އަންނަ ހޮނިހިރު ދުވަހުގެ ރޭ އަލިމަސް ކާނިވަލުގައި އިދިކޮޅު ޕާޓީތަކުން ބާއްވާ ބޮޑު ޖަލްސާ އަށް، ސިނަމާލެ ބްރިޖު ހުރަސްކޮށް އަންނަން ކެރޭނެތޯ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން އެއްސެވުމުން އެމްޑީޕީގެ ސަޕޯޓަރުން ރުޅި ގަދަވެއްޖެ އެވެ.

އިދިކޮޅު ޕާޓީއެއްގެ ޖަލްސާއެއް ބާއްވާނެ ބިމެއް މާލެ އިން ނުދީ ތިން އަހަރަށް ވުރެ ގިނަ ދުވަހު ހިފެހެއްޓުމަށް ފަހު، އަންނަ ހޮނިހިރު ދުވަހުގެ ރޭ ކެމްޕޭން ޖަލްސާއެއް ބޭއްވުމުގެ ހުއްދަ ހައުސިން މިނިސްޓްރީން ވަނީ އެމްޑީޕީ އަށް ދީފަ އެވެ. އެއާއެކު، ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ތިބި މީހުންގެ ހަގީގީ ސައިޒު މާލެ އިން އެކަނި ވެސް ދައްކާލާނެ ކަމަށް ބުނެ ޖަލްސާގެ ތައްޔާރީތައް ވަނީ ފަށައިފަ އެވެ.

އެ ތައްޔާރީތަކާ ގުޅުވައި ނިހާން ކުރެއްވި ޓުވީޓެއްގައި އެމްޑީޕީން މާލޭގައި ބާއްވާ ބޮޑު ޖަލްސާ އަށް އެމްޑީޕީގެ ސަޕޯޓަރުން ސިނަމާލެ ބްރިޖު ހުރަސްކޮށް ހުޅުމާލެ އިން މާލޭގެ ކާނިވާ ސަރަހައްދަށް އަންނަން ކެރޭނެތޯ ވަނީ ސުވާލު ކުރައްވައިފަ އެވެ. ނޫން ނަމަ، ޖަލްސާ އަށް އަންނާނީ ފެރީގައި 30 މިނެޓު ދުއްވާފައިތޯ ނިހާން އެއްސެވި އެވެ.

ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނަށް ފުއްދަވައި ދެއްވި މުހިއްމު ވައުދެއްގެ ގޮތުގައި، ކުލަގަދަ ރަސްމިއްޔާތަކުން މި ދިޔަ ބުރާސްފަތި ދުވަހު ހުޅުވި ބްރިޖު އާންމު ދަތުރުތަކަށް މާދަމާ ހުޅުވައިލާނެ އެވެ.

ނިހާންގެ ސުވާލަކީ އިދިކޮޅު ސަޕޯޓަރުންނަށް އަމާޒުކުރެއްވި "މަލާމާތެއްގެ" ގޮތުގައި ސިފަކޮށް، ނިހާން އަށް ވަނީ ފާޑުކިއުން އަމާޒުކޮށްފަ އެވެ.

ނިހާންގެ ސުވާލުން އުފެދުނު ހިތްހަމަނުޖެހުމުގައި، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަނީ ބްރިޖަކީ ވަކި ބަޔަކަށް އަޅާފައިވާ އެއްޗެއް ކަމަށް ނިހާންގެ ޓުވީޓުން ދޭހަވާ ކަމަށް ބުނެ އެވެ. އޭނާ އަށް ރައްދު ދިން މީހުން ބުނި ގޮތުގައި، ބްރިޖަކީ ރައީސް ޔާމީންގެ ފައިސާ އިން އަޅާދީފައިވާ އެއްޗެއް ނޫނެވެ. އެއީ ދިވެހި ރައްޔިތުންގެ ފައިސާ އިން އަޅާފައިވާ ބްރިޖެއް ކަމަށާއި އެހެންކަމުން، އެއީ ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގެއް ކަމަށް ވެސް އެމީހުން ބުނެ އެވެ.

