މިނިސްޓަރު މުއިއްޒާ މަގުމަތިން ދިމާކޮށްލައިފި

ފްލެޓް ބަހާފައި ވަނީ ނާއިންސާފުން ކަމަށް ބުނެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ގިނަ ބަޔަކު މިއަދު ދިމާކޮށްލައިފި އެވެ.


ރިޔާސީ އިންތިޚާބް ބާތިލް ކުރުމަށް ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން މިއަދު ކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމަށް ސަރުކާރު އަދި ޕީޕީއެމުން ގޮސް ތިބި މީހުންގެ ތެރޭގައި މިނިސްޓަރު މުއިއްޒު ވެސް ހިމެނިވަޑައިގަތެވެ. މާފަންނުއާގެއާ ދިމާލު ޕޭވްމަންޓުގައި މުއިއްޒާއި ސަރުކާރުގެ އެކި މަގާމުތަކުގައި އުޅުއްވާ ބޭފުޅުންގެ އިތުރުން ޕީޕީއެމް ސަޕޯޓަރުން ތިއްބެވެ.

އިންތިހާބު ބާތިލްކޮށްފާނެތީ ނުރުހުން ފާޅުކުރަން އެ ސަރަހައްދަށް އެއްވެ ތިބި، އިދިކޮޅު ކޯލިޝަންގެ ޕާޓީތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު މިނިސްޓަރު މުއިއްޒާ ދިމާއަށް އެއްޗެހި ކިޔައި އަޑުގަދަކުރަން ފެށުމުން އޭނާ ވަނީ އެ ސަރަހައްދު ދޫކުރައްވައި ވަޑައިގެންފަ އެވެ.

މިނިސްޓަރު މުއިއްޒު ކޯޓު ސަރަހައްދުގައި ހުންނަވަނިކޮށް ދިމާކޮށްލުން-- ފޮޓޯ: މިހާރު

ފުލުހުންނާއި ޕީޕީއެމް ސަޕޯޓަރުންގެ ހިމާޔަތުގައި އާބުރުޒު ހިނގުމުން، ފަރީދީ މަގަށް މިނިސްޓަރު ވަޑައިގެންނެވި ވަގުތު އިދިކޮޅު ކޯލިޝަންގެ ގިނަ އަދަދެއްގެ ބަޔަކު ނުރުހުން ފާޅުކުރަމުން މިނިސްޓަރުގެ ފަހަތުން ވެސް ދިޔަ އެވެ. އެއްވެ ތިބި މީހުން މިނިސްޓަރު ކައިރީގައި ހުރެ އަޑުގަދަކޮށް ނުރުހުން ފާޅުކުރި ނަމަވެސް ހަމަނުޖެހުމެއް ހިންގާފައެއްނުވެ އެވެ.

އިދިކޮޅު މީހުން އެންމެ ބޮޑަށް ނުރުހުން ފާޅުކުރީ ނުހައްގުން ފްލެޓް ދިނުމާއި އިދިކޮޅު ކޯލިޝަނަށް ސަޕޯޓުކުރާ މީހުންނަކީ އެހެން ދީންތައް ރާއްޖެ އަށް ގެންނަން އެހީތެރިވާ ބައެއް ކަމަށް މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށެވެ.