އައްޑޫގައި ވަޅި ހެރި މައްސަލައިގައި 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

ރޭ ސ. މަރަދޫގައި ޒުވާނަކަށް ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި، 17 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފި އެވެ.


ފުލުސް އޮފީހުން ބުނި ގޮތުގައި އުމުރުން 22 އަހަރުގެ މުހައްމަދު އީވާނަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ކުޑަކުއްޖާ ހައްޔަރު ކުރީ، ފިލައިގެން ހުޅުމީދުއަށް ދިޔަތަނުންނެވެ. އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި އެ މާރާމާރީގައި އީވާންގެ ކަރަށާއި ބުރަކައްޓަށާއި ބޮލަށް ވެސް ވަނީ ވަޅި ހަރާފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑުގެ ހަތް ތަނަކަށް ވަޅި ހަރާފައިވާއިރު ފުއްޕާމެއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު މިއަދު ހަވީރު އޭނާ ވަނީ މާލެ ގެނެސްފަ އެވެ. މިހާރު އޭނާ އޮތީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ. އީވާންގެ ހާލު ސީރިއަސް ކަމަށާއި ނޭވާލައްވަމުން ދަނީ ވެންޓިލޭޓަރެއްގެ އެހީގައި ކަމަށް އެނގިފައި ވެ އެވެ.

މި މާރާމާރީގައި އިތުރު އެހެން މީހަކަށް ވެސް އަނިޔާވި އެވެ. އެކަމަކު އެ އަނިޔާތައް އެހާ ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.