"ކޮންމެ މީހެއްގެ ރައީސްކަމުގައި ވެސް ދިވެހި ސަރުކާރުން، ދިވެހި ރައްޔިތުންގެ ފަސޭހަ އާއި ލާބަ އަށް މަޝްރޫއުތައް ހިންގާނެ. އެއި، ވަކި މީހެއްގެ ފައިސާ އިން ނޫނީ ވަކި ބަޔަކު ބޭނުންކުރަން އިމާރާތް ކުރި މީހެއްގެ އަމިއްލަ ތަރިކަ މުދަލެއް ނޫން،" މީހަކު ޓުވިޓާގައި ލިއެފައިވެ އެވެ.

އެހެން މީހަކު ބުނީ، ޓެކްސްގެ ގޮތުގައި ބްރިޖަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ދައްކާނީ އެމްޑީޕީ މެމްބަރުން ކަމަށެވެ. އެހެންވެ، އެމްޑީޕީގެ މެމްބަރުން ބްރިޖު ބޭނުން ނުކުރަންވީ ސަބަބަކީ ކޮބައިތޯ އޭނާ އެހި އެވެ.

ނިހާންގެ ވާހަކަތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރި އެހެން މީހަކު ބުނެފައި ވަނީ ބްރިޖަކީ "އެ މީހުންގެ ތަރިކަ މުދަލޭ ހީވާ ކަހަލަ" ކަމަށެވެ. މި ވާހަކަ އަށް ތާއީދުކުރި އެހެން މީހަކު ބުނެފައި ވަނީ، "ބްރިޖަކީ ރައީސް ޔާމީންގެ އެއްޗެއް ނޫން" ކަމަށެވެ. ވަކި ބޭފުޅެއްގެ ތަރިކަ މުދަލަށް ބްރިޖު ހެދުން ހުއްޓާލެއްވުމަށް ވެސް ނިހާނަށް އޭނާ ގޮވައިލި އެވެ.

ބްރިޖާއި ތަރައްގީގެ އެހެން މަޝްރޫއުތައް ހިންގުނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ އަށް ޓެކްސް ނިޒާމް ތައާރަފްކޮށް ދެއްވުމުން ކަމަށް ވެސް އެއް ބަޔަކު ބުނެފައިވެ އެވެ.

ބްރިޖު އަޅަން ނެގި ލޯނުގެ ފައިސާ ދައްކާނީ، ރައީސް ޔާމީންގެ ސަޕޯޓަރުން އެކަނިތޯ ނިހާނަށް ސުވާލު އަމާޒުކުރި އެކަކު ލިއެފައި ވަނީ، އެހެންވެއްޖެ ނަމަ ބްރިޖަށް ނާރާނެ ކަމަށެވެ.

މި މަހު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ފޯރި ގަދަވެފައިވާ އިރު، ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯދަން ވެރިކަން ކުރާ ޕީޕީއެމުން ކެމްޕޭންގައި އެންމެ އަޑުގަދަކޮށް ދައްކަނީ ބްރިޖުގެ ވާހަކަ އެވެ. އެއީ، ދެ ވަނަ ދައުރެއްގައި ވެސް ރައީސް ޔާމީން ހޮވަން ޖެހޭ ސަބަބެއްގެ ގޮތުގައި ބުނަމުން އަންނަ އިރު، އިދިކޮޅުން ދެކެނީ އެފަދަ މަޝްރޫއުތަކަކީ، ރައްޔިތުންގެ ބޮލުގައި އަޅުވާ "ދަރަނީ"ގެ ގޮތުގަ އެވެ.

މި ބަހުސްގެ ތެރޭގައި ތިއްބައި ނިހާންގެ ސުވާލުން މި އޮތީ، އެހެން ހިތްހަމަނުޖެހުމެއް އުފަންވެފަ އެވެ.