ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރާއްޖޭން ބޭރުގައި ހުންނަވައި ކުރެއްވި އެންމެ މުހިންމު މަސައްކަތަކީ ރައީސް އަބްދުﷲ ޔާމީން ހިންގެވި ކޮރަޕްޝަނާއި އެހެނިހެން ކަންކަން ފަޅާއަރުވާލެއްވުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ސިޔާސީ ހިމާޔަތާ ގުޅޭ ގޮތުން ލަންޑަންގެ ސައުތު އޭޝިއާ އިނިސްޓިޓިއުޓްގައި ތަގުރީރު ކުރައްވަމުން ނަޝީދު ވިދާޅުވީ ބޭރުގައި ހުންނަވައި ކުރެއްވި މަސައްކަތުން، ބާރުތައް އެއްކުރައްވައިގެން ރައީސް ޔާމީން ހިންގަވަން އުޅުނު ކަންކަމަށް ފާރަވެރިވެ އެކަންކަން ފަޅާއަރުވާލެއްވުނު ކަމަށެވެ.
"ކޮރަޕްޝަނުގައި ރައީސް ޔާމީންގެ ބައިވެރިވުން އޮތްކަން ދައްކުވައިދޭ ހެކިތަކެއް އެއްކުރިން. އެކަންކަން ފޮރުވަން ސަރުކާރުން ފެތުރި ޕްރޮޕެގެންޑާއާ ދެކޮޅަށް ނުކުމެ އެ ވާހަކަތައް ބަލިކަށިކޮށްލަން މަސައްކަތްކުރިން. އަދި އަހަރެމެން ބަދަލަށް ގޮވަމުން ދިޔަ އެހެން މީހުންނާ އެކު ސިޔާސީ އިއްތިހާދެއް ގާއިމްކުރިން،" ނަޝީދު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރެއްވުމުން 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ނަޝީދު ވިދާޅުވީ އެ ގައުމުގައި އޮތް ސިޔާސީ މިނިވަންކަމުގެ ބޭނުންކުރެއްވީ ރާއްޖޭގެ ސިޔާސީ ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށް ކަމަށެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ހިންގަމުން ދިޔަ ލާއިންސާނީ އަމަލުތައް ފަޅާއަރުވާލެއްވުމެވެ.
އިދިކޮޅު ފަރާތްތަކުން ކާމިޔާބުކުރި ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް ނޭނގުނު ކަމަކީ ރައްޔިތުންގެ ބޭނުންތަކާއި އިހުސާސް ދެނެގަތުން ކަމަށެވެ. ކެމްޕެއިން ކުރުމަކީ ހަމައެކަނި ތަރައްގީ ތަންފީޒު ކުރުން ނޫން ކަމާއި އޭގެ މުހިންމު ކަމަކީ ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންގެ ވާހަކަތައް އަޑުއެހުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އޭޝިއާ މީހުން ބޭނުންވަނީ ހުދުމުޚުތާރު ވެރިއެއް ކަމާއި އޭގެ އިތުރުން މުސްލިމް ގައުމުތަކުން އަބަދުވެސް ވޯޓު ދޭނީ ހައްދުފަހަނައަޅާފައިވާ މީހުންނަށޭ ވެސް ބުނެ އުޅޭ ކަމަށެވެ.
"އެކަމަކު އެއީ ހަގީގަތެއް ނޫން. އަދި އެއީ ދިވެހިރާއްޖޭގައި ވެސް ކަން ހިނގި ގޮތެއް ނޫން. ނުވަތަ މެލޭޝިއާގައި ވެސް އެ ގޮތުން ބަލަންޏާ،" ނަޝީދު ވިދާޅުވި އެވެ.
"ހުރިހާ އެންމެން ވެސް، ހަމުގެ ކުލަ އާއި ވިސްނުން ނުވަތަ ދީން ތަފާތުވީ ނަމަވެސް، ބޭނުންވާނީ އަސާސީ އެއް ކަންތައްތަކެއް."
ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރާއްޖެއިން ބޭރުގައި ނަޝީދު އުޅުއްވާތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަދި އަންނަ މަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވަނީ އިއުލާންކުރައްވައިފަ އެވެ.