އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ފަރާތުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން (ޑީޖީޓީ)ގެ މަގާމަށް ހ. ސީވީޑް، އަހުމަދު ލަތީފް (ސީވީޑް ލަތީފް) އައްޔަން ކުރުމަށް ފޮނުވައިފި އެވެ.

ސީވީޑް ލަތީފަކީ ކުރިން ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުރި ސަފީރެވެ. މިހާރު އޮލިމްޕިކް ކޮމެޓީގެ ނައިބު ރައީސެވެ. އަދި އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފުގެ ބޭބެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ޑީޖީޓީގެ މަގާމަށް ވީހާ ވެސް އަވަހަކަށް ލަތީފް އައްޔަން ކުރުމަށާއި އޭނާ މަސައްކަތް ކުރާނެ އޮފީހާއި އިންތިޒާމް ހަމަޖެއްސުމަށް ގޮވާލައްވާ ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް ސަރުކާރަކުން ލިބެންޖެހޭ ހިދުމަތް އެ ލެޖިޓިމެސީއާއެކު ލިބުން އަވަސް ކޮށްދެއްވުން މިހާރު އޮތީ ސިވިލް ސާވިސް ކޮމިޝަނުގެ އަތްޕުޅުމަތީގައި،" މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން މާރިޔާ ވަނީ ވެރިކަމުގެ ބާރުތައް ބަދަލު ކުރުމާ ގުޅޭ މަސައްކަތް ކުރާ އޮފީހުގެ ފަރާތުން ސަރުކާރުގެ ބައެއް އިދާރާތަކުގައި ކަންތައްތައް ކޮށްފައިވާ ގޮތް ބަލާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

"އެންމެ ބޮޑެތި ގޮންޖެހުންތައް އަޅުގަނޑުމެންނަަށް ފެންނަން ފަށާނީ ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އައްޔަން ކުރެވި އޮފީސްތަކަށް ކޮމެޓީތަކުން ވަދެ އެތަންތަން ރަނގަޅަށް ބަލައި އެތަންތާންގައި ކަން ހިނގާފައި ހުރި ގޮތްތަކުގެ ހަގީގަތް ފެންނަން ފެށީމަ،" އޭނާ ވިދާޅުވި އެވެ.

ޑީޖީޓީ ވާނީ ސިވިލް ސާވިސްގެ މުވައްޒަފަކަށެވެ. ވެރިކަން ބަދަލު ކުރުމުގެ މަރުހަލާއާ ގުޅޭ ގާނޫނުގައި ބުނެފައިވާ ގޮތުން އެދިއްޖެ ހިނދެއްގައި އިންތިހާބީ ރައީސަކަށް މަސައްކަތް ކުރާނެ އޮފީހަކާއި ފަންނީ މާހިރުންނާއި ކެއިން ބުއިމާއި ދިރިއުޅުމުގެ ހަރަދު ހަމަޖައްސައިދިނުމަކީ ޑީޖީޓީގެ ޒިންމާއެކެވެ.

ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވުމަށް ހަމަޖައްސަވާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދެވެ.