ރައީސް ޔާމީން ބަންދުކުރި މައްސަލާގައި އަމީންގެ މައްްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތެއް ނުވި

އެމްޑީޕީ ވެރިކަމުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ބަންދުކުރި މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


އެމްޑީޕީގެ ވެރިކަމުގައި ޖުލައި، 2010 ގައި ރައީސް ޔާމީން ސިފައިންގެ ބެލުމުގެ ދަށުން ކ. އާރަށުގައި ބެހެއްޓީ ހިމާޔަތް ދޭން ކަމަށް ބުނެ އެވެ. އޭރު ރައްޔިތުންގެ މަޖިލީހުގެ މުލަކުު ދާއިރާގެ މެމްބަރަކަށް ހުންނެވި ރައީސް ޔާމީން ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވަންދެން އާރަށުގައި ބެހެއްޓި އެވެ.

އެ މައްސަލާގައި އަމީންގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ހުކުމް އިއްވުމަށްޓަކައި މިއަދު ބޭއްވި މަޖިލީހުގައި އެ މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އަލީ ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށް ބަލާއިރު، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އަމީންގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނެތް ކަމަށެވެ.

ހުކުމް އިއްވެވުމުގެ ކުރިން ފާހަގަ ކުރެވުނު ނުކުތާތައް އިއްވަވަމުން ގާޒީ އިބްރާހިމް ވިދާޅުވީ ގާނޫނުއަސާސީ އޮތްގޮތުން މަޖިލީހުގެ މެމްބަރުންނަށް ހިމާޔަތް ދިނުމާއި ގާނޫނީ ވެރިކަން ދެމެހެއްޓުމަކީ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް ކަމަށެވެ. އަދި އެ މައްސަލާގައި ރައީސް ޔާމީން އާރަށުގައި ބެހެއްޓީ އޭރު މާލެ ތެރޭގެ ހާލަތު އޮތްގޮތުން ހިމާޔަތް ދިނުމަށް ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ގާޒީ އިބްރާހިމް ވިދާޅުވި އެވެ.

އެ މައްސަލާގައި އަމީންގެ ފަރާތުން ވަނީ ދިފާއީ ހެއްކެއްގެ ގޮތުގައި ރައީސް ޔާމީން ހާޒިރުކޮށް، ހެކިބަސް ނެގުމަށް ކުރިން ހުށަހަޅައިފަ އެވެ. އެކަމަކު ކޯޓުން ނިންމާފައި އޮތީ އެމަނިކުފާނުގެ ހެކިބަސް ނަގަން ނުޖެހޭ ކަމަށެވެ.

އެ ދައުވާ ސާބިތުވި ނަމަ، އަމީންގެ މައްޗަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ.

ރައީސް ޔާމީން ބަންދުކުރި މައްސަލާގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. އެކަމަކު މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ އަނބުރާ ފޮނުވާލައިފަ އެވެ.

ގާނޫނާ ޚިލާފަށް ބަންދުކުރި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ހޯއްދެވުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އޭރު ދައުލަތާ ދެކޮޅަށް ވެސް ދައުވާ ކުރެއްވި އެވެ. އޭރުގެ މަދަނީ ކޯޓުގައި ކުރެއްވި އެ ދައުވާ ސާބިތުވެ، އެމަނިކުފާނަށް ބަދަލު ދޭން ދައުލަތަށް ކޯޓުން އަމުރުކުރި އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން އިސްތިއުނާފް މަރުހަލާގައި އެ މައްސަލަ އޮއްވާ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން، ގެއްލުމުގެ ބަދަލުގެ ފައިސާ ބޭނުންފުޅު ނުވާ ކަމަށް ދައުލަތަށް އެންގުމުން އިސްތިއުނާފް މައްސަލަ ދައުލަތުން އަނބުރާ ގެނަ އެވެ.