ނަޝީދާއި އިބޫއާ އެކު ސަޕޯޓަރުންނަށް އުފާވެރި ވަގުތުކޮޅެއް

އިދިކޮޅު ޕާޓީތަކުން ސްރީ ލަންކާގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ބައިވެރިވި ގިނަ ބަޔަކު ބުނީ މިހެންނެވެ؛


"މިއީ، ވަރަށް އުފާވެރި، ޚާއްސަ ވަގުތުކޮޅެއް،"

ސަބަބަކަށް އެ މީހުން ދެއްކީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހަމަޖެއްސި ފަހުން، ބައްދަލުވާ ފުރަތަމަ ފަހަރަށް ވުމާއި އޭނާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަތުމެވެ. އަދި، އެ ދެ ބޭފުޅުންނާ އެއްތަނަކުން ބައްދަލުކުރުމަކީ މާލެ އާއި އަތޮޅުތަކުގައި ތިބި އިދިކޮޅުގެ ސަޕޯޓަރުންނަށް މި ކެމްޕޭންގެ ތެރޭގައި ނުލިބޭނެ ފުރުސަތަކަށް ވުމެވެ.

"ވޯޓުގެ ކުރިން، ކެންޑިޑޭޓު [އިބޫ] އާއި ރައީސް ނަޝީދާ އެއްތަނަކުން މި ބައްދަލުވީ، މިއީ، ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އަލީ ނަސްރު ބުންޏެވެ.

"އިދިކޮޅު ޕާޓީތަކުގެ ކެމްޕޭންގައި، އެއްވެސް ލީޑަރަކަށް ބައިވެރިއެއް ނުވެވޭ. އެކަމަކު، މިއީ މިނިވަން ޖައްވެއްގައި މިނިވަންކަމާ އެކު ބޭއްވި ކެމްޕޭން ޖަލްސާއެއް. ހުރިހާ ގޮތަކުން ވެސް ތަފާތު،"

އިބޫ އާއި ނަޝީދާ އެކު ފޮޓޯ ނަގަނީ. --ފޮޓޯ/އެމްޑީޕީ

ލަންކާގައި ދިރިއުޅޭ ދިވެހިންނާ، ނަޝީދާ އިބޫ އެކުގައި ބައްދަލު ކުރެއްވީ، މައުންޓް ލެވީނިއާގައި ހުންނަ ބާޖަޔާ ހޮޓަލުގަ އެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޚާއްސަކޮށްގެން ބޭއްވި އެ ޖަލްސާގައި ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވި އެވެ.

ޖަލްސާ ނިމުމާ އެކު، އޮތީ އިބޫ އާއި ނަޝީދާ އެކު ފޮޓޯ ނެގުމެވެ. ބޮޑު ކިޔޫއެއް ހަދައިގެން ފޮޓޯ ނެގުން ދޮޅުގަޑިއެއްހާ އިރަށް ކުރިއަށް ދިޔަ އަވެ.

އިބޫ އާއި ނަޝީދާ އެކު ސެލްފީއެއް ނަގަނީ: ލަންކާގައި ދިރިއުޅޭ ދިވެހިންނަށް، އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއްގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދެއްވާނެ ކަަމަށް އިބޫ ވިދާޅުވި. --ފޮޓޯ/އެމްޑީޕީ

އޭގެ ތެރެއިން ގިނަ މީހުން، ޔަގީންކޮށް ތިބީ، އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު، އިބޫ ކާމިޔާބު ކުރައްވާނެ ކަމަށެވެ. އެއީ، އިބޫ އަކީ ރައީސް ކަމަށް ގާބިލް، އެންމެން ގޮވައިގެން އުޅެވޭނެ، އިތުބާރު ކުރެވޭ ބޭފުޅަކަށް ވާތީ ކަމަށް އެ މީހުން ދެކެ އެވެ.

"ރައީސް ޔާމީން ވޯޓުން ބަލިކޮށް، ސެޕްޓެމްބަރު 23 ގައި އިބޫ ވެރިކަމަށް ވަޑައިގަންނަވާނެ، މި ބައްދަލުވުމުން ވެސް މި ފެންނަނީ އެ މަންޒަރު،" ހަސަން އަތީފް ބުންޏެވެ.

އިދިކޮޅު ޕާޓީތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އިބޫ ވައުދުތަކެއް ވެވަޑައިގެންނެވި އެވެ.

އިދިކޮޅު ޕާޓީތަކުން ސްރީ ލަންކާގައި ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން. --ފޮޓޯ/މިހާރު

އޭނާ ވިދާޅުވީ ރައީސް ޔާމީން އަމަލުކުރައްވާ ގޮތުން، އަމިއްލަ އަށް އަރުވާލެއްވިގެން ދިވެހިންތަކެއް ލަންކާގައި ދިރިއުޅެން ޖެހިފައިވީ ނަމަވެސް އެ ހާލަތު ބަދަލުކުރައްވާނެ ކަމަށެވެ. އެއާއެކު، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދަ ޚިދުމަތް ނުލިބޭތީ ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަން އެނގިވަޑައިގަންނަވާ ކަމަށާއި އެއީ ވެސް ހައްލު ހޯދައި ދެއްވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

އިބޫ އާއި ނަޝީދާ އެކު ފޮޓޯ ނަގަނީ --ފޮޓޯ/އެމްޑީޕީ

ލަންކާ އަށް ދިވެހިން ބަދަލުވާން ޖެހެނީ ބޭސްފަރުވާގެ އިތުރުން މަތީ ތައުލީމަށް ކަން ފާހަގަކުރައްވައި ވިދާޅުވީ ރާއްޖޭގައި ތިބެގެން ހިލޭ، މަތީ ތައުލީމަށް ކިޔެވޭނެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށެވެ. އެއާއެކު، ބޭރު ގައުމުތަކުގައި ތިބެގެން ކިޔަވަން، އެއްވެސް އިންޓްރެސްޓަކާ ނުލައި ދިގު މުއްދަތުން ދައްކާ ގޮތަށް ލޯނު ސްކީމެއް ވެސް ތައާރަފް ކުރާނެ އެވެ. އެ ލޯން ސްކީމުގައި، އެކި ކޯސްތަކުގައި މިހާރު ކިޔަވާ ކުދިން ވެސް ބައިވެރިވެވޭނެ ކަމަށް ވިދާޅުވި އެވެ.

ސްރީ ލަންކާގައި ބޭއްވި ޖަލްސާގައި ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/އެމްޑީޕީ

އިބޫގެ ވާހަކަ ނިންމާލެއްވީ، އޭނާގެ ވެރިކަމެއްގައި އެންމެންނަށް ހަމަހަމަކަމާއި އިންސާފުން ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަމާއި ހިތްހަމަޖެހުން، އެ ބައްދަލުވުމުގެ ބައިވެރިންނަށް ވެސް ދެއްވަމުންނެވެ.