގެ ރައްޔިތުން އިޚްތިޔާރު ކުރި ގޮތަކަށް ނޫން ވެރިކަން ކުރައްވަން."
އޭނާ ވިދާޅުވި ގޮތުގައި އެތައް ބައިވަރު ވެރިންނެއް ތިބެގެން ކަމެއް ނުކުރެވޭނެ ކަމަށާއި ބާރުތައް އޮންނަން ޖެހޭނީ ތިމަންމަނިކުފާނުގެ އަތްޕުޅުގައި ކަމަށް ރައީސް ޔާމީން ވިދާޅުވުމަކީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް ވެރިކަން ކުރައްވަން ބޭނުންފުޅު ނުވުމެވެ.
މާރިޔާ ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ބޭނުން ވަނީ ގާނޫނީ ވެރިކަމެއް ގާއިމްކޮށް، ކޮރަޕްޝަނާއި ފަސާދަ އާއި އަނިޔާ ނައްތާލަން ކަމަށެވެ. އެ މަގަށް ގައުމު ގެންދަން ބޭނުންވާ ނަމަ، އަންނަ މަހުގެ 23 ގައި ބާއްވާ އިންތިޚާބުގައި އިދިކޮޅު ޕާޓީތަކަށް ވޯޓު ދޭން ވެސް މާރިޔާ އެދިވަޑައިގަތެވެ.