ރާއްޖެ އާއި އިންޑިޔާ ދެމެދު އޮތް އިތުބާރާއި އެކުވެރިކަން އަނބުރާ ގެންނަން ޖެހިފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އިއްޔެ ވިދާޅުވެއްޖެ އެވެ.
ދުންޔާ މިހެން ވިދާޅުވީ އޭނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން އިންޑިޔާ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމަށް ފަހު ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި އެކުވެރިކަން ދަމަހައްޓަން އަލުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"ބައްޕަގެ ފަރާތްޕުޅުން އަޅުގަނޑުގެ އެކުވެރިޔާ ސުޝްމާ ސްވަރާޖާ ބައްދަލު ވެވުމުން [އަޅުގަނޑު] ވަރަށް އުފާވެއްޖެ. އަޅުގަނޑުމެންގެ ދެ ގައުމުގެ މެދުގައި [އަޅުގަނޑުގެ] ބައްޕަ ވަރަށް ގާތް އެކުވެރިކަމެއް ބިނާކުރި. އަޅުގަނޑުމެން އެ އެކުވެރިކަމާއި އިތުބާރު ދަމަހައްޓަން އަލުން މަސައްކަތްކުރަން ޖެހޭ،" ދުންޔާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.
މައުމޫންގެ ފަރާތްޕުޅުން ދަރިކަނބަލުން ދުންޔާ އިންޑިޔާ އަށް ވަޑައިގެންނެވި އިރު، ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ކަފާލާތުގެ ދަށުން މައުމޫން މިނިވަންވުމުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ފޯނުން ގުޅުއްވައި މައުމޫނަށް ހިތްވަރު ދެއްވައިފަ އެވެ. މި ފޯނު ކޯލުގައި މޯދީ މައުމޫނަށް ހިތްވަރު ދެއްވުމުން އެ މަނިކުފާނު ވަނީ މޯދީ އަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ މި ދައުރު ޗައިނާ އަށް އިސްކަން ދެއްވައިގެން އެ ގައުމާ ގުޅުން ބަދަހި ކުރުމުން، ރާއްޖެ އާއި އިންޑިޔާއާ ދެމެދު އޮތް ގުޅުމަށް ވަނީ ބުރޫ އަރައިފަ އެވެ.
މިދިޔަ މަހު 23 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންޑިޔާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އިންޑިޔާގެ ބޮޑުވަޒީރު މޯދީ މިހާރު ވަނީ ދައުވަތު އަރުވައިފަ އެވެ. އަދި އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ އަށް ވެސް ވަނީ ދައުވަތު އަރުވައިފަ އެވެ.