ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ހިތްވަރު ދިން ކަމަށް ބުނެ ކުރީގެ ފުލުހަކަށް ދައުލަތުން ކުރި ދައުވާ އަށް އޭނާ މިއަދު އިންކާރުކޮށްފި އެވެ.

ރައީސް ޔާމީން އަވަހާރަކޮށްލަން ހިތްވަރު ދިން ކަމަށް ބުނެ ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުމުގެ ދައުވާ ދައުލަތުން ކުރަނީ ހއ. ހޯރަފުށީ ދަނބުމާގޭ، އިބްރާހިމް ސަލީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް އެ ދައުވާ ކުރަނީ އޭނާ ހިންގި ދެ ޓްވިޓާ އެކައުންޓެއް މެދުވެރިކޮށް، ރައީސް ޔާމީން އަވަހާރަކޮށްލަން ހިތްވަރު ދީ، އެކަމަށް ފައިސާ ހުށަހެޅި ކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ދައުވާ އިއްވުމުން ސަލީމް ބުނީ އެ ދައުވާ އަށް އިންކާރު ކުރާ ކަމަށެވެ.

ދައުވާ އަށް އިންކާރު ކުރާ ސަބަބާ މެދު ވާހަކަ ދައްކަން ދިން ފުރުސަތުގައި ސަލީމްގެ ދިފާއީ ވަކީލް ވަނީ ދައުވާއާ މެދު ސުވާލުތަކެއް އުފައްދައިފަ އެވެ. ސަލީމްގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ދައުވާ އަށް އިންކާރު ކުރާ ސަބަބާ ބެހޭގޮތުން ވާހަކަ ދެއްކޭނީ އެކަންކަން ދައުލަތުން ސާފުކޮށް ދިނުމުން ކަމަށެވެ.

އެގޮތުން ނޫރު ވިދާޅުވީ ރައީސް ޔާމީން އަވަހާރަކޮށްލަން ހިތްވަރު ދިން ކަމަށް ބުނާ ޓްވީޓަކީ ކޮބައިތޯ އާއި އެ ޓްވީޓްގެ އިބާރާތް، ދައުވާގައި ނެތީ ކީއްވެގެންތޯ ދައުލަތާ ސުވާލު ކުރިމަތިކޮށްފަ އެވެ. އަދި ރައީސް ޔާމީން އަވަހާރަކޮށްލަން ހިތްވަރު ދިން ކަމަށް ދައުވާގައި ބުނާއިރު، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ ސަލީމަށް ކުރަނީ ކީއްވެގެންތޯ ނޫރު ސުވާލު ކުރެއްވި އެވެ. ޓެރަރިޒަމްގެ އަމަލެއް ކުރަން ހިތްވަރު ދިނުން އެއީ ވަކި ކުށެއްގެ ގޮތުގައި ޓެރަރިޒަމްގެ ގާނޫނުގައި އޮތްއިރު، އެ ދައުވާ ނުކުރީ ކީއްވެގެންތޯ ދައުލަތާ ނޫރު ސުވާލު ކުރެއްވި އެވެ.

ނޫރުގެ އެ ސުވާލުތަކާ ގުޅިގެން ދައުލަތުން އެދުނީ ދެން އޮންނަ އަޑުއެހުމެއްގައި އެކަމަށް ޖަވާބު ދިނުމަށް ފުރުސަތު ދިނުމަށެވެ.

އިތުރު ފުރުސަތަކަށް ދައުލަތުން އެދުމުން ވަކީލް ނޫރު ވަނީ އެކަމާ ދެކޮޅު ހައްދަވައި، އެ ފުރުސަތު ނުދެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ނޫރު ވިދާޅުވީ އޭނާ ސުވާލު ކުރެއްވި ކަންކަމަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 80 ވަނަ މާއްދާގެ ދަށުން ދައުވާއެއް ކޯޓަށް ހުށަހަޅާއިރު، ވެސް ސާފުވެފައި ހުންނަން އެ ގާނޫނު ލާޒިމްކުރާ ކަންކަން ކަމަށެވެ. އެ ސުވާލުތަކަށް ޖަވާބު ދިނުމަށް އިތުރު ފުރުސަތަކަށް ދައުލަތުން އެދުމުން އޭގެ މާނައަކީ، އެ މައްސަލަ ކޯޓަށް ހުށަހެޅީ އެކަންކަން ސާފު ނުކޮށް ކަމަށް ދައުލަތުން އެއްބަސްވުން ކަމަށް ނޫރު ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ދައުވާއެއް ކޯޓަށް ހުށަހަޅާއިރު، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަން ދައުލަތަށް ލާޒިމްވާނެ ކަމަށެވެ. އެކަމަކު ދިފާއީ ވަކީލް ކުރި ސުވާލުތަކަށް ޖަވާބު ދޭން އިތުރު ފުރުސަތަކަށް ދައުލަތުން އެދުމުން، އޭގެ މާނައަކީ އެ މައްސަލަ ކޯޓަށް ފޮނުވީ ގާނޫނުގެ 80 ވަނަ މާއްދާގައި ބުނާ ކަންކަން ފުރިހަމަވި ކަން ކަށަވަރު ނުވަނީސް ކަމަށް ބެލެވޭނެ ސަބަބެއް ނޫން ކަމަށެވެ.

އެހެންވެ ގާޒީ އާރިފް ނިންމެވީ ސުވާލުތަކަށް ޖަވާބު ދިނުމަށް ދައުލަތަށް ފުރުސަތެއް ދެއްވުމަށެވެ. ގާޒީ އާރިފް ވިދާޅުވީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން އިބްތިދާއީ މަރުހަލާގައި ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އެއީ ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަން ނުވަތަ ނޫންކަން ކަނޑައަޅުއްވާނެ ކަމަށެވެ.

އެ ދައުވާ ސަލީމްގެ މައްޗަށް ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ އެވެ.