ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް ކުރަން ޖެހުނު ކޮންމެ ކަމެއްކުރާނަން: އިދިކޮޅު

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކޮށްފައިވާއިރު، އުފައްދާ އެ ކޯލިޝަންގެ ސަރުކާރު ދަމަހައްޓާނެ ގޮތާ ގުޅޭގޮތުން ވަރަށް ގިނަ ސުވާލުތައް ކުރިމަތިވާ ކަމަށާއި އެކަމަކު ސަރުކާރު ދެމެހެއްޓުމަށް، ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ކޯލިޝަނުން މިރޭ ބުނެފި އެވެ.


ރިޔާސީ އިންތިހާބު، ބޮޑު ތަފާތަކުން އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކުރުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ޖުމްހޫރީ ޑެޕިއުޓީ ލީޑަރު ހުސެން ރަޝީދު ހަސަން ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ހެދި ކޯލިޝަންތަކާއި އެބޭފުޅުންގެ ކޯލިޝަން ތަފާތު ކަމަށެވެ.

އޭނާ ވިދާޅުވީ ޕާޓީތައް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެ ކޯލިޝަންތައް ކުރިން ހަދަނީ، އިންތިހާބުގެ ދެ ވަނަ ބުރުގައި ކަމަށެވެ. އެކަމަކު، މި ފަހަރުގެ ރިޔާސީ އިންތިހާބުގެ މާ ކުރިން، އިދިކޮޅު ޕާޓީތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ހުސެއިން ވިދާޅުވި އެވެ. އެހެންވެ، ދިމާވެދާނެ މައްސަލަތަކާއި އެކަންކަން ކުރިމަތި ވުމަށް މަގުފަހިވާނެ ކަންކަން އެނގޭ ކަމަށާއި ޕާޓީތަކުގެ މެދުގައި ދެ ބަސްވާ ހާލަތްތަކުގައި އަމަލު ކުރާނެ އިޖުރާއަތްތައް ވެސް ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، މިދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން މި ތިބީ ވަރަށް ބޮޑަށް ދަސްވެ، އެކަކު އަނެކަކުގެ މަސްލަހަތު ދަނެ، ކަންކަން ހައްލު ކުރާނެގޮތް އެނގިފައި. ސަރުކާރު ދެމެހެއްޓުމުގައި މި ތަޖުރިބާ ވަރަށް މުހިއްމު ވާނެ،" ހުސެއިން ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ރައީސް އަބްދުﷲ ޔާމީން ބަލި ކުރައްވައި ކާމިޔާބު ހޯއްދެވި އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމާ އެކު އިދިކޮޅު ފަރާތްތަކުން އުފާ ފާޅުކުރަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވިގޮތުގައި، ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތު ވުމަކީ ފިތުރަތުގައިވާ ކަމެކެވެ. އަދި އެކަންކަން ހައްލު ކުރުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. ހުސެއިން ވިދާޅުވީ ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު، އެ މީހަކު ފަހަތަށް ޖައްސަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ހިޔާލު ތަފާތު ވުމަކީ ބައެއް ފަހަރަށް، ރަނގަޅަށް ކަންކަން ކުރުމަށް ދިމާވާ ސަބަބަކަށް ވެސް ވެފައިވާ އެބަހުރި. އެ ހިޔާލު ތަފާތުވުންތައް އަޅުގަނޑުމެން އޮބަހައްޓައެއް ނުހަދާނަން. އެއީ އުފެއްދުންތެރި ކަމެއް ނަމަ އޭގެ ބޭނުން ހިފާނަން،" ހުސެއިން ވިދާޅުވި އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، އަލީ ނިޔާޒް ވިދާޅުވީ ކޯލިޝަންގައި ހިމެނޭ ޕާޓީތައް ގުޅިގެން މަސައްކަތް ކުރަން ފެށީ ހައެއްކަ ދުވަސް ކުރިން ނޫން ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ "އަނިޔާވެރި" ކަމާއި ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާތާ މިހާރު ތިން އަހަރު ވެއްޖެ ކަަމަށެވެ. އެހެންވެ، ހިޔާލު ތަފާތުވުންތައް ހުރި ނަމަވެސް އެއީ އެކުގައި މަސައްކަތް ކުރެވޭނެ ކޯލިޝަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ އެކުގައި މަސައްކަތް ކުރާއިރު، ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށާއި އެކަން ހަނދާން ނުނެތޭނެ ކަމަށެވެ. އެކަމަކު މި ވަގުތު އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ކުރަހައިދިން މަންޒަރު ފުރިހަމަ ކޮށްދިނުން ކަމަށާއި އެކަން ކާމިޔާބުކޮށް ދައްކާނެ ކަމަށް ޕާޓީތަކުން ބުންޏެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު، އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކުރީ 58 ޕަސެންޓް ވޯޓުންނެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އިދިކޮޅު ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް 134,616 ވޯޓު ވަނީ ލިބިފަ އެވެ. ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،132 ވޯޓެވެ.