ސިންގަޕޫރު ސްކޫލުގެ އޯޕަންޑޭ މާދަމާ ބާއްވަނީ

ހުޅުމާލޭގައި އަލަށް ހުޅުވަން ހަމަޖައްސާފައިވާ ސިިންގަޕޫރުގެ "ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލު" ގެ އޯޕަންޑޭ، މާދަމާ ހުޅުމާލޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.


ހުޅުމާލޭގައި މިހާރު ވެސް ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް ހިންގަމުން އަންނަ ކޮލިޓެޓް އެޑިއުކޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ ރަޝީދު މިއަދު ވިދާޅުވީ، އޯޕަންޑޭ އޮންނާނީ މެންދުރުފަހު 2:00-6:00 އަށް ކަމަށެވެ. އެ ހަރަކާތުގައި، އަލަށް ހުޅުވާ ސްކޫލުގެ ފުރިހަމަ މައުލޫމާތު ލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ސިންގަޕޫރު ސްކޫލު ގާއިމް ކުރާނީ، މިހާރު ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް ހިންގަމުން އަންނަ ފަރީދިއްޔާ ސްކޫލްގެ އިމާރާތުގަ އެވެ. އަދި ސިންގަޕޫރު ސްކޫލް ގާއިމްވުމާ އެކު، ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް އުވޭނެ އެވެ.

ބްރައިޓްވޭ ސްކޫލު ހިންގާނީ ސިންގަޕޫރުގެ އިރުޝާދު ޓްރަސްޓް ލިމިޓެޑާއި ގުޅިގެންނެވެ. އަދި އެ ސްކޫލުގައި ބޭނުންކުރާނީ ސިންގަޕޫރުގެ މަޝްހޫރު މާޝަލް އެންޑް ކެވެންޑިޝްގެ ފޮތްތަކެވެ.

މޫސަ ވިދާޅުވި ގޮތުގައި އެ ފޮތްތަކާ ބެހޭ މައުލޫމާތު ދިނުމަށް މާޝަލް އެންޑް ކެވެންޑިޝްގެ ބޭފުޅުން ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

"އޯޕަންޑޭ ގެ މައިގަނޑު މަގުސަދަކީ ސިންގަޕޫރުގެ ސްކޫލަށް ގެންނަ ބަދަލުތައް ބެލެނިވެރިންނާ ހިއްސާކުރުން. ފޮތްތަކާއި ޔުނީފޯމަށް އަންނަ ބަދަލުތަކާއި އެފަދަ ހުރިހާ މައުލޫމާތެއް ލިބޭނެ. އެކަމަކު އެޑްމިޝަންނާ ގުޅުން ހުރި އެއްވެސް ކަމެއް މާދަމާ ނޯންނާނެ،" މޫސަ ވިދާޅުވި އެވެ.