އިބޫ ވަޑައިގަތުމުން އެންމެ ބޮޑު ފޯރިއެއް ނެގީ ގައްދޫން

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ގދ. ގައްދު އަށް ވަޑައިގަތުމުން، އިދިކޮޅު ސަޕޯޓަރުން މިރޭ ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ. މިއީ، މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިބޫ ރަށަކަށް ވަޑައިގަތުމުން މިހާ ބޮޑު ފޯރިއެއް ނެގި އެއް ރަށެވެ.


ގއ. އަދި ގދ. އަތޮޅުގެ ރަށްތަކަށް އިބޫ ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ދަތުރުގައި، އިބޫ މިހާތަނަށް ވަނީ ގައްދުއާ އެކު، ނުވަ ރަށަކަށް ވަޑައިގެންފަ އެވެ. އެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް އަދި އާދަޔާ ހިލާފު ފޯރިއެއް ނެގީ ވެސް ގައްދޫގައި ތިބި އިދިކޮޅު ސަޕޯޓަރުންނެވެ.

އިބޫ އަށް މިރޭ ގައްދޫ ވަޑައިގެން ދެ ޒުވާނަކާއެކު ސެލްފީއެއް ނަންގަވަނީ. - ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ ގައްދު އަށް އިބޫ ވަޑައިގަތުމުން، އެ ރަށުގެ ގިނަ ބަޔަކު ދިގު ސަފެއް ހެދިއިރު، އެމީހުންނާ ސަލާމް ކުރައްވަން އިބޫ ބައިގަޑި އިރަށް ވުރެ ގިނައިރު ހޭދަ ކުރެއްވި އެވެ. އެ ރަށުގެ އިދިކޮޅު ސަޕޯޓަރުން އިބޫ އަށް ދެންނެވީ ވެސް ރަތް ދޫލައިގެ މަރުހަބާ އެކެވެ.

އިބޫ، އިދިކޮޅު ސަޕޯޓަރުންނާ ސަލާމް ކުރައްވަމުން ގެންދެވިއިރު، އެންމެ ބޮޑު ފޯރިއެއް ނެގި އެއް ބަޔަކީ ރަށުގެ ޒުވާނުންނެވެ. އެގޮތުން، "އިބޫ ހޮޕް ހޮޕް"، "އިބޫ އަށް ތާއީދު"، "އިބޫ ހޮވާނަން" މިފަދަ އެކިއެކި ޝުއޫރުތައް ފާޅުކުރި އެވެ. ސަލާންކޮށް ނިމެންދެން، އެ ޝުއޫރުތައް ފާޅުކުރަމުން ދިޔަ އެވެ.

އިބޫ ވަނީ ގައްދު އަށް ވަޑައިގެން، އެ ރަށުގައި ދެ ޖަގަހައެއް ހުޅުއްވައި ދެއްވައިފަ އެވެ. އަދި އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާއެއް މިރޭ ގައްދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިބޫ މިރޭ، އިދިކޮޅު ކޯލިޝަންގެ ޖަގަހައެއް ހުޅުއްވައިދެއްވަނީ. - ފޮޓޯ: އެމްޑީޕީ

"މިހާރު" އާ ވާހަކަ ދައްކަވަމުން، ގައްދު އަށް އުފަން އަދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މަޑުއްވަރީ ދާއިރާގެ މެމްބަރު އަހުމަދު އަމީތު ވިދާޅުވީ، ގައްދޫ ރައްޔިތުން ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ނުކުރަނީ ރައްޔިތުންނަށް އަނިޔާވެރި ވަމުންދާތީ ކަމަށެވެ. އަދި އެ ގައްދޫގެ ރައްޔިތުން ތިބީ ބަދަލަކަށް ބޭނުން ވެފައި ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގައްދޫގެ ބޮޑު އަޣުލަބިއްޔަތެއް އިދިކޮޅު ކޯލިޝަނަށް ލިބޭނެ އެވެ. އަދި އިބޫ އަށް މަރުހަބާ ދަންނަވަން ނުކުތް މީހުންގެ ތެރޭގައި ސިވިލް ސާވިސް ވަޒީފާ އާއި ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫ މިއަދު ކޮލަމާފުއްޓަށް ވަޑައިގެން، އެ ރަށުގެ އުޅޭ އަންހެނަކާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

ގައްދޫ އިން އިބޫ އަށް ދެންނެވި ހޫނު މަރުހަބާ އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ސިފަ ކުރެއްވީ "ވަރަށް ސަޅި" ކަމެއްގެ ގޮތުގަ އެވެ. އެގޮތުން، އެންމެ ފުރިހަމައަށް އިބޫ އަށް މަރުހަބާ ދެންނެވި އެއް ރަށަށް ގައްދޫ ވެގެންދާނެ ކަމަށް ވެސް އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް 22 ދުވަހަށް ވެފައިވަނިކޮށް، އިބޫ ގއ. އަދި ގދ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގައި އޭނާ ގައްދޫ އަށް ވަޑައިގެންނެވީ ގއ. ކަނޑުހުޅުދޫގެ އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށް ފަހު އެވެ. އެ ރަށުން ވެސް އިބޫ އަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ.