ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އަށް އިލްތިމާސް ކުރުމަށް އެދޭ ގަރާރެއް އިދިކޮޅު ޕާލަމެންޓަރީ ގްރޫޕުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ފެބްރުއަރީ، 22، 2015 ގައި، ނަޝީދު ހައްޔަރު ކޮށްފައި ވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ ގާނޫނާ ހިލާފް އަމުރެއްގެ ދަށުން ކަމަށެވެ.
ނަޝީދު ހައްޔަރު ކުރުމަށް ފަހު ފެބްރުއަރީ، 23ގައި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ނެތި އެ މަނިކުފާނުގެ ޝަރީއަތް ފަށައި އެންމެ 19 ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ވެސް އެ މަނިކުފާނަށް ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ނިގުޅައިގަތުމަށް ފަހު ކަމަށެވެ.
"ދިވެހި ސަރުކާރުން ރައީސް މުހައްމަދު ނަޝީދު ޣައިރު ޤާނޫނީ ގޮތެއްގައި ހައްޔަރުކޮށް، ބަންދުކޮށް، ކްރިމިނަލް ކޯޓުން ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ބޭއިންސާފުން ޝަރީއަތެއް ހިންގައި، [ޖަލަށް ލާފައި ވަނީ] ނުޙައްގުން،" ކަމަށް އެ ގަރާރުގައިވެ އެވެ.
އެގޮތަށް ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް މީހަކަށް ލިބޭ ހައްގެއް ނިގުޅައިގަތުމުގެ ބާރު ސަރުކާރަށް ލިބިގެން ނުވާ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.
"ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެންމެހައި ހައްގުތަކާއި މިނިވަންކަން އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާނޭ ގޮތުގެ މަތިން ކޮންމެ މީހަކަށްމެ ލިބިގެންވާކަން ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާތީ އާއި އަސާސީ ހައްގުތަކާއި މިނިވަންކަން އިއުތިބާރީ ގޮތުން ނިގުޅައިގަތުމުގެ ބާރެއް ދިވެހި ސަރުކާރަށް ވެސް ލިބިގެންނުވޭ،" އެ ގަރާރުގައި ބުނެފައިވެ އެވެ.
ރައީސް ނަޝީދުގެ މައްޗަށް ކޯޓުން ހުކުމް ކޮށްފައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީގެ އިތުރުން ރާއްޖެ ސޮއި ކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ހިލާފަށް ކަމަށް އދ. ގެ ވޯކިން ގްރޫޕުން ސެޕްޓެމްބަރު، 4، 2015 ގައި ނިންމާފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ހުކުމް ބާތިލް ކުރުމުގެ އިތުރުން ބޭސް ފަރުވާ އަށް ވަޑައިގެން އެނބުރި ގައުމަށް ވަޑައިގެންފައިނުވާތީ އެ މަނިކުފާނު ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރު ބާތިލް ކުރުމަށާއި ރައީސް އަބްދުﷲ ޔާމީނާއި ގާސިމް އިބްރާހިމް ހައްޔަރު ކުރި ކަމަށް ބުނެ އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ބާތިލު ކުރުމަށް ވެސް އެދިފައިވެ އެވެ